ލަސް ވެގަސްގައި ބަޑި ޖެހި މީހާގެ ލޯބިވެރިޔާއާ އެފްބީއައި އިން ސުވާލު ކުރަނީ
ލަސް ވެގަސްގައި ބަޑި ޖެހި މީހާގެ ލޯބިވެރިޔާއާ އެފްބީއައި އިން ސުވާލު ކުރަނީ

ލަސް ވެގަސް (އޮކްޓޯބަރު 4) - އެމެރިކާގެ ލަސް ވެގަސްގެ ކޮންސެޓަކަށް ބަޑި ޖަހާ 58 މީހުން މަރާލި ސްޓެފަން ޕެޑޮކުގެ ލޯބިވެރިޔާއާ އެފްބީއައި އިން ސުވާލު ކުރަން ފަށައިފި އެވެ.

ފިލިޕީންސްގައި އުޅުމަށް ފަހު މަރިލޫ ޑަންލޭ، 62، އެމެރިކާ އަށް ދިޔައީ އިއްޔެ އެވެ. އެފްބީއައި އިން އޭނާއާ ސުވާލު ކުރި ނަމަވެސް އޭނާ ހުރީ ބަންދުކޮށްފައެއް ނޫނެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޕެޑޮކް ހަމަލާ ދިން އިރު ޑަންލޭ ހުރީ ފިލިޕީންސްގަ އެވެ. އޭނާ ފިލިޕީންސްގައި ހުރި އިރު ޕެޑޮކް 100،000 ޑޮލަރު ފޮނުވި ކަމަށް ބުނާ މައްސަލަ އެފްބީއައި އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ޑަންލޭ އަކީ އޮސްޓްރޭލިއާ އަށް އުފަން މީހެކެވެ. އެކަމަކު މީގެ 20 އަހަރު ކުރިން ފެށިގެން އޭނާ ދިރިއުޅެނީ އެމެރިކާގަ އެވެ.

ލަސް ވެގަސްގައި ޕެޑޮކް ހުރި ހޮޓަލުން ފުލުހުން ވަނީ ގިނަ އަދަދެއްގެ ހަތިޔާރު ހޯދައިފަ އެވެ. އެހެންވެ އޮފިޝަލުން ދަނީ އެހާ ގިނަ ހިތިޔާރު އޭނާ ހޯދި ގޮތަކާއި އެ ހަތިޔާރުތައް ހޮޓަލަށް ވެއްދި ގޮތެއް ބަލަމުންނެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ ޕެޑޮކަކީ ކުށުގެ ރެކޯޑް ކުރިން އޮތް މީހެއް ނޫން ކަމަށެވެ. އޭނާ ހަމަލާ ދޭން ފެށި އިރު ކޮންސެޓް ބަލަން 22،000 މީހުން ތިއްބެވެ. ހޮޓަލުގައި ޕެޑޮކް ހުރި ކޮޓަރި އަށް ސްވޮޓް ޓީމު ވަން އިރު އޭނާ އޮތީ އަމިއްލަ އަށް މަރުވެފަ އެވެ.