05 އޮކްޓޯބަރ 2017 - 06:13

ޖާދުﷲ އިސްމާއީލް (ޖާދު) ބޮޑަށް މަޝްހޫރީ އޭނާގެ ފަރި ޑިޒައިންތަކާ އެކު ފިލްމީ ތަރިން ނަލަކޮށްދޭ ފެޝަން ޑިޒައިނަރެއްގެ ގޮތުގަ އެވެ. އަދި ވީޑިއޯ ލަވަތަކުން ވެސް ފެންނަ މި ހުނަރުވެރިޔާއަކީ ނެށުންތެރިއެއްގެ ގޮތުގައި ވެސް އާންމުންގެ ތެރޭގައި މަގުބޫލު މީހެކެވެ.
އެކަމަކު އެއް އިރެއްގައި ވެސް އެކްޓަރަށްވުމުގެ އުންމީދެއް ނެތެވެ. ފިލްމް ކުޅުމަކީ އޭނާ ދުވަހަކު ވިސްނި ކަމެއް ވެސް ނޫނެވެ. ނަމަވެސް ސިނަމާގައި މިހާރު އޮތް "ނޭދެން ވަކިވާކަށް" އާ އެކު ޖާދުގެ އެ ވިސްނުން މިހާރު އެއްކޮށް ބަދަލުވެއްޖެ އެވެ. އޭނާ މިހާރު ހުރީ އެކްޓަރެއްގެ ގޮތުގައި ވެސް ހުނަރު ދައްކާލަން ފޫގަޅައިފަ އެވެ.
މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓް ކުރި ފިލްމްގައި އޭނާ ކުޅުނު ނިޒާމްގެ ކެރެކްޓާވެގެން ގޮސްފައި ވަނީ ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގަތް، ކަމުދިޔަ ކެރެކްޓާއަކަށެވެ. ފުރަތަމަ ފިލްމާ ބަލައިފައި، ކުރެވުނު މަސައްކަތާ ދޭތެރޭ ޖާދު ވެސް ހުރީ ހިތްހަމަޖެހިފަ އެވެ. އޭނާ ބުނީ ރަނގަޅު އެކްޓިންއެއް ދެއްކުނު އެއް ސަބަބަކީ ކުޅެން ލިބުނީ ޓެއިލަ-މޭޑް ކެރެކްޓާއަކަށްވުން ކަމަށެވެ.
"އެންމެ ބޮޑަށް ހިތްހަމަޖެހުނީ ފިލްމް ބެލި މީހުންގެ ފަރާތުން ލިބުނު ޕޮޒިޓިވް ކޮމެންޓްތަކުން. އެކްޓިން ވަރަށް ރަނގަޅު ކަމަށް ގިނަ ބަޔަކު ފާހަގަ ކުރި. އަދި މި ދާއިރާ [ފިލްމީ] ގެ ވަރަށް ގިނަ ބަޔަކު ވެސް ޖާދުކޮށްފައިި ހުރި މަސައްކަތް ބަލައި ގަނެ، އެކަން އެޕްރިޝޭއޭޓް ކުރީމަ ވަރަށް އުފާވި،" އޭނާ ބުންޏެވެ.
ޖާދު ބުނީ އޭނާގެ ފުރަތަމަ ފިލްމުން ލިބުނު ކޮމެންޓްތަކާ އެކު، ފިލްމީ ދާއިރާ އިން ކުރިއަށް ދިއުމުގެ ހިތްވަރު ވަރަށް ބޮޑަށް ލިބިއްޖެ ކަމަށެވެ.
"މިއިން ސާބިތުވި އެއް ކަމަކީ މުހިއްމީ ހަމައެކަނި މީހާ ހުންނަ ސިފައެއް ނޫންކަން. ހުނަރެއް ހުރިއްޔާ އެ ހުނަރު ދައްކާލައިގެން ކުރިއަށް ދެވިދާނެކަން ވަރަށް ބޮޑަށް ނޭދެން ވަކިވާކަށްގެ ތަޖުރިބާ އިން ދަސްވެއްޖެ،" ކުރިން ސިފައިން ގޭގައި ވެސް ވަޒީފާ އަދާ ކުރި ޖާދު ބުންޏެވެ.
އޭނާ ބުނީ ފުރަތަމަ ފިލްމްގައި ކުޅުނު ރޯލް ގިނަ ބަޔަކަށް އެހާ ބޮޑަށް ފާހަގަ ކުރެވުނީ ފިލްމުގެ ޑައިރެކްޓަރާއި ކޯ-އެކްޓަރުން ދިން އެއްބާރުލާއި އެހީތެރިމާ ވެސް ހެދި ކަމަށެވެ.
"މީގެ ކާސްޓުންނަށް ބަލާ އިރު ޔޫއްޕެ އާއި އަޒޫ ކަހަލަ އެންމެ މަޝްހޫރު ތަރިންނާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުނީ. އެހެންވެ ވަރަށް ގިނަ އެއްޗެހި ދަސްވާން ލިބުނު ފުރުސަތެއް މިއީ. މުޅި ކާސްޓަށް ބަލާ ކަމަށް ވަންޏާ އެންމެންގެ ސަޕޯޓް ވެސް ވަރަށް ބޮޑު،" މިހާރު ދެވަނަ ފިލްމެއްގެ މަސައްކަތް ކުރަމުން އަންނަ އެކްޓަރު ބުންޏެވެ. "މާއެނބޫ ފިލްމް އަހަންނަށް އޮފާ ކުރީމަ ގަބޫލު ކުރެވުނު އަހަންނާ ދޭތެރޭ އިތުބާރު އޮތީމައޭ އަންނާނީ. ވަރަށް އުފާވި އެންމެން ހިތްހަމަޖެހޭ ވަރަށް މީގައި މަސައްކަތްކޮށްލެވުނީމަ."
ޖާދު ބުނީ އާ ދާއިރާއަކަށް އޭނާ މިހާރު އުފަންވީ ކަމަށާއި ލިބޭ ރަނގަޅު ފުރުސަތުތަކުގެ ބޭނުން ހިފާނެ ކަމަށެވެ.
"އެކަމަކު ދިރިއުޅުމަށް ކުރާ އެހެން މަސައްކަތްތައް ދޫކޮށްލާފައި އެކްޓަރެއްގެ ގޮތުގައި މުޅިން ހުސްވާކަށް ހިޔާލެއް ނެތް. ރަނގަޅު އޮފާތަކެއް ލިބޭ ކަމަށްވާ ނަމަ ކުރިއަށް ދާނަން،" އަންނަ ޑިސެމްބަރުގެ ތެރޭގައި ތިން ވަނަ ފިލްމެއްގެ މަސައްކަތް ވެސް ޕްލޭން ކުރެވިފައި އޮތްކަން ފާހަގަކޮށް އޭނާ ބުންޏެވެ. "ބޭނުން ވަނީ ރަނގަޅު ކާމިޔާބީއެއް މި ދާއިރާ އިން [ފިލްމް ކުޅެގެން] ވެސް ހޯދުން. އަޒުމެއް ހުރެގެން މަސައްކަތްކޮށްފިއްޔާ ވާނެ."
ޖާދު ދެކޭ ގޮތުގައި ފިލްމީ ދާއިރާ އަށް މިހާރު އާ މޫނުތަކެއް ބޭނުންވެ އެވެ. އެހެންވެ މި ދާއިރާ އިން ކުރިއަށް ދިއުމުގެ ޝައުގާއި ހުނަރު ހުރި ނަމަ ފުރުސަތުތައް މިހާރު ހުރި ކަމަށް ބުންޏެވެ.
"ހުނަރާ އެކު ޝައުގު ހުރެގެން މަސައްކަތްކޮށްފިއްޔާ ކުރިއަށް ދެވޭނެ. އަދި މިކަހަލަ ދާއިރާއަކަށް ވަންނަން ބޭނުންވާ ކަމަށް ވަންޏާ ގަޑި އަށް ފަރުވާތެރިވުން ކަހަލަ ކަންކަމަށް ވަރަށް ސަމާލުކަން ދޭން ޖެހޭނެ،" އޭނާ ބުންޏެވެ.
ކޮންމެއަކަސް "ނޭދެން ވަކިވާކަށް" ގެ ތަޖުރިބާ ޖާދު އަށް ވަރަށް ފޮންޏެވެ. އެހެންވެ އޭނާގެ އުންމީދުތަކެއް ވެސް މިހާރު އެބަ ހުއްޓެވެ.
އޭނާ ބުނީ ޑައިރެކްޓަރު ފާތުމަތު ނަހުލާ އާއި އަބްދުލް ފައްތާހަކީ ވިޝް ލިސްޓްގައި ތިބި ޑައިރެކްޓަރުން ކަމަށެވެ.
"ނަހޫއަކީ ހަމަ ރާއްޖޭގެ ނަމްބަ ވަންއޭ ބުނެވޭނީ. ވަރަށް ބޭނުން ނަހޫގެ ފިލްމެއްގައި މަސައްކަތްކޮށްލަން،" މި މަހު ރިލީޒް ކުރާ ނަހުލާގެ "ބޮސް" ގެ ކޮސްޓިއުމް ޑިޒައިނަރެއްގެ ގޮތުގައި މަސައްކަތް ކުރި ޖާދު ބުންޏެވެ. "ނަހޫއަކީ އޭނަގެ ވަރަށް އަމިއްލަ އަދި ޔުނިކް ސްޓައިލެއް ފިލްމް ހެދުމުގައި ގެންގުޅޭ މީހެއް."