05 އޮކްޓޯބަރ 2017 - 10:29

އިސްތަންބޫލް (އޮކްޓޯބަރު 5) - ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަވަހާރަކޮށްލަން އުޅުނު މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އެ ގައުމުގެ ކޯޓަކުން އިއްވައިފި އެވެ.
މިދިޔަ އަހަރު ތުރުކީ އަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅިގެން އުރުދުޣާން އަވަހާރަކޮށްލަން އުޅުނު ކަމުގެ ކުށުގައި 46 މީހެއްގެ މައްޗަށް ވަނީ ޖަލު ހުކުމް އިއްވައިފަ އެވެ. މީގެ ތެރޭން ގިނައީ ތުރުކީ ސިފައިންގެ ކުރީގެ އޮފިސަރުންނެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ބަޣާވާތް ކުރަން އުޅުނު ރޭ އުރުދުޣާން ހުންނެވި ހޮޓަލަށް ހަމަލާ ދޭން އުޅުނު ކަމަށެވެ.
ކޯޓުގައި ހުރި ރޮއިޓާސްގެ ރިޕޯޓަރަކު ބުނީ ޝަރީއަތަށް ހާޒިރުކޮށްފައިވާ މީހުންނަށް ފަހު ބަސް ބުނުމުގެ ފުރުސަތު ދިނުމުން ކުރީގެ ލެފްޓިނެންޓަކު ވަނީ ޖުލައި 16 ވަނަ ދުވަހު އޭނާ ހައްޔަރުކުރި ފަހުން އޭނާއާ މެދު އަމަލުކޮށްފައި ވަނީ ކުށްވެރިއެއްގެ ގޮތަށް ކަމަށް ބުނެފަ އެވެ.
ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ހުންނެވީ އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ގުލަން ކަމަށް ތުރުކީ ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ. އެކަމަކު އޭނާ ކޯޓަށް ހާޒިރުކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ މައްޗަށް އެއްވެސް ހުކުމެއް އިއްވައިފައެއް ނުވެ އެވެ.
ކޯޓުގެ ބޭރުގައި ވަނީ އުރުދުޣާން އަށް ތާއީދު ކުރާ ފަރާތްތަކުން ބަޣާވަތް ކުރި މީހުންނަށް މަރުގެ ހުކުމް އިއްވަން ގޮވާލައިފަ އެވެ. އެކަމަކު ތުރުކީގައި 2004 ވަނަ އަހަރު ވަނީ މަރުގެ އަދަބު ދިނުން ހުއްޓާލައިފަ އެވެ. ބަޣާވާތަށް ފަހު މަރުގެ އަދަބު އަލުން ދިނުމަށް އުރުދުޣާން ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެކަމަކު ޔޫރަޕިއަން ޔޫނިއަން އިން ބުނެފައި ވަނީ ތުރުކީގައި މަރުގެ އަދަބު ދޭން ފަށައިފި ނަމަ އެ ގައުމު އެ ޖަމާއަތަށް ވަނުމަށް ކުރާ މަސައްކަތް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
ބަޣާވާތް ކުރި ރޭ އުރުދުޣާން ހުންނެވީ ތުރުކީގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ މަރްމާރިސްގަ އެވެ. އެ ރިސޯޓަށް އަރާ އުރުދުޣާން އަށް ހަމަލާ ދޭން ވެސް މަސައްކަތް ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބަޣާވާތަށް ފަހު ގަޑިއިރުތަކެއް ފަހުން ވީޑިއޯ ފޯނެއް މެދުވެރި ކުރައްވާ އުރުދުޣާން ދެއްވި ލައިވް ޓީވީ އިންޓަވިއުއެއްގައި ވިދާޅުވީ އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ ކަމަށެވެ.
ތުރުކީ އަށް ގެންނަން އުޅުނު ބަޣާވާތުގައި 250 މީހުން ވަނީ މަރުވެފަ އެވެ. ބަޣާވާތަށް ފަހު އެތައް ހާސް ބަޔަކު ވަނީ ވަޒީފާ އިން ވަކިކޮށް އަދި ހައްޔަރުކޮށްފަ އެވެ.