"ޕަދްމާވަތީ" އިން ދީޕިކާއަށް ހިތްދަތިކަން
"ޕަދްމާވަތީ" އިން ދީޕިކާއަށް ހިތްދަތިކަން

"ޕަދްމާވަތީ"ގެ ރާނީ ޕަދްމާވަތީގެ ރޯލުގެ ޝޫޓިންގައި ދީޕިކާ ޕަދުކޯން ވަރަށް ބޮޑަށް ދެރަވެ، އޭނާ ޑިޕްރެޝަންގައި އުޅުނު ދުވަސްވަރު މަތިން ހަނދާންވާ ގޮތް ވެއްޖެ އެވެ. ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރާ މި ފިލްމުގައި ދީޕިކާއަށް އެހާ އުނދަގޫވީ އޭނާގެ ކެރެކްޓާ އަމިއްލައަށް މަރުވާ މަންޒަރު ކުޅެން ޖެހުމުންނެވެ.

މި މަންޒަރުގައި އަލާއުއްދީން ޚިލްޖީ (ރަންވީރު ސިންގް)ގެ ލަޝްކަރު ގޮސް ރާނީ ޕަދްމާވަތީގެ ރަށަށް ހަމަލަދީ އެ ރަށުގެ ހުރިހާ ފިރިހެނުން މަރައި، ރާނީ އަތުލަން މަސައްކަތް ކުރެ އެވެ. ރަންވީރުގެ ޚިލްޖީ ކެރެކްޓާ އަކީ ޕަދްމާވަތީ ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. އެހެންވެ ކޮންމެ ގޮތެއް ހަދައިގެން ވެސް ރާނީ ހާސިލްކުރަން ޙިލްޖީ މަސައްކަތް ކުރެ އެވެ. އެހެންވެ ރާނީގެ ފިރިމީހާ މަހާރާވަލް ރަތަން ސިންގް (ޝާހިދު ކަޕޫރު) އާ ހަނގުރާމައަށް ޚިލްޖީ ނުކުމެ އެވެ. ނަމަވެސް ޕަދްމާވަތީ އާއި އެ ރަސްކަމުގެ ކިއްލާގައި އުޅޭ ހުރިހާ އަންހެނުން ދުޝްމަނުންގެ އަތު ނުވާން ވެގެން "ޖޯހަރް" ކުރަނީ އެވެ. ޖޯހަރް އަކީ އަމިއްލައަށް މަރުވުމަށް އެ މީހުން ބޭނުންކުރާ ކަމެއް ކަމަށްވެ އެވެ.

މި ރޯލު ވީހާ ފުރިހަމައެއްކޮށް ކުޅުމަށް ދީޕިކާ އަންނަނީ ގަދައަޅައި މަސައްކަތްކުރަމުންނެވެ. ނަމަވެސް މި މަންޒަރުތައް ކުޅުމަކީ ދީޕިކާ އަށް ނަފްސާނީ ގޮތުން ވަރަށް ހިތްދަތި އަދި އުނދަގޫތަކާ ކުރިމަތިވި ކަމަށް ވަނީ ވެފަ އެވެ.

މި ފިލްމުގެ ސެޓުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި "ޖޯހަރް" ނުވަތަ އަމިއްލައަށް މަރުވާ މަންޒަރެއް ކުޅުމަކީ ހަގީގަތުގައި އެއްވެސް މީހަކަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ޚާއްސަކޮށް ބާންސާލީ ކަހަލަ ޑައިރެކްޓަރަކު ވަރަށް ބޮޑަށް އެ ކެރެކްޓާއެއްގެ އިހްސާސްތައް އެމީހަކަށް ހަގީގަތުގައި ވެސް ކުރެވެން ޖެހޭނެ ކަމަށް ގަބޫލުކޮށް އެގޮތަށް ކަންތައް ކުރުމަށް ބާރު އަޅާނެ އެވެ. އަދި ބާންސާލީ އަކީ ކޮންމެ މަންޒަރެއް ވެސް އެންމެ ފުރިހަމައަށް ނެގުމަށް އެކަމަށް ވަރަށް ގިނަ ވަގުތު ވެސް ހޭދަކުރާ މީހެކެވެ. އެހެންވެ "ޖޯހަރް" މަންޒަރަށް ތައްޔާރުވެ އެ މަންޒަރު އެންމެންނަށް ރަނގަޅަށް އިހްސާސް ކުރުވަން ވެސް އޭނާ ވަރަށް ގިނަ ވަގުތު ނެގި އެވެ.

ދީޕިކާ އަކީ ކުރިން ވެސް ކްލިނިކަލް ޑިޕްރެޝަންގައި އުޅެފައިވާ މީހަކަށް ވާތީ މިފަދަ މަންޒަރުތައް ކުޅުމުގެ ސަބަބުން އޭނާއަށް މާ ބޮޑަށް އެ ދުވަސްތައް ހަނދާންވެ އަމިއްލަ ނަފްސަށް އުނދަގޫވާ ގޮތް ވީ އެވެ. ނަމަވެސް އަލުން ޑިޕްރެޝަންގެ ޝިކާރައަކަށް ވާކަށް ދީޕިކާ ބޭނުމެއް ނޫނެވެ. އޭނާއަށް އެންމެ އުނދަގޫވީ އެ ފަދަ ހާލަތަކަށް ހިނގައިދާނެތީ މާ ބޮޑަށް ކަންބޮޑުވުމުގެ ސަބަބުންނެވެ.

ވަރަށް މަޖާ މިޒާޖެއްގައި އަބަދުވެސް ފެންނަ ރަންވީރު ވެސް ވަނީ އޭނާ ކުޅޭ ކެރެކްޓާ ކަމަށްވާ އަލާއުއްދީން ޚިލްޖީގެ އަނިޔާވެރިކަމާއި ނުލަފާކަމުން ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރު ކުރުމުގެ ސަބަބުން ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަން ހޯދާފަ އެވެ.