ބަޔާނާ ހަވާލުވާން ހެއިންކެސް އެނބުރި އަންނަނީ؟
ބަޔާނާ ހަވާލުވާން ހެއިންކެސް އެނބުރި އަންނަނީ؟

ބާލިން (އޮކްޓޯބަރު 5) – ހުސްވެފައިވާ ބަޔާން މިއުނިކުގެ ކޯޗުގެ މަގާމް ފުރަން، މިހާރު ރިޓަޔާކޮށްފައިވާ އެ ޓީމުގެ ކުރީގެ ކޯޗު ޔުޕް ހެއިންކެސް އަންނާނެ ކަމަށް ޖަރުމަނުގެ ބިލްޑް ނޫހުން ރިޕޯޓްކޮށްފި އެވެ.

އުމުރުން 72 އަހަރުގެ ހެއިންކެސް 2013 ވަނަ އަހަރު ބަޔާނުގެ ކޯޗުކަމުން ވަކިވެ ކޯޗިން އިން ރިޓަޔާކުރީ އެ ޓީމަށް އެ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޖަރުމަން ލީގު އަދި ޖަރުމަން ކަޕް ކާމިޔާބުކޮށްދިނުމަށް ފަހު އެވެ.

ހެއިންކެސް އެންމެ ފުރަތަމަ ބަޔާނަށް ކޯޗުކޮށްދިނީ 1987 އިން 1991 އަށެވެ. އޭގެ ފަހުން ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯ އާއި ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ ބެންފީކާ އަށް ކޯޗުކޮށްދިނުމަށް ފަހު 2007 ވަނަ އަހަރު ކޯޗިން ހުއްޓާލި އެވެ. އޭނާ ވަނީ 1998 ވަނަ އަހަރު މެޑްރިޑަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.

އޭނާ 2009 ވަނަ އަހަރު ރިޓަޔާމަންޓުން އެބުރި އައީ ޔާގެން ކްލިންސްމަން މަގާމުން ވަކިކުރުމުން ވަގުތީ ގޮތުން ބަޔާނާ ހަވާލުވުމަށެވެ. އެ ސީޒަނަށް ފަހު ބަޔާން ލެވަކޫސަނަށް 2011 ވަނަ އަހަރުގެ ނިޔަލަށް ކޯޗުކޮށްދިނުމަށް ފަހު އަލުން ބަޔާނާ ހަވާލުވި އެވެ. އޭނާ ކޯޗިން އިން ރިޓަޔާކުރީ 2013 ވަނަ އަހަރެވެ.

ކާލޯ އަންޗެލޮޓީ ވަކިކުރުމަށް ފަހު ބަޔާނަށް މިހާރު ވަގުތީ ގޮތުން ކޯޗުކޮށްދެނީ ފްރާންސުގެ ކުރީގެ ކުޅުންތެރިއާ ވިލީ ސެންޔޯލެވެ. ބިލްޑް ނޫހުން ބުނާ ގޮތުގައި ހެއިންކެސް ވަގުތީ ގޮތުން ރިޓަޔާމަންޓުން އެނބުރި އައިސް މި ސީޒަނުގެ ނިޔަލަށް އެ ޓީމަށް ކޯޗުކޮށްދޭނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބަޔާނުގެ ރައީސް އުއި ހޮއެނެސް ވަނީ އެ ޓީމަށް ގެންނާނެ ކޯޗަކާ ބެހޭގޮތުން ކުރީގެ ކޯޗު ޕެޕް ގާޑިއޯލާއާ މަޝްވަރާކޮށްފަ އެވެ. ގާޑިއޯލާ ބުނެފައިވާ ގޮތުގައި އެ މަގާމަށް ގެންނަން އެންމެ ރަނގަޅުވާނީ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ކަމަށެވެ.