އިތުރު ދެ އަހަރު އީގަލްސްގެ ގޯލް ބެލެހެއްޓުމާ ސުޖަން ހަވާލު
އިތުރު ދެ އަހަރު އީގަލްސްގެ ގޯލް ބެލެހެއްޓުމާ ސުޖަން ހަވާލު

ސްރީ ލަންކާ ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އަދި ކެޕްޓަން ސުޖަން ޕެރޭރާ އެކު ކްލަބް އީގަލްސް އިން ދެ އަހަރުގެ ކޮންޓްރެކްޓެއް ހަދައިފި އެވެ.

އީގަލްސް އިން ބުނީ އިތުރު ދެ އަހަރު ސުޖަން ބަހައްޓަން ނިންމީ މިދިޔަ އަހަރުތަކުގައި އޭނާގެ ފަރާތުން ފެނުނު ކުޅުމާއި އަހުލާގާއި ހުރިހާ ކަމަކަށް ބެލުމަށް ފަހު އޭނާގެ ފަރާތުން ޓީމަށް ފައިދާވާނެ ކަމަށް ފެންނާތީ ކަމަށެވެ.

އެކަމަކު އީގަލްސް އިން ވަނީ މި އަހަރުގެ އެފްއޭ ކަޕަށް އޭނާ ކްލަބް ވެލެންސިއާ އަށް ލޯން އުސޫލުން ދޫކޮށްފަ އެވެ. އީގަލްސް އިން އެ މުބާރާތުގައި ބައިވެރިނުވާއިރު އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބުމުން އުރީޑޫ ދިވެހި ލީގާއި ގައުމީ މުބާރާތުން ވެސް ފުރުސަތެއް ނެތެވެ. އީގަލްސް އެންމެ އަވަހަށް ވާދަކުރާނީ އަންނަ އަހަރުގެ މާލޭ ލީގުގަ އެވެ.

އީގަލްސްއާ 2015 ވަނަ އަހަރު ގުޅުނު ސުޖަން ވަނީ މިދިޔަ އަހަރުގެ ދިވެހި ލީގުގެ މޮޅު ކީޕަރުގެ މަގާމް ހޯދައިފަ އެވެ. އީގަލްސް އިން މިދިޔަ އަހަރުގެ ގައުމީ މުބާރާތް ކާމިޔާބުކުރިއިރު ވެސް އޭނާ ތަފާތު ދެއްކި އެވެ. އޭނާ އަށް ލަންކާގެ ސީނިއާ ޓީމުގެ ކެޕްޓަންކަން ލިބުނީ ވެސް އީގަލްސް އަށް ކުޅެނިކޮށެވެ. އޭނާ ވަނީ އޭގެ ކުރިން 23 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަންކޮށްފަ އެވެ.

ސުޖަން ވަނީ ލަންކާގެ ގިނަ ކުޅުންތެރިން ގައުމުން ބޭރުގައި ކުޅެފިނަމަ ގައުމީ ޓީމަށް އޭގެ ފައިދާކުރާނެ ކަމަށް ކުރިން ބުނެފަ އެވެ.

"ރާއްޖޭގައި އަހަންނަށް ލިބޭ އަހަރަކު 30 ވަރަކަށް މެޗު ކުޅެން. މިއިން ކޮންމެ މެޗަކީ ވެސް ގައުމުން ބޭރުން ލިބޭ ތަޖުރިބާއެއް. އަހަންނަން މި ލިބޭ ކުރިއެރުމުގެ ބޮޑު ބަޔަކީ ގިނަ މެޗުތަކެއް ކުޅެން ލިބުން. ލަންކާގެ ގިނަ ކުޅުންތެރިން ގައުމުން ބޭރުގައި ކުޅެ ބައިނަލްއަގްވާމީ ފެންވަރުގައި ތަޖުރިބާ ހޯދަން އެބަޖެހޭ،" ސުޖަން ބުނެފައިވެ އެވެ.

އީގަލްސްގައި ސުޖަން ޓްރެއިން ކުރަމުން އަންނަނީ ރާއްޖޭގެ އެއް ވަނަ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލްރަހީމް އެވެ. ލަންކާ ކޯޗު ޑަޑްލީ ސްޓެއިންވޯލް ބުނެފައިވާ ގޮތުގައި ރާއްޖޭގައި ކުޅެން ފެށި ފަހުން ސުޖަންގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ކަމަށެވެ.

ސުޖަން އަށް ލަންކާގެ ޖޫނިއާ ޓީމުތަކުގައި ތަމްރީންދިން އެއް ކޯޗަކީ ނިއު ރޭޑިއަންޓުގެ ކުރީގެ ކުޅުންތެރިއާ އަދި ކޯޗު ސުމިތު ވަލަޕޮލާ އެވެ. އަހުމަދިއްޔާ ސްކޫލް ޓީމާއި ނިއުގެ ކޯޗުގެ ގޮތުގައި ގިނަ ކުޅުންތެރިންތަކެއް އުފެއްދި ވަލަޕޮލާ ވަނީ 2002 ވަނަ އަހަރު ސުޖަން އަށް ލަންކާގެ 13 އަހަރުން ދަށުގެ ޓީމުގައި ކޯޗުކޮށްދީފަ އެވެ. އޭގެ ފަހުން 16 އަހަރުން ދަށުގެ ޓީމުގައި ވެސް ވަލަޕޮލާގެ އިރުޝާދު އޭނާ އަށް ލިބުނެވެ.

ލަންކާ ކީޕަރުން ވަރަށް ގިނައިން ރާއްޖޭގައި ކުޅެފައިވެ އެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ކުޅެން ފެށި ބިދޭސީ ކުޅުންތެރިންގެ ތެރޭގައި 1980ގެ އަހަރުތަކުގައި ނިއުގެ ގޯލް ބެލެހެއްޓި ސުޖިތު ހެމަންތަ ހިމެނެ އެވެ. ރާއްޖޭގައި ކުޅުނު އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ވެސް ލަންކާ ކީޕަރެއް ހިމެނެ އެވެ. އެއީ ނިއު އިން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދިއިރު ތަފާތު ދައްކައި އޭޝިއާގެ ވަރުގަދަ ޓީމުތަކުގެ ސަމާލުކަން ވެސް ހޯދި ސަންދުން ދެވިންދާ އެވެ. ލަންކާ ގައުމީ ޓީމުގެ ކީޕަރެއް ކަމަށްވާ ސަމްޕޫ ރޯހަން ވެސް ނިއު އަށް ކުޅެފައިވެ އެވެ.