04 އޮކްޓޯބަރ 2017 - 15:38

ފާއިތުވި ތިން އަހަރަށް ބަލާއިރު އަހަރަކު 100 މިލިއަން ރުފިޔާގެ ގެއްލުންވަމުން ދާ ކަމަށާއި ކުންފުނީގެ ދަރަނި 1.6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު މިއަދު، ރަައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި، ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަދައްކަވަމުން ޒުހޫރު ވިދާޅުވީ ސްޓެލްކޯގެ އާމްދަނީގެ 70 ޕަސެންޓް ހަރަދުކުރަން ޖެހެނީ ތެލަށް ކަމަށެވެ. އޭގެ އިތުރުން މެއިންޓަނަންސަށް 15 ޕަސެންޓް އަދި މުވައްޒަފުންގެ މުސާރައަށް ފަސް ޕަސެންޓް ހަރަދުވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން އޮޕަރޭޝަނަލް އެހެނިހެން ހަރަދުތަކަށް އާމްދަނީގެ ފަސް ޕަސެންޓް ހޭދަވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެ ހަރަދުތައްކޮށް ނިމޭއިރު ސްޓެލްކޯގެ އަތުގައި އެއްޗެއް ނޯވޭ. ބޭންކަށް ދައްކަން އޮންނަ އެމައުންޓް [އަދަދު] މިއަށް އެއްކޮށްލީމަ ދަރަނީގެ ގޮތުގައި މިދިޔަ އަހަރު ވެސް 60 މިލިއަން ރުފިޔާ އޮތް. އޭގެ ކުރީ އަހަރަށް ބަލާއިރު 100 މިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި އޮތް،" ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯގައި ދެ ބިލިއަން ރުފިޔާގެ އެސެޓް ހުރި އިރު ދަރަނި 1.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ސަރުކާރުން ކުރާ އިންވެސްޓްމަންޓް ވެސް އަނބުރާ ދައްކަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވީ ސްޓެލްކޯ އިން މާލޭގައި ހިންގާ އޮޕަރޭޝަން މެނޭޖްކުރެވޭވަރު އާމްދަނީއެއް މާލެއިން ލިބޭ ކަމަށެވެ. އެކަމަކު ކ. އަތޮޅުގެ ރަށްރަށް ފިޔަވައި ސްޓެލްކޯ އިން ކަރަންޓް ދޭ އެހެން ހުރިހާ ރަށަކުން ވަނީ ގެއްލުން ކަމަށް ވިދާޅުވި އެވެ.
ސަރުކާރުން ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ކުންފުނިތަކުން ރަށްރަށުގައި ނަގާ އަގު ބޮޑުކަމުގެ މައްސަލާގައި މަޖިލިހަށް ހާޒިރުކުރުމުން ޒުހޫރު ވިދާޅުވީ މާލެ ސަރަހައްދުގައި ދޭ ކަރަންޓުގެ އަގު އެހެން ރަށްރަށަށް ވުރެ 30 ޕަސެންޓް ހެޔޮވާނެ ކަމަށެވެ. އެ ބަދަލު އަންނަނީ މާލެ ސަރަހައްދުން ލިބޭ އާމްދަނީ އިތުރުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒުހޫރު ހާމަކުރެއްވި ސްޓެލްކޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ 100،000 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. މާލެ ސަރަހައްދުގައި އެކަނި ވެސް 40،000 މީޓަރަށް ކަރަންޓުގެ ހިދުމަތް ދެ އެވެ. ބާކީ ހުރި ހުރިހާ ރަށްތަކަށް ކަރަންޓް ދެނީ 10،000 މީޓަރަށް ކަމަށް ހިސާބުތަކުން ދައްކަ އެވެ.
ޒުހޫރު ވިދާޅުވީ އެ ކުންފުނިން 30 ރަށަކަށް ކަރަންޓުގެ ހިދުމަތް ދޭއިރު، މިހާރު ކަރަންޓަށް ނަގާ އަގުން ކަރަންޓު އުފައްދަން ރަށްރަށުގައި ކުރާ އިންވެސްޓްމަންޓް ދެކޮޅުނުޖެހޭ ކަމަށެވެ.
"މިހާރު ކަނޑައެޅިފައިވާ އަގުތަކުން އެހެން ރަށްތަކުގެ ހަރަދެއް ނުޗަލާ. އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން ގެނައި ހާމަނައިޒޭޝަނުން 2010 ވަނަ އަހަރުގެ އަގުތަކާ އަޅާބަލާއިރު 30 ޕަސެންޓް އަގު ހެޔޮވާނެ،" އޭނާ ވިދާޅުވި އެވެ.
ޒުހޫރު ވިދާޅުވި ގޮތުގައި އިންފްލޭޝަން މަތިވަމުން ދާއިރު ކުންފުނިން ކުރާ ހަރަދުތަކާ ދިމާނުވާ ނަމަ ކުންފުނިތައް ދެމިއެއް ނޯންނާނެ އެވެ. އެހެންކަމުން ކުންފުނިތަކުން ކުރާ ހަރަދާ އެއްގޮތަށް ޓެރިފްތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވޯލްޑް ބޭންކުން ވެސް ބުނަނީ ސަބްސިޑީއަކީ ހައްލެއް ނޫން ކަމަށް. މީގެ ފަސް އަހަރާ އަޅާބަލާއިރު މިހާރު ވެސް ޓެރިފް އިތުރުނުކޮށް ސަބްސިޑީއަކާ ނުލައި މިގެންދަނީ،" ޒުހޫރު ވިދާޅުވި އެވެ.