04 އޮކްޓޯބަރ 2017 - 13:45

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓު، ކުރުނބާ މޯލްޑިވްސްއަށް އިއްޔެ 45 އަހަރު ފުރުމަށް ވުރެ، ގިނަ ބަޔަކު އެންމެ އަޅައިގަތީ އެ މުނާސަބާއާ ގުޅޭ ގޮތުން އެ ރިސޯޓުން ނަގާފައިވާ މި ފޮޓޯއަށެވެ. ކުރުނބާގެ ކައިރިން، ޑްރޯންއަކުން ނެގި އާދަޔާހިލާފު މި ފޮޓޯއަކީ ގިނަ ދުވަހެއްގެ ބުރަ މަސައްކަތެވެ.

މި މަސައްކަތުގައި އިސްކޮށް އުޅުއްވި ކުރުނބާ މޯލްޑިވްސްގެ ފްލީޓް މެނޭޖަރު މުހައްމަދު ޝަމީމް ވިދާޅުވީ އެ ރިސޯޓްގެ ލޯންޗުތައް ބޭނުންކޮށްގެން ކަނޑުގައި 45 އެޅުން ވީ ހީކުރި ވަރަށް ވުރެ މާ އުނދަގޫ ކަމަކަށެވެ. ހަފުތާއެއްހާ ދުވަހުގެ މި މަސައްކަތަށް ޖުމްލަ ހަ ލޯންޗު ބޭނުންކޮށްފައިވާއިރު، އެތައް ފަހަރަކު ރީޝޫޓް ކުރަން ޖެހުނެވެ.
ކުރުނބާ އިން އާންމުކުރި ފޮޓޯގައި ލޯންޗުތައް 45 ގެ ސިފާގައި ދަތުރުކުރި މަންޒަރު، 500 މީޓަރު މަތިން ނެގީ، އެ ދެ އަކުރު ވަކިވަކިންނެވެ. ފަހުން އެއް ފޮޓޯއަކަށް ބަދަލުކުރީ އެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ މަސައްކަތް ކުރީ ދެ އަކުރު އެކުގައި އަޅަން. އެކަމަކު ސަލާމަތީ ކަންކަމަށް ބަލާފައި އެކަން ކުރެވޭ ގޮތް ނުވީ،" ޝަމީމް ވިދާޅުވި އެވެ.
ދެ އަކުރު ވަގިން ނެގި ނަމަވެސް، މިއީ ރިސްކު ބޮޑު އަދި ސަލާމަތީ ކަންތައްތަކަށް ވަރަށް ބޮޑަށް ސަމާލު ވެގެން ހިންގި ހަރަކާތެކެވެ.
ލޯންޗުތައް ދުއްވާފައި ވަނީ ވެސް، އާންމުކޮށް ކަނޑު އުޅަނދުފަހަރު ގިނައިން ދަތުރުކުރާ އެ ސަރަހައްދުގައި އުޅަނދުތައް މަދު ވަގުތުތައް ބަލައިގެންނެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ފޮޓޯ ނެގުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ ބޭނުން ކޮށްފައިވާ އިންބޯޑު ލޯންޗުތަކަށް ސްޕީޑް ލިބުން ލަސްވުމެވެ. ފޮނުގަނޑު އުފެދެނީ ސްޕީޑް މަތިކޮށްލުމުންނެވެ. އެގޮތަށް ފޮނު އުފެދޭއިރު އޮންނަނީ ދެ ލޯންޗު މާ ބޮޑަށް ކައިރިވެ، އަކުރުގެ ބައްޓަން ގެއްލިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ހާހެއްހާ އަކަފޫޓު ބޮޑު މިނުގައި 45 އަޅާފައި ވަނީ، ވަކި ދުރުމިނެއްގައި ލޯންޗުތައް ބާއްވައި، އެއް ވަގުތެއްގައި ހުރިހާ ލޯންޗުތަކެއް ދުއްވާލައިގެންނެވެ.
މި ހަރަކާތުގައި އެންމެ އާދަޔާހިލާފު ކަމަކީ އެ ކުރަން އުޅޭ ކަންތަކުގެ މައުލޫމާތު ލޯންޗު ދުއްވަން ތިބޭ ކެޕްޓަނުންނަށް ވެސް ނޭނގުމެވެ. ލޯންޗު ދުއްވަނީ ވަކި ބައްޓަމަކަށް، ވަކި އަކުރެއް އަޅަން ކަމެއް އެ މީހުން ގާތަކު ނުބުނެ އެވެ. އެއީ، ޝަމީމް ވިދާޅުވި ގޮތުގައި، ސީދާ އޭނާގެ ހިތުގައި އޮތް ގޮތަށް އެކަން ކުރުވުމުގެ މަގްސަދުގަ އެވެ.
ހަފުތާއެއްހާ ދުވަހުގެ މަސައްކަތް ވަރަށް ކާމިޔާބެވެ. މި ފޮޓޯއަށް ގިނަ ބައެއްގެ ތައުރީފް ލިބެމުން އަންނައިރު، މިއީ ލޯންޗުތައް ބޭނުންކޮށްގެން އޭނާ ކުރެއްވި "އެންމެ ސަޅި މަސައްކަތް" ކަމަށް ވެސް ވިދާޅުވި އެވެ.
ކުރުނބާ މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރަން އެ ރިސޯޓުގެ ހުރިހާ މުވައްޒަފުން، 45 ގެ ބައްޓަމަށް އެތުރިގެން ވސް ވަނީ ޑްރޯންގެ ރީތި ފޮޓޯއެއް ނަގާފަ އެވެ.
އޮކްޓޯބަަރު 3، 1972 ގައި ހުޅުވި ކުރުނބާ މޯލްޑިވްސް އަކީ ޓޫރިޒަމްގެ ދާއިރާއަށް ރާއްޖެ ވެއްދި ފުރަތަމަ ރިސޯޓެވެ. އަދި ރާއްޖޭގެ އެންމެ ފުރަތަމަ ފަސް ތަރީގެ ހޮޓަލުގެ މަގާމު ވެސް ލިބިފައި ވަނީ، ރާއްޖޭގެ އެންމެ ކާމިޔާބު ވިޔަފާރި އެއް ކުންފުނި ކަމަށްވާ ޔުނިވާސަލްގެ، އެ ރިސޯޓަށެވެ.