01 ޖުލައި 2016 - 20:43

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ނުގެނައުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.
އީޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި މިކަމަށް ގޮވާލާއި މި ވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވާހަރަކޮށްލިކަމުގެ ކުށުގައި ހ. ލޮބީ ހުސެއިން ހުމާމަށް އިއްވާފައި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައި ހުކުމް ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކޮށްފި ނަމަ އެއީ 1953 ވަނަ އަހަރުގެ ފަހުން ރާއްޖޭގައި އެފަދަ ހުކުމެއް ތަންފީޒުކުރާ ފުރަތަމަ ފަހަރުކަން ފާހަގަކުރަމުން ބުނެފައި ވަނީ މަރުގެ ހުކުމް ތަންފީޒުކުރުން މުޅި ދުނިޔޭގައި ވެސް ހުއްޓާލުމަކީ އީޔޫ އިން ވަކާލާތުކުރާ ގޮތް ކަމަށެވެ.
އީޔޫގެ ނޫސްބަޔާނުގައި ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަކީ އިންސާނިއްޔަތާ ހިލާފު އަނިޔާވެރި އަދަބެއް ކަމަށެވެ. އަދި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުން ހުއްޓާފައި އޮތް އޮތުން ދެމެހެއްޓުމަށް އެ ޖަމާއަތުން ވަނީ ގޮވާލައިފަ އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު ބޭރުގެ އެކި ޖަމާއަތްތަކުން ދަނީ މަރުގެ ހުކުމް ތަންފީޒުނުކުރުމަށް ގޮވާލަމުންނެވެ.