މިއީ އިމްރާނަށް ފުރުސަތު ދޭންވީ ވަގުތު؟!
މިއީ އިމްރާނަށް ފުރުސަތު ދޭންވީ ވަގުތު؟!

އޭޝިއަން ކަޕަށް ދިއުމަށް ރާއްޖެ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ އަންނަ ހަފުތާގެ އަންގާރަ ދުވަހުގެރޭ މާލޭގައި އޮމާން ބަލިކޮށްގެންނެވެ. މި މެޗަށް ނުކުންނައިރު ބަދަލުތަކެއް ބޭނުންވެ އެވެ. ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް ކޯޗު ޑަރެން ސްޓެވާޓް ވަނީ ބުނެފަ އެވެ. ގޯލްކީޕަރުގެ މަގާމަކީ އެފަދަ ބަދަލެއް ބޭނުންވާ މަގާމެކެވެ. މި ވަގުތު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ގޯލް ބެލެހެއްޓުމުގެ ފުރުސަތު ދޭން އެންމެ ރަނގަޅު ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު ދެކެނީ ށ. މިލަންދޫ ޓީމުގެ ގޯލްކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) އެވެ.

އޮމާން އަތުން ރަށުން ބޭރުގައި ކުޅުނު މެޗުން 5-0 އިން ރާއްޖެ ބަލިވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ޓީމަށް އަމާޒުވި އެވެ. އެ މެޗުގައި ރާއްޖެ ކޮޅަށް ފުރަތަމަ ލަނޑު ވަނީ ގޯލްކީޕަރު ނިއު ރޭޑިއަންޓުގެ މުހައްމަދު ފައިސަަލް އަތުން ހެދުނު ގޯހަކުންނެވެ.

އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ވެލެންސިއާ އާއި ވިކްޓަރީ އަށް ޖާގަ ނުލިބުމުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުމަށް ފައިސަލާއި އިމްރާން ޖެހުނީ ޓީމު ބަދަލުކުރާށެވެ. ފައިސަލް ނިއު އަށް ދިޔައިރު އިމްރާން ބަދަލުވީ މިލަންދޫ އަށެވެ.

ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ނިއު ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ފައިސަލް އެވެ. އަނެއް ދެ މެޗުގައި އެ ޓީމުގެ ކީޕަރަކަށް ކުޅުނީ ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު އެވެ.

މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގެ ތެރެއިން ސްކޮޑަށް ބަލާއިރު އެންމެ ނަތީޖާ ރަނގަޅު ޓީމަކީ މިލަންދޫ އެވެ. މާލޭ ލީގުން ޕްރިމިއާ ލީގަށް ދިޔަ ހަތަރު ޓީމަށް ވެސް އެންމެ އުނދަގޫވީ މިލަންދޫއާ ދެކޮޅަށް ކުޅޭށެވެ. ގްރީން ސްޓްރީޓްސް އާއި ނިއު އަދި މާޒިޔާ އަށް މިލަންދު ބަލިކުރެވުނީ އެއް ގޯލުގެ ތަފާތުންނެވެ. ޓީސީ އަށް މިލަންދޫ އަތުން މޮޅެއް ނުހޯދުނެވެ. މި ހުރިހާ މެޗެއްގައި ވެސް މިލަންދޫ ގޯލުގައި އިމްރާން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ހާއްސަކޮށް ޓީސީ އާއި ނިއުއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި އޭނާ ވަނީ އެ ދެ ޓީމުން ފޮނުވާލި ނުރައްކާތެރި ބޯޅަތަކެއް ހުއްޓުވައިފަ އެވެ.

ޓީީސީ މެޗަށް ފަހު މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ވަނީ އިމްރާންގެ ލީޑަޝިޕް ރަނގަޅުކަން ފާހަގަކޮށްފަ އެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ޑިފެންޑަރުންނަކީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ އެހާ ބޮޑަށް ލިބިފައިތިބި ކުޅުންތެރިންނެއް ނޫން. އެ ކުޅުންތެރިންގެ ފަހަތުގައި އިމްރާން ހުރުމަކީ ވަރަށް ބޮޑު ހިތްވަރެއް. އޭނަގެ ލީޑަޝިޕް ވަރަށް ފެނޭ ފަހަތުން،" ކުރިން ނިއު އާއި ގައުމީ ޓީމުގެ ޑިފެންސަށް ގިނަ މެޗުތަކެއް ކުޅުނު ނާސިރު ބުންޏެވެ.

އިމްރާން ވަނީ މީގެ ކުރިން ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި 2015 ވަނަ އަހަރު ގައުމީ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. އޭގެ ތެރޭގައި ޗައިނާ އާއި ގަތަރު އަދި ހޮންކޮންއާ ދެކޮޅަށް ކުޅުނު މެޗުތައް ހިމެނެ އެވެ. އެ މެޗުތަކަށް ބަލާއިރު ގައުމީ ޓީމުގެ ގޯލުގައި ފުރަތަމަ ފަހަރަށް ނުކުމެ އޭނާ ދެއްކި ކުޅުން ގޯސް ނޫން ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

ގައުމީ ޓީމުގެ ކޯޗު ސްޓެވާޓް މީގެ ކުރިން ބުނީ ވާދަވެރި ދެ ކީޕަރުން ތިބުމަކީ އޭނާ އަށް އޮތް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި ޓީމުގެ ކޮންމެ މަގާމަކަށް ވެސް ކުޅުންތެރިން ދައްކާ ކުޅުމަށް ބަލާފައި ބަދަލު ގެންނާނެ ކަމަށް އޭނާ އޭރު ބުންޏެވެ. ދިވެހި ޕްރިމިއާ ލީގުގައި ފައިސަލާއި އިމްރާން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު އިމްރާން މި ވަގުތު ހުރީ ރަނގަޅު ފޯމެއްގައި ކަމަށް ގިނަ ބަޔަކު އެއްބަސްވާނެ އެވެ.