04 އޮކްޓޯބަރ 2017 - 15:21

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފް މައްސަލަ ބަލާ ބެންޗަށް ބަދަލު ގެނައި މައްސަލާގައި ވީހާ ވެސް އަވަހަށް ގޮތެއް ނިންމައިދޭން ސުޕްރީމް ކޯޓުގައި ފާރިސްގެ ވަކީލުން މިއަދު އެދެފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް އެ މައްސަލަ ބަލާ ބެންޗަށް ހައި ކޯޓުން ވަނީ ބަދަލު ގެނެސްފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފް ނިންމުމެއް ކަމަށް ބުނެ އެކަމަށް ފިޔަވަޅު އަޅަން ފާރިސްގެ ވަކީލުން ކުރިން އޮތީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު މިއަދު ފޮނުއްވި ސިޓީގައިވަނީ ބެންޗް ބަދަލުކުރި މައްސަލާގައި ސުޕްރީމް ކޯޓުން ފިޔަވަޅެއް ނާޅައި އޮތުމަކީ ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފަށް އަމަލު ކުރުމަށް ދެވިފައިވާ ހުއްދައެއްގެ ގޮތުގައި ސިފަ ކުރެވުމުގެ ބިރު އެބައޮތް ކަމަށެވެ. ސިޓީގައި ބުނެފައިވާ ގޮތުން އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ.
އެ ސިޓީގައި މައުމޫން ހަވާލާ ދެއްވާފައިވާ ސުޕްރީމް ކޯޓުގެ އަމުރަކީ ބޯޑަ ކޮންޓްރޯލް ޕްރޮޖެކްޓް ހުއްޓާލަން އެންގި މައްސަލަ ހައި ކޯޓުން ބަލަމުން އަންނަނިކޮށް، އެ މައްސަލަ ބަލާ ބެންޗް ބަދަލުކުރުމުން އޭރު ސުޕްރީމް ކޯޓުން ނެރުނު އަމުރެކެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފަށް ސިވިލް ކޯޓުން އަމަލު ކުރުމުން އެ މައްސަލަ އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ދުވަހުން ދުވަހަށް އެކަމަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާފައިވާ ކަން ފާހަގަކޮށް، އެ ސިޓީގައި މައުމޫން ވިދާޅުވެފައި ވަނީ ފާރިސްގެ މައްސަލާގައި ވަކި ގޮތެއް ނުނިންމައި މިހާރު 37 ދުވަސް ވެފައިވާ ކަމަށެވެ. އެހެންވެ، ފާރިސްގެ މައްސަލަ ބަލާ ބެންޗް ބަދަލުކުރި މައްސަލާގައި ވީހާ ވެސް އަވަހަކަށް ފިޔަވަޅު އަޅައިދޭން އެ ސިޓީގައި މައުމޫން އެދިވަޑައިގެންފައިވެ އެވެ.
ބެންޗް ބަދަލުކުރި މައްސަލަ އަވަސް ކޮށްދޭން ފާރިސްގެ ފަރާތުން އެދިވަޑައިގަތްއިރު އެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން، ހައި ކޯޓުން ވަނީ ފާރިސްގެ އިސްތިއުނާފް މައްސަލަ މަޑުޖައްސާލައިފަ އެވެ. އެގޮތަށް ހައި ކޯޓުން ނިންމީ ބެންޗް ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ފާރިސްގެ ވަކީލުން ހައި ކޯޓުގައި ފާހަގަކުރުމުންނެވެ.
ފާރިސްގެ އިސްތިއުނާފް މައްސަލަ ބަލާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހައި ކޯޓުން ވަނީ ބަދަލުކޮށްފަ އެވެ. ކުރިން އެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ސަމީރުގެ ބަދަލުގައި މިހާރު ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
ރިޝްވަތު ދިނުމުގެ މައްސަލާގައި ފާރިސަށް ދައުވާކުރާ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިިހާރު ވަނީ ފަށައިފަ އެވެ.