އޮސްޓްރޭލިއާއާ އެއްވަރުކޮށް ސީރިއާ ވޯލްޑް ކަޕްގެ އުއްމީދު އާކޮށްފި
އޮސްޓްރޭލިއާއާ އެއްވަރުކޮށް ސީރިއާ ވޯލްޑް ކަޕްގެ އުއްމީދު އާކޮށްފި

މެލަކާ ސިޓީ، މެލޭޝިއާ (އޮކްޓޫބަރު 5) - އަންނަ އަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕުގެ ކޮލިފައިންގެ އޭޝިއަން ޕްލޭ އޮފް ބުރުގެ ފުރަތަމަ ލެގުގައި މިރޭ އޮސްޓްރޭލިއާއާ 1-1 އިން އެއްވަރުކޮށް މުބާރާތަށް ކޮލިފައިވުމުގެ އުއްމީދު ސީރިއާ އިން އާކޮށްފި އެވެ.

ހަނގުރާމަ ކުރިއަށްދާތީ ސީރިއާގެ ހޯމް މެޗުތައް ކުޅެމުން އަންނަނީ މެލޭޝިއާގަ އެވެ. މިރޭ ސީރިއާގެ ހޯމް މެޗު ކުޅުނީ ހަން ޖެބާތު ސްޓޭޑިއަމްގަ އެވެ. މި މެޗުގެ 40 ވަނަ މިނިޓްގައި އޮސްޓްރޭލިއާ އަށް ލީޑުނަގައިދިނީ ރޮބީ ކްރޫސް އެވެ. ސީރިއާ އިން އެއްވަރުކުރީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީ އަކުން އަލް ސޯމާ އެވެ.

މެޗަށް ފަހު ސީރިއާގެ ކޯޗު އައިމަން ހަކީމް ބުނީ އޮސްޓްރޭލިއާ އިން ލީޑުނެގި ނަމަވެސް ސީރިއާ ކުޅުންތެރިން ކުރި މަސައްކަތުން ބަލިނުވެ ފަރުޖައްސާލެވުމުން ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދުގައި ކުރިއަށްދާން ހިތްވަރު ލިބިއްޖެ އެވެ.

"އަހަރެމެން އެކުގައި ނުކުތީ މުޅި ގައުމަށްޓަކައި ވަކި ކަމެއް ހާސިލްކުރަން. މަންޒިލަށް ވާސިލްވުމާ ގާތުގައި އޮއްވައި މި ކުޅުންތެރިން ބޭނުމެއް ނުވޭ އެހާ ފަސޭހައިން ދޫކޮށްލަން. މި މެޗުން ބަލިނުވުމުން އަދިވެސް އަހަރެމެންނަށް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް،" އައިމަން ބުންޏެވެ.

އޮސްޓްރޭލިއާގެ ކޯޗު އެންޖެލޯސް ޕޮސްޓެކޮގްލޫ ބުނީ މިއީ އޭނާގެ ޓީމަށް މޮޅުވެވޭނެ މެޗެއް ކަމަށާއި އެހެން ނަމަވެސް އަމިއްލަ ގައުމުގައި ކުޅޭ ދެ ވަނަ ލެގުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އޮސްޓްރޭލިއާގެ ސިޑްނީގަ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ބައްދަލުކުރަން ޖެހޭނީ އިންޓަނޭޝަނަލް ޕްލޭއޮފް ބުރުގައި އުތުރު އަދި މެދުތެރެ އެމެރިކާގެ ކޮލިފައިންގެ ހަތަރު ވަނަ ޓީމާ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ލިބޭނެ އެވެ.

ސީރިއާ ޓީމުގައި ގިނައީ އޮމާނާއި ޖޯޑަން އަދި ގަތަރު ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. އަދި މި ޓީމުގެ ދެ ވަނަ ކީޕަރަކީ ރާއްޖޭގެ މާޒިޔާ އަށް ކުޅެމުން އަންނަ މަހުމޫދު އަލް ޔޫސުފް އެވެ.