"ފާސްޓް އެންޑް ފިއުރިއަސް 9" ރިލީޒް ކުރާ ތާރީހު ފަސްކޮށްފި
"ފާސްޓް އެންޑް ފިއުރިއަސް 9" ރިލީޒް ކުރާ ތާރީހު ފަސްކޮށްފި

ކުރިން 2019 ގައި ރިލީޒް ކުރަން ތާވަލް ކުރި "ފާސްޓް އެންޑް ފިއުރިއަސް 9" 2020 އަށް ފަސްކޮށްފި އެވެ.

ޔުނިވާސަލް އިން ބުނީ ކާމިޔާބު ފްރެންޗައިޒްގެ ނުވަ ވަނަ ފިލްމް ކުރިން އެޕްރީލް 19، 2019 އަށް ތާވަލް ކުރި ނަމަވެސް، ފިލްމް ބެލުންތެރިންނާ ހަމައަށް އަންނާނީ އެޕްރީލް 10، 2020 ގައި ކަމަށެވެ. ނަމަވެސް ފިލްމް ރިލީޒް ކުރާ ތާރީހު ފަސްކުރި ސަބަބެއް ޔުނިވާސަލް އިން ހާމައެއް ނުކުރެ އެވެ.

މި ގެނައި ބަދަލާ އެކު މިހާރު މިވީ ގޮތުން ކުރިން އެޕްރީލް 10، 2020 އަށް ތާވަލްކޮށްފައި އޮތް، ޔުނިވާސަލްގެ އެނިމޭޓެޑް ފިލްމް "ޓްރޯލްސް 2" ރިލީޒް ކުރާ ތާރީހު މިހާރު ވަނީ އަވަސްކޮށްފަ އެވެ. އެ ފިލްމް މިހާރު ތާވަލްކޮށްފައި ވަނީ ފެބްރުއަރީ 14، 2020 އަށެވެ.

އެފް ގެރީ ގްރޭ ޑައިރެކްޓްކޮށް މިދިޔަ އެޕްރީލްގައި ގެނެސް ދިން "ދަ ފޭޓް އޮފް ދަ ފިއުރިއަސް" އަކީ މި އަހަރުގެ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމެވެ. އެ ފިލްމަށް ވަނީ 1.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވިން ޑީޒެލް އާއި ޑްވޭން (ރޮކް) ޖޯންސަން އަދި ޖެސެން ސްޓެތަމް ފަދަ ތަރިން މުހިއްމު ރޯލްތައް ކުޅޭ "ފާސްޓް އެންޑް ފިއުރިއަސް" ގެ ނުވަ ފިލްމުން ވެސް ކުރީގެ މައިގަނޑު ކާސްޓުން ފެނިގެން ދާނެ އެވެ.

"ފާސްޓް އެންޑް ފިއުރިއަސް" އަކީ 2001 އިން ފެށިގެން ގެނެސް ދެމުން އަންނަ ކްރައިމް ތުރިލާއެކެވެ.