ސިދާރްތު-ސޮނާކްޝީގެ އިއްތިފާގު ތަފާތުވާނެ
ސިދާރްތު-ސޮނާކްޝީގެ އިއްތިފާގު ތަފާތުވާނެ

ސިދާރްތު މަލްހޯތުރާ އާއި ސޮނަކްޝީ ސިންހާ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "އިއްތިފާގު" އަކީ ލޯބީގެ ފިލްމެއް ނޫނެވެ. މި ފިލްމުގައި މި ދެ ތަރިން ގަސް ގަހުގެ ވަށައިގެން އެނބުރި ލަވަ ކިޔާ ތަނެއް ނުފެންނާނެ އެވެ. މި ފިލްމަކީ 1969 ގައި ޔާޝް ޗޯޕްރާ އުފެއްދި ތުރިލާ "އިއްތިފާގު"ގެ ރިމޭކް އެކެވެ.

މިއީ މުއްސަނދި މީހަކާއި ގޮތްނޭނގޭ އަންހެނެއްގެ ބައިވެރިވުމެއް އޮތް، ގޮތް ނޭނގޭ މަރުގެ ހާދިސާތަކެއްގެ ހަގީގަތް ހޯދަން ކުރާ މަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.

މީގެ އޮރިޖިނަލް ފިލްމް ޑައިރެކްޓްކުރީ ޔާޝް ޗޯޕްރާގެ ބޭބެ ބީއާރު ޗޯޕްރާ އެވެ. މިފަހަރުގެ ފިލްމު ޑައިރެކްޓްކުރަނީ ބީ އާރް ޗޯޕްރާގެ ކާފަ ދަރިފުޅު އަބޭ ޗޯޕްރާ އެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާ ބެލި ގިނަ ބަޔަކު ބުނަނީ ޑައިރެކްޓްކުރުމުގެ ރޮނގުން އަބޭ ތައާރަފްވާން މިއަށް ވުރެ ފުރިހަމަ ފިލްމެއް ނެތް ކަމަށެވެ. "އިއްތިފާގު" ޓްރެއިލާ އެހާވެސް މޮޅުވެފައި ނޭވާ ހިފަހައްޓާލަން ޖެހޭ ގޮތް އެބަހުރި ކަމަށް މީހުން ބުނެ އެވެ.

ފިލްމުގައި އަކްޝޭ ކަންނާ ވެސް ވަރަށް މުހިއްމު ރޯލެއް ކުޅެ އެވެ. މަރުގެ ހާދިސާގެ ހަގީގަތް ހޯދަން މަސައްކަތްކުރާ ފުލުހެއްގެ ރޯލުން އަކްޝޭގެ ވިދުން ފިލްމުގެ ލީޑް ރޯލު ކުޅޭ ދެ ތަރިންނަށް ވުރެ ވެސް ގަދަ އެވެ.

ކަރަން ޖޯހަރާއި ޝާހްރުކް ޚާން ކޯ-ޕްރޮޑިއުސްކުރާ މި ފިލްމަކީ ބަލައިނުލާ ދޫކޮށްލާވަރުގެ ފިލްމެއް ނޫން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

އޮރިޖިނަލް ފިލްމުގައި ރާޖޭޝް ކަންނާ އަދާކުރި ރޯލު މިފަހަރުގެ ފިލްމުގައި ކުޅެނީ ސިދާރްތު އެވެ. ނަންދާ އަދާކުރި ބައި ކުޅެނީ ސޮނާކްޝީ އެވެ.

ނޮވެމްބަރު 3 ގައި ރިލީޒްކުރާ މި ފިލްމުގެ ސައުންޑްޓްރެކާއި މަންޒަރުތައް ވެސް ވަރަށް ރީއްޗެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައި އިނީ ސިދާރްތުގެ ފޮޓޯއެކެވެ. އެ ޕޯސްޓަރާއެކު ސިދާރްތު ކޮށްފައިވާ ޓުވީޓެއްގައި އޭނާގެ ނުކުރާ ކުށެއްގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. ދެ ވަނަ ޕޯސްޓަރުގައިވަނީ ސޮނާކްޝީ އެވެ. އެ ޕޯސްޓަރު ޓުވީޓްކުރީ ސޮނާކްޝީ އެވެ. އޭނާ ވެސް ބުނެފައި ވަނީ އޭނާއަކީ ވެސް ދޮގު އިލްޒާމްތަކެއްގެ ޝިކާރައަކަށް ވެފައިވާ ކުށެއް ނެތް މީހެއްކަމަށެވެ. އަދި އޭނާގެ ވާހަކަ އަޑުއަހާލަން ބޭނުމެއް ނޫންހޭ އަހާފައިވެ އެވެ.