ލަސް ވެގަސްގައި ބަޑި ޖެހި މީހާ ޓެރަރިސްޓަކަށް ނުވީ ކީއްވެ؟
ލަސް ވެގަސްގައި ބަޑި ޖެހި މީހާ ޓެރަރިސްޓަކަށް ނުވީ ކީއްވެ؟

ލަސް ވެގަސް (އޮކްޓޯބަރު 4) - އެމެރިކާގެ ނެވާޑާ ސްޓޭޓުގެ ލަސް ވެގަސް ސިޓީގައި ކުރިއަށް ދިޔަ މިއުޒިކް ކޮންސެޓަކަށް ބަޑިޖަހާ 58 މީހުން މަރާލި ހާދިސާގެ ތަފްސީލުތައް ލިބެމުންދާ އިރު ބަޑި ޖެހި ސްޓެފަން ޕެޑޮކަކު ޓެރަރިސްޓަކަށް ނުވި ސަބަބާ ގުޅޭ ގޮތުން އެކި ފޯރަމްތަކުގައި ބަހުސްތައް ދަނީ ކުރަމުންނެވެ.

އޯޕަން އެއާ މިއުޒިކް ފެސްޓިވަލަކަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ޕެޑޮކް، 64، ހަމަލާ ދިނީ އޭނާ ހުރި މަންޑަލާ ބޭ ހޮޓަލުގެ 32 ވަނަ ބުރީގެ ކުޑަ ދޮރަކުންނެވެ. ބައެއް ނޫސްތަކުން އެ ހަމަލާ ދިން މީހާ ސިފަކޮށްފައި ވަނީ އެކި ގޮތަށެވެ. އެއީ "އެކަނި ދިން ހަމަލާއެއް"، ޕެޑޮކަކީ "ކާފައެއް"، އަދި "ކުރީގެ އެކައުންޓެންޓެއް" ގެ ގޮތަށް ސިފަކޮށްފައިވާ އިރު "އެއީ ޓެރަރިސްޓެއް" ކަމަށް އެއްވެސް ބަޔަކު ނުބުނެ އެވެ.

ޕެޑޮކް ދިން ހަމަލާ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން ހުރި ކަމަށް ވެސް އެއްވެސް ބަޔަކު ބުނެފައެއް ނުވެ އެވެ. އަދި އޭނާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ބުނި ނަމަވެސް އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

އެކަމަކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޕެޑޮކަކީ މުސްލިމެއް ނަމަ އޭނާ އަކީ ޓެރަރިސްޓެއް ކަމަށް ބުނީސް ކަމަށް ބުނަމުންނެވެ. އަދި އެއްވެސް ހެއްކެއް ނެތް ނަމަވެސް އިސްލާމިސްޓް ޓެރަރިޒަމާ އޭނާއާ ގުޅުވާނެ ކަމަށް ބުނެފައިވެ އެވެ.

ނެވާޑާ ސްޓޭޓުގެ ގާނޫނު ބުނާ ގޮތުން ޓެރަރިޒަމަކީ އިންސާނުންނަށް ނުރައްކާވާ ފަދަ ކަމެއް ކުރުން، ބިރު ދެއްކުން، ސަރުކާރު ނުވަތަ މަދަނީ އޮފިޝަލަކަށް ބިރު ދައްކައިގެން ކަމެއް ކުރުވަން އުޅުމެވެ. ގިނަ ބަޔަކު ދަނީ ނޭވާޑާގެ ގާނޫނުގައި ޓެރަރިޒަމް މާނަކޮށްފައިވާ ގޮތް ސޯޝަލް މީޑިއާގައި އާއްމުކޮށް އެއީ ޓެރަރިޒަމުގެ އަމަލެއް ކަމަށް ލަސް ވެގަސް ފުލުހުން ކަނޑައަޅާފައި ނުވާތީ ސުވާލު އުފައްދަމުންނެވެ. ލަސް ވެގަސް ފުލުހުން ބުނެފައި ވަނީ އެއީ ޕެޑޮކް އެކަނި ދިން ހަމަލާއެއް ކަމަށެވެ. އެކަން ސިފަ ކުރަން ފުލުހުން ބޭނުން ކުރި "ލޯން ވުލްފް" އެ ބަސް ވަނީ ހޯމަ ދުވަހުގެ ފަހުން ޓްވިޓާގައި 200،000 އަށް ވުރެ ގިނަ ފަހަރު ބޭނުންކޮށްފަ އެވެ. "ޓެރަރިސްޓް އެޓޭކް" އެ ބަސް ވަނީ 170،000 އަށް ވުރެ ގިނަ ފަހަރު ބޭނުންކޮށްފަ އެވެ.

ފޭސްބުކުގައި އެކަކު ބުނި ގޮތުގައި ޕެޑޮކަކީ ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައި ނުވަނީ އޭނާގެ މޫނު އަރަތްބަކާ ވައްތަރު ނޫންވީމަ އެވެ. އެމެރިކާގެ މުސްލިމަކު ފޭސްބުކުގައި ބުނި ގޮތުގައި އެ ގައުމުގައި ދޭ ކޮންމެ ހަމަލާއަކާ ގުޅިގެން އޭނާގެ އަންހެނުންނަށް ނުރައްކާ ބޮޑުވާ ކަމަށެވެ. ސަބަބަކީ އޭނާގެ އަންހެނުން ހުންނަނީ މޫނު ބުރުގާ އަޅައިގެން ކަމަށްވާތީ އެވެ. އަދި އޭނާގެ ދަރިފުޅަށް ސްކޫލް ތެރޭން ފުރައްސާރައާ ކުރިމަތިވާ ކަމަށް ބުންޏެވެ. ސަބަބަކީ އެ ކުއްޖާގެ ނަމަކީ މުހައްމަދު ކަމަށްވާތީ އެވެ.

"ޓެރަރިސްޓަކީ ދޮން މީހަކަށް ނުވަތަ ކްރިސްޓިއަނަކަށް ވެއްޖެ ނަމަ އެ މީހަކު ވާނީ ސިކުނޑީގެ މަައްސަލައެއް ހުންނަ މީހަކަށް،" ފޭސްބުކުގައި ޚިޔާލު ފާޅުކުރި މީހާ ބުނެފައިވެ އެވެ.