04 އޮކްޓޯބަރ 2017 - 15:08

ސްރީ ލަންކާގައި ކުރިއަށް ގެންދާ ސާކް ސަރަހައްދުގެ ރައްޔިތުންގެ މަޖިލިސްތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމުގައި ރާއްޖޭގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްއާ ދެކޮޅު ލިޔުންތަކެއް ބަހައިފި އެވެ.

ލަންކާގެ ޕާލިމެންޓަށް 70 އަހަރު ފުރުން ފާހަގަކުރަން ބާއްވާ މި ބައްދަލުވުމުގައި ބެހި ލިއުންތަކުގައި ބުނަނީ މަސީހަކީ ރާއްޖޭގެ ރަައްޔިތުންގެ މަޖިލިހުގެ ރަައީސް ނޫން ކަމަށާއި އެ މަގާމުގައި އޭނާ ހުންނެވީ ގަދަކަމުން ކަމަށެވެ.
"އެލިޔުންތަކުގައި ބުނެފައިވޭ 45 މެމްބަރުންގެ ސޮޔާ އެކު އިތުބާރުނެތް ކަމުގެ މައްސަލަ ހުށައަޅާފައި ވަނިކޮށް މަސީހް އެމަގާމުގައި ގަދަބާރުންކަން ހުރީ،" މިހާރު ލަންކާގައި ހުންނެވި އިދިކޮޅު އެއް މެމްބަރު އަދި މަސީހަށް އެންމެ ބޮޑަށް ފާޑުކިއުއްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފް ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ ބައްދަލުވުމުގެ ރެޖިސްޓްރޭޝަން މޭޒުމަތީގައި އެ ލިއުންތައް ބަހައްޓާފައި ހުރީ ކޮން ބަޔަކު ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
މަޖިލިހަށް ހުށަހެޅި މަސީހުގެ އިތުބާރު ނެތް މައްސަލަ ފޭލިކޮށްލީ، ސޮއިކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ. އެ ނިންމުމާ އެކު ސޮއި ހަމަނުވާކަމަށް މަޖިލިހުގެ ރިޔާސަތުން ކަނޑައެޅި އެވެ. އަދި މަސީހާ ދެކޮޅަށް ވޯޓު ނެގުމުގެ ޖަލްސާ ކެންސަލް ވެސް ކުރި އެވެ.
އޭގެ ފަހުން ބޭއްވި މަޖިލިހުގެ ޖަލްސާތައް މަސީހު ކުރިއަށް ގެންދެވީ ސިފައިން ބޭނުންކުރައްވައިގެންނެވެ. އެކަމަކު އިދިކޮޅު މެމްބަރުންގެ އިހުތިޖާޖުތައް ކުރިއަށް ގެންދިޔަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި މަސީހަކީ މިހާރު މަޖިލިހުގެ ރައީސެއް ނޫނެވެ.