05 އޮކްޓޯބަރ 2017 - 12:05

މެލަކާ ސިޓީ، މެލޭޝިއާ (އޮކްޓޫބަރު 5) - ވޯލްޑް ކަޕް ކޮލިފައިންގައި އޭޝިއަން ޕްލޭ އޮފް ބުރުގެ ފުރަތަމަ ލެގުގައި މިރޭ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ މެޗަކީ ސީރިއާ އިން ކުޅިވަރުގައި ހާސިލްކުރަން ބޭނުންވާ އެންމެ ބޮޑު ޓާގެޓަށް ދިއުމުގެ މަސައްކަތުގެ ފެށުމެއް ކަމަށް ސީރިއާ ޓީމުގެ ކޯޗު އައިމަން ހަކީމް ބުނެފި އެވެ.
އޭޝިއާގެ ޕްލޭއޮފް ބުރުން ސީރިއާ ޖާގަ ހޯދީ ތިން ވަނަ ބުރުން ގްރޫޕްގެ އޭގެ ތިން ވަނަ ހޯދައިގެންނެވެ. އެ ޓީމު ތިން ވަނަ ހޯދީ ގަތަރާއި ޗައިނާ ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ސީރިއާ ގްރޫޕްގެ ތިން ވަނަ ހޯދީ ހަތަރު ވަނައަށް ދިޔަ އުޒްބެކިސްތާނާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ފައިދާ ލަނޑުން ކުރިލިބޭތީ އެވެ. ސީރިއާ ޕްލޭއޮފް ޖާގައެއް ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ވަނީ ފަހު ވަގުތުގެ ލަނޑާ އެކު 2-2 އިން އިރާނާ އެއްވަރުކޮށްގެންނެވެ.
ސީރިއާއާ ދެކޮޅަށް ކުޅޭ އޮސްޓްރޭލިއާ ޕްލޭއޮފް ބުރުގައި ވާދަކުރަނީ ގްރޫޕް ބީގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ.
ހަނގުރާމަ ކުރިއަށްދާތީ ސީރިއާގެ ހޯމް މެޗުތައް ކުޅެމުން އަންނަނީ މެލޭޝިއާގަ އެވެ. ސީރިއާގެ ކޯޗު އައިމަން ބުނީ މެލޭޝިއާގައި ކުޅުނު ނަމަވެސް އެ ޓީމުން ގަބޫލުކުރަނީ މިއީ އަމިއްލަ ގައުމުގެ ސަޕޯޓަރުންގެ ހައްގުގައި ކުރެވޭ ކަމެއް ކަމަށެވެ.
"ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ސީރިއާގެ ކޮންމެ މީހެއްގެ މޫނަށް ވެސް ހިނިތުންވުމެއް ގެނެސްދޭނެ ކަމެއް. މުޅި ދުނިޔެ އަށް އެނގޭ އަހަރެމެންގެ ގައުމު އޮތް ހާލަތު. އަހަރެމެން އެންމެނަށް އެކުގައި އުފަލެއް ހޯދައިދެވެން އޮތީ ކުޅިވަރުގެ ތެރެއިން. އަހަރެމެން މި ފަށަނީ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ މަސައްކަތް،" އައިމަން ބުންޏެވެ.
ސީރިއާ ޓީމުގައި ގިނައީ އޮމާނާއި ޖޯޑަން އަދި ގަތަރު ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. އަދި މި ޓީމުގެ ދެ ވަނަ ކީޕަރަކީ ރާއްޖޭގެ މާޒިޔާ އަށް ކުޅެމުން އަންނަ މަހުމޫދު އަލް ޔޫސުފް އެވެ.
ޕްލޭއޮފްގެ ދެ ލެގުން އޮސްޓްރޭލިއާގެ މައްޗަށް ސީރިއާ އިން ކުރިހޯދައިފިނަމަ އެ ޓީމު ދެން ކުޅެން ޖެހޭނީ ފަހު ޕްލޭއޮފް މެޗެވެ. އެ މެޗުގައި އެ ޓީމު ކުޅެން ޖެހޭނީ އުތުރު އަދި މެދުތެރެ އެމެރިކާގެ ކޮލިފައިންގެ ހަތަރު ވަނަ ޓީމާ އެވެ.