ޝުގާބެއާ ހެއާ ވިޓަމިންސް އިސްތަށިގަނޑަށް ހަމަ އެހާ ރަނގަޅުތަ؟
ޝުގާބެއާ ހެއާ ވިޓަމިންސް އިސްތަށިގަނޑަށް ހަމަ އެހާ ރަނގަޅުތަ؟

އޮންލައިން ފިހާރަތަކުން އެކި ވައްތަރުގެ އަންނައުނާއި ރީތިވާން ބޭނުންކުރާ ކޮސްމެޓިކްގެ އިތުރުން އެކި ކަހަލަގެ ބޭސް ފަދަ ތަކެތި ވެސް ވިއްކަ އެވެ. މިއިން ކޮންމެ ބާވަތެއްގެ އެއްޗެއް ގަތަސް އެއީ ސިއްހަތައް ރަނގަޅު އެއްޗެއްތޯ ބަލަންޖެހެ އެވެ.

ޝުގާބެއާ ހެއާ ވިޓަމިންސް އިސްތަށިގަނޑަށް ހަމަ އެހާ ރަނގަޅުތަ؟
ޝުގާބެއާ ހެއާ ވިޓަމިންސް އިސްތަށިގަނޑަށް ހަމަ އެހާ ރަނގަޅުތަ؟

ކިމް، ކްލޮއީ ކާޑޭޝިއަން ނުވަތަ ކައިލީ ޖެނާ ފަދަ ސޯޝަލް މިޑިއާގައި މަޝްހޫރު މީހުން އިސްތިހާރުކުރާ ޕްރޮޑަކްޓްތަކަކީ ވަރަށް ބާރަށް ވިކޭ އެއްޗިއްސެވެ. ކައިލީގެ ލިޕްސްޓިކަކީ ވެސް ސޯޝަލް މިޑިއާ ބޭނުންކޮށްގެން އިސްތިހާރުކޮށް ވިއްކި އެއްޗެކެވެ. އަދި އޭނާގެ ލިޕްސްޓިކްތަކަކީ އެހެން ލިޕްސްޓިކްތަކާ އެއް ފެންވަރެއްގައި އުފައްދާފައިވާ ލިޕްސްޓިކަކަށް ވިޔަސް ކައިލީގެ ލިޕްސްޓިކް އަދިވެސް އަގުބޮޑެވެ. އެކަމަކު އަވަހަށް ވިކި ހުސްވެ އެވެ.

ކައިލީ ފަދަ ސެލެބްރިޓީން އިސްތިހާރުކުރާ، އެންމެ ފަހުގެ ޕްރޮޑަކްޓަކީ "ޝުގާބެއާ ހެއާ ވިޓަމިންސް" އެވެ. މިއީ ރާއްޖޭގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖް ތަކުގައި ވެސް އާއްމުކޮށް ވިއްކާ ޕްރޮޑަކްޓަކަށް ވެއްޖެ އެވެ. އަދި ގިނަ ބަޔަކު ދަނީ މި ވިޓަމިން ފުޅީގެ އަސްލު ނޭނގި ގަންނަމުންނެވެ. މީގެ އަސްލަކީ ކޮބާތޯ ބަލައިލަން ހިނގާށެވެ.

ޝުގާބެއާ ހެއާ އަކީ އިސްތަށިގަނޑު ވަރުގަދަކޮށްދޭ މަލްޓި ވިޓަމިނެކެވެ. މަޑު ނޫ ކުލައިގަ "ގަމީ ބެއާ" މެޓައެއް ގޮތަށް ފޮނި ރަހަލާ މި ވިޓަމިން ގުޅަ ކެއުމުން އިސްތަށިގަނޑު ދިގުވާނެ ކަމަށާއި އިސްތަށި ފޭބުން ހުއްޓޭނެ ކަމަށް ވެސް ޝުގާބެއާ ކުންފުނިން ބުނެ އެވެ. މިއީ އަންހެނުންނާއި ފިރިހެނުންނަށް ވެސް ބޭނުންކުރެވޭނެ ވިޓަމިނެކެވެ. އެ ކުންފުނިން މެޓައެއް ގޮތަށް ވިޓަމިން ތައްޔާރުކުރީ ހަރު ބޭސް ގުޅަ ދިރުވަން ބައެއް މީހުންނަށް އުނދަގޫވާތީވެ އެވެ.

ކޮންމެ ޝުގާބެއާ ފުޅިއެއްގައި 60 ގުޅަ އޮންނާނެ އެވެ. އެއީ އެ ބްރޭންޑުން 30 ދުވަހަށް ކަނޑައަޅާފައިވާ މިންވަރެވެ. އަދި ޝުގާބެއާތިން މަސް ވަންދެން ބޭނުންކުރަން އެކުންފުނިން ނަސޭހަތްތެރިވެ އެވެ. ރާއްޖޭގެ ފޭސްބުކް އަދި އިންސްޓަގްރާމް ޕޭޖުތަކުން މީގެ ފުޅިއެއް ވިއްކަނީ ވަރަށް އަގުބޮޑުކޮށް، ގާތްގަނޑަކަށް 820-900 ރުފިޔާއާ ދެމެދުގެ އަގަކަށެވެ.

މި ވިޓަމިންގައި އެކުލެވިގެންވާ މާއްދާތަކުގެ ތެރޭގައި ބަޔޯޓިން، ވިޓަމިން އޭ، ސީ، އީ، ބީ6، ފޮލިކް އެސިޑް، ބީ12، ބީ5 އަދި ކާށި ތެޔޮ ހިމެނެ އެވެ. މިއީ އާއްމުކޮށް ކޮންމެ މަލްޓި ވިޓަމިން ގުޅައެއްގައި ވެސް ހުންނަ މާއްދާތަކެކެވެ. އާންމު ގޮތެއްގައި ބޭނުންވަނީ ދުވާލަކަށް މަލްޓިވިޓަމިން އެންމެ ގުޅައެކެވެ. ނަމަވެސް ޝުގާބެއާގެ ދެ ގުޅަ ދުވާލަކު ކާން ބުނެފައިވެ އެވެ. އެ ގުޅަތައް ކާން ޖެހެނީ ކާއެއްޗަކާ އެކުގައިތޯ ނުވަތަ ނޫންތޯ ބުނެފައެއް ނުވެ އެވެ. ސިއްހީ ސީރިއަސް މައްސަލައެއް ހުންނަ މީހުން އަދި ބައްޔަކަށް ފަރުވާކުރަމުންދާ މީހުން މި ވިޓަމިން ކެއުމުން ދުރުވާންޖެހޭނެ ކަމަށް ޝުގާބެއާއިން ބުނެ އެވެ. ނަމަވެސް، އެއީ ކޮންކަހަލަ ބަލިތަކެއްތޯ ނުވަތަ "މެޑިކަލް ކޮންޑިޝަން" ތަކެއްތޯ ބަޔާނެއް ނުކުރެ އެވެ. އަދި ޝުގާބެއާ ބޭނުންކުރުމުން ކުރިމަތިވެދާނެ ސައިޑް އިފެކްޓްތަކެއް ވެސް ނުބުނެ އެވެ.

ޝުގާބެއާ ކުންފުންޏާ ބެހޭ އެއްވެސް މައުލޫމާތެއް އާންމުންނަކަށް ނޭނގެ އެވެ. އަދި ޝުގާބެއާ ކުންފުނީގެ ފަހަތުގައި ވަނީ ކޮން ބައެއް ކަމެއް ވެސް ނޭނގެ އެވެ. މި ބްރޭންޑުގެ ވެބްސައިޓުގައި ވެސް ދީފައި ވަނީ ޝުގާބެއާއާ ބެހޭ ތައާރަފެއް އެކަންޏެވެ. ކުންފުންޏާ ބެހޭ މައުލޫމާތެއް ނެތެވެ. ޝުގާބެއާގެ މެސްކޮޓް މެދުވެރިކޮށް ކަސްޓަމަރުންގެ ކޮމެންޓުތަކާއި ރިވިއުތައް އެ ބްރޭންޑުގެ ސޯޝަލް މިޑިއާ ސައިޓުތަކުގައި ޖަވާބުދީ މުއާމަލާތް ކުރެ އެވެ.

ޝުގާބެއާ ވިޓަމިން ގުޅައެއްގައި އެކުލެވިގެން ވަނީ ފާމަސީތަކުން ލިބޭ އާދައިގެ މަލްޓި ވިޓަމިން ގުޅަތަކުގައި ވެސް ހުންނަ މާއްދާތަކެވެ. ނަމަވެސް، ޝުގާބެއާގައި އެކުލެވޭ ތަފާތު އެއް މާއްދާ އަކީ ބަޔޯޓިން އެވެ. ބަޔޯޓިންގެ ސަބަބުން އިސްތަށިގަނޑުގެ ބުޑުގައި ފެޓީ އެސިޑްސް އުފައްދަ އެވެ. މީގެ ސަބަބުން އިސްތަށި އަވަހަށް އަދި ގިނައިން ފަޅަ އެވެ. ޝުގާބެއާގައި 500 ގްރާމުގެ ބަޔޯޓިން ވެ އެވެ. ވީމާ މިހާރު ވެސް ބޭނުންކުރަމުންދާ ވިޓަމިން ސަޕްލިމަންޓް ތަފާތު ކޮށްލަން ބޭނުން ނަމަ ޝުގާބެއާ ބޭނުންކޮށްލުން ރަނގަޅެވެ.

ނަމަވެސް، ޝުގާބެއާ ބޭނުންކުރުމުން އަންނާނެ ސައިޑް އިފެކްޓްތައް ނޭނގި، މި ވިޓަމިން އުފެއްދި ކުންފުންޏާ ބެހޭ އެއްވެސް މައުލޫމާތެއް ނެތި ބޭނުންކުރުން ރައްކާތެރި ކަމަކަށް ނުބުނެވޭނެ އެވެ.