އުފަންދުވަސް ފާހަގަކުރަން އަމީތާބު ރާއްޖެއަށް؟
އުފަންދުވަސް ފާހަގަކުރަން އަމީތާބު ރާއްޖެއަށް؟

މި މަހުގެ 11 ވަނަ ދުވަހަކީ ބޮލީވުޑް މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަންގެ 75 ވަނަ އުފަން ދުވަހެވެ. މި ދުވަސް ފާހަގަކުރުމަށް އަބީތާބުގެ ދަރިފުޅު އަބީޝެކް އާއި އޭނާގެ އަންހެނުން އައިޝްވަރިޔާ ރާއްޖެ އަންނަން ރާވާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ. އެކަމަކު މިއީ ދޮގެއް ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެ އެވެ.

އަމީތާބާއެކު މި ދަތުރުގައި އަބީޝެކްގެ ދެމަފިރިންގެ އިތުރުން ޝްވޭތާ ބައްޗަން ނަންދާ އާއި ޝްވޭތާގެ ދެ ކުދިން ކަމަށްވާ ނަވްޔާ ނަވޭލީ އާއި އަގަސްތިޔާ އަދި އާއިލާގެ އެހެން ބައެއް މެންބަރުން ބައިވެރިވާ ކަމަށް ވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.

ކުރިން ޚަބަރު ފެތުރިފައި އޮތީ ފިލްމް ސިޓީގައި ވެސް އަމީތާބު ވަރަށް ބޮޑު ޕާޓީއެއް މިފަހަރު ބާއްވާނެ ކަމަށެވެ. ނަމަވެސް ފަހުގެ ޚަބަރުތައް ބުނަނީ މިފަހަރު އުފަން ދުވަސް ފާހަގަކުރުން ހަމައެކަނި އާއިލާގެ މެދުގައި ކުރާ ކަމަކަށް ހަދަން އަމީތާބު ބޭނުންވާ ކަމަށެވެ.

ބައްޗަން އާއިލާގެ މީހުން ރާއްޖެއަށް ލޯބި ޖެހިފައިވާ ކަމަށް ވެސް ފިލްމްފެއާ އިން ފާހަގަކޮށްފައިވެ އެވެ. ސަބަބަކީ 2016 ގައި ވެސް އެމީހުން އަބީޝެކްގެ އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އައިސްފައިވާތީ އެވެ. އެހެންކަމުން މިހާރު ކޮންމެ އަހަރަކު އެއް ފަަހަރު ރާއްޖެއަށް ޒިޔާރަތް ކުރުން އެ އާއިލާއިން އާދައަކަށް ހެދީ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

އެ އާއިލާގެ ގާތް މީހަކު ފިލްމްފެއާ އާ ވާހަކަ ދައްކަމުން ބުނެފައިވަނީ ރާއްޖެއަށް ކުރިން ކުރި ދަތުރަކީ އެމީހުން ވަރަށް ހިތްހަމަޖެހުނު އުފާވެރި ދަތުރެއް ކަމަށެވެ. އެ މީހާ ބުނެފައި ވަނީ މިފަހަރު ވެސް ރާއްޖެ އައިސް ތިބޭނީ ކުރިން ވެސް ތިބި ރިސޯޓުގައި ކަމަށާއި މުޅި އާއިލާއަށް ޔޮޓް ޕާޓީއެއް ދޭން ވެސް އަބީޝެކް ގަސްތުކޮށްފައިވާ ކަމަށެވެ.

މި ޚާއްސަ މުނާސަބަތު ފާހަގަކުރުމަށް ބައްޗަން އާއިލާގެ އެންމެން ވެސް ވަނީ ޗުއްޓީ ނަގައިފަ އެވެ. ޗުއްޓީ އަށް ފުރުމުގެ ކުރިން އައިޝްވަރިޔާ "ފެނީ ޚާން"ގެ އެއް ހަފުތާގެ ޝޫޓިން ފުރިހަމަ ކުރަން ވަނީ ހަމަޖެހިފަ އެވެ.

މި ޗުއްޓީއާ ބެހޭ ގޮތުން އަމީތާބު ވަނީ އޭނާގެ ޓީވީ ޝޯ "ކޯން ބަނޭގާ ކުރޯޅްޕަތީ"ގެ ޓީމަށް ވެސް މައުލޫމާތު ދީފައި ކަމަށްވެ އެވެ.

ނަމަވެސް އިންޑިއާގެ ނޫހެއް ކަމަށްވާ ޑެއްކަން ހެރަލްޑަށް އަމީތާބު ދީފައިވާ އިންޓަވިއުއެއްގައި މި ވާހަކަތައް ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި އުފަން ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކުރުމަކީ ބޭކާރު ކަމެކެވެ. އެހެންވެ އަމީތާބުގެ އަސްލު ޕްލޭނަކީ ކޮބައިކަމެއް ޔަގީނެއް ނޫނެވެ.