04 އޮކްޓޯބަރ 2017 - 19:23

ބާސެލޯނާ (އޮކްޓޯބަރު 4) - ސްޕޭނުގެ މައި ސަރުކާރުން އިންޒާރުތައް ދިން ނަމަވެސް މިނިވަންކަން އިއުލާން ކުރަން ކެޓަލޯނިއާގެ ލީޑަރުން ތައްޔާރުވެއްޖެ އެވެ.
ކެޓަލޯނިއާގެ ރައީސް ކާލްސް ޕުޖްޑެމޮން ބީބީސީ އަށް ވިދާޅުވީ ކެޓަލޯނިއާ އަކީ މިނިވަން ދައުލަތެއްކަން މި ހަފުތާގެ ފަހުކޮޅު ނޫނީ އަންނަ ހަފުތާގެ ކުރީކޮޅު އިއުލާން ކުރާނެ ކަމަށެވެ. ކެޓަލޯނިއާގެ ލީޑަރުން މިނިވަންކަން އިއުލާން ކުރަން ތައްޔާރުވަމުންދާ އިރު ސްޕޭނުގެ ރަސްގެފާން ފެލިޕެ 6 ވަނީ އާދިއްތަ ދުވަހު ނެގި ވޯޓަކީ ގާނޫނާ ޚިލާފު ބާތިލް ވޯޓެއް ކަމަށް ވިދާޅުވެފަ އެވެ.
ކެޓަލޯނިއާ މިނިވަންވާން ރައްޔިތުން ބޭނުންތޯ ބަލަން ނެގި ޚިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ސްޕޭން ސަރުކާރުން ވަނީ ވަރަށް މަސައްކަތްކޮށްފަ އެވެ. ވޯޓު ފޮށިތައް ބަންދު ކުރަން ފުލުހުން އަމަލުކުރި ގޮތް ކުށްވެރި ކުރަން އިއްޔެ ވަނީ ކެޓަލޯނިއާގެ ރައްޔިތުން މަގުތަކަށް ނުކުމެފަ އެވެ.
ކެޓަލޯނިއާގެ ޕާލަމެންޓުން ދަނީ އަންނަ ހޯމަ ދުވަހު ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުންނެވެ. ލަފާ ކުރެވޭ ގޮތުގައި އެ ބައްދަލުވުމުގައި ކެޓަލޯނިއާ އަކީ މިނިވަން ދައުލަތެއްކަން ޕުޖްޑެމޮން އިއުލާން ކުރައްވާނެ އެވެ.
މިނިވަންކަން އިއުލާން ކުރުމަށް ސްޕޭން ސަރުކާރުން ހުރަސް އަޅައިފި ނަމަ ކަންތައް ކުރައްވާނެ ގޮތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ޕުޖްޑެމޮން ވިދާޅުވީ އެކަން ވާނީ ވަރަށް ބޮޑު ގޯހަކަށް ކަމަށާއި އޭރުން ވަރަށް ގިނަ ކަންކަން ބަދަލުވާނެ ކަމަށެވެ.