ބަޑިޖެހި މީހާ އަމިއްލަ އަށް މަރުވުމުގެ ކުރިން އޮތީ ނޯޓެއް ލިޔެފައި
ބަޑިޖެހި މީހާ އަމިއްލަ އަށް މަރުވުމުގެ ކުރިން އޮތީ ނޯޓެއް ލިޔެފައި

ލަސް ވެގަސް (އޮކްޓޯބަރު 5) - އެމެރިކާގެ ލަސް ވެގަސްގައި ބަޑިން ހަމަލާދީ 58 މީހުން މަރާލި ސްޓެފަން ޕެޑޮކް، އެންމެ ފަހުން އަމިއްލަ ގަޔަށް ބަޑިޖަހާ މަރުވުމުގެ ކުރިން އޭނާ އޮތީ ނޯޓެއް ލިޔެފައި ކަމަށް ފުލުހުން ބުނެފި އެވެ.

ލަސް ވެގަސްގެ މެޓްރޯޕޮލިޓަން ޕޮލިހުން ބުނީ ޕެޑޮކް މަސައްކަތް ކޮށްފައި ވަނީ ހަމަލާ ދިނުމަށް ފަހު ފިލުމަށް ކަމަށެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން އޭނާ ހުރީ ކޮޓަރީގަ އާއި ކޮޓަރިން ބޭރުގައި ކެމެރާ ހަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އޭނާ އަމިއްލަ އަށް މަރުވީ ފިލޭނެ ގޮތެއް ނެތުމުން ކަމަށް ވެސް ބުންޏެވެ. މަރުވުމުގެ ކުރިން ޕެޑޮކް ލިޔެފައި ބޭއްވި ނޯޓުގައިވާ ލިޔުން ފުލުހުން އާއްމުކޮށްފައެއް ނުވެ އެވެ.

ފުލުހުން މިހާރު ވަނީ ހޮޓަލުގައި ޕާކުކޮށްފައި އޮތް ޕެޑެކޮކުގެ ކާރުން ވެސް 50 ރާތަލުގެ ގޮވާތަކެއްޗާ އެތައް ވަޒަނެއް ހޯދައިފަ އެވެ.

ތަހުގީގު ޓީމުގެ 100 އަށް ވުރެ ގިނަ މީހުން ވޭތުވެދިޔަ ތިން ދުވަހު މަސައްކަތްކޮށްފައި ވަނީ ޕެޑޮކުގެ ދިރިއުޅުމާ ބެހޭ މައުލޫމާތާއި އޭނާ މި ހަމަލާ ދިނީ ކީއްވެތޯ ބެލުމަށެވެ. އެކަމަކު ޕެޑޮކުގެ ލޯބިވެރިޔާ މަރިލޫ ޑަންލޭ ވެސް ބުނެފައި ވަނީ އެ ފަދަ ހަމަލާއެއް ދޭން ރާވާކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. ހަމަލާ ދިން އިރު ޑަންލޭ ހުރީ ފިލިޕީންސްގަ އެވެ. އޭނާ އެމެރިކާ އަށް ދިއުމުން އެފްބީއައި އިން ވަނީ ސުވާލު ކުރަން ފަށައިފަ އެވެ.