ބޭނުންވަނީ ޕްރޮފެޝަނަލް އެންމެ ތެޅުމެއް: ފާޑިނަންޑް
ބޭނުންވަނީ ޕްރޮފެޝަނަލް އެންމެ ތެޅުމެއް: ފާޑިނަންޑް

މެންޗެސްޓާ (އޮކްޓޫބަރު 4) - ކެރިއަރެއްގެ ގޮތުގައި ބޮކްސިން އަށް ބަދަލުވާން ބޭނުންނުވާ ކަމަށާއި ވިސްނުންހުރީ ޕްރޮފެޝަނަލް އެންމެ ތެޅުމަކަށް ކަމަށް މެންޗެސްޓާ ޔުނައިޓެޑް އަދި އިންގްލެންޑްގެ ކުރީގެ ފުޓްބޯޅަ ޑިފެންޑަރު ރިއޯ ފާޑިނަންޑް ބުނެފި އެވެ.

ބޭނުންވަނީ ޕްރޮފެޝަނަލް އެންމެ ތެޅުމެއް: ފާޑިނަންޑް
ބޭނުންވަނީ ޕްރޮފެޝަނަލް އެންމެ ތެޅުމެއް: ފާޑިނަންޑް

އުމުރުން 38 އަހަރުގެ ފާޑިނަންޑް 2015 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔަކުރީ އޭނާގެ އަންހެނުން ރެބެކާ އެލިސަން އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވުމާ ގުޅިގެންނެވެ. އޭގެ ފަހުން އޭނާ އަންނަނީ އަމިއްލަ ޔޫޓިއުބް ޗެނަލެއް މެދުވެރިކޮށް ފުޓްބޯޅަ ޕްރޮގްރާމްތައް ހުށަހަޅަމުންނެވެ.

ބޮކްސިން އަށް އޭނާގެ ޝައުގުވެރިކަން އަބަދުވެސް ހުންނައިރު، ރަސްމީކޮށް މެޗެއް ތެޅުމުގެ ހިޔާލުގައި އޭނާ އެކަން އިއުލާން ކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.

"އަހަރެން ބޭނުންވަނީ ލައިސަންސް ހޯދައިގެން ޕްރޮފެޝަނަލަކަށްވެ އެންމެ ބޮކްސިން މެޗެއް ތަޅަން. ކެރިއަރެއްގެ ގޮތުގައި ބޮކްސިން އިން ކުރިއަށް ދިއުމުގެ ވިސްނުމެއް ނެތް. އެކަަމަކު އެ ތެޅުމުން އަހަރެންނަށް ހިތްވަރު ލިބިގެން ކުރިއަށްދިއުމުގެ ވިސްނުމެއް އައިސްފިނަމަ ދެން ވާނެ ގޮތެއް ނޭނގޭ،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ފާޑިނަންޑް ބުންޏެވެ.

ފާޑިނަންޑް ބޮކްސިންގެ ޓްރެއިންތައް ކުރިއަށްގެންދަނީ ކުރީގެ ސުޕަ މިޑްލްވެއިޓް ޗެމްޕިއަން ރިޗީ ވުޑްހޯލްގެ ބެލުމުގެ ދަށުންނެވެ. ދާދި ފަހުން އޭނާ ބުނެފައިވަނީ ފާޑިނަންޑް ތަޅާ މެޗު ކުރިއަށްގެންދާނީ ހަތަރު ރައުންޑަށް ވުރެ އިތުރު ނުވާ ގޮތަށް ކަމަށެވެ. ރަސްމީ މެޗެއްގައި އާންމުގޮތެއްގައި 10 ރައުންޑް ކުރިއަށްގެންދެ އެވެ.

ފާޑިނަންޑް ބުނީ އޭނާ ބޮކްސިން މެޗެއް ތަޅާ ވާހަކަ މީޑިއާގައި ހާމަކުރުމުން ފުރަތަމަ ގިނަ ބަޔެއްގެ މަލާމާތް ރައްދުވި ކަމަށެވެ.

"މިއީ ޖޯކަކަށް އަހަރެން ކުރާ ކަމެއް ނޫން. އަހަރެން ޕްރޮފެޝަނަލް ބޮކްސިން މެޗެއްގެ ވާހަކަ ދެއްކުމުން ގިނަ ބަޔަކު އަހަރެންނަށް މަލާމާތް ކުރި. އެކަމަކު އަހަރެން މިއީ ވަރަށް ސީރިއަސްކޮށް ކުރާ ކަމެއް،" 2002 ވަނަ އަހަރު އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރު ގޮތުގައި ލީޑްސް ޔުނައިޓެޑް ދޫކޮށް މެންޗެސްޓާ ޔުނައިޓެޑަށް 30 މިލިއަން ޕައުންޑަށް ބަދަލުވި ފާޑިނަންޑް ބުންޏެވެ.

ފުޓްބޯޅަ ކެރިއަރު ހުއްޓާލުމަށް ފަހު ބޮކްސިން އަށް ބަދަލުވެ އެންމެ ބޮޑު ކާމިޔާބެއް ހޯދީ ޝެފީލްޑް ޔުނައިޓެޑަށް ކުރިން ކުޅުނު މިޑްފީލްޑަރު ކާޓީސް ވުޑްހައުސް އެވެ. އޭނާ ވަނީ ފާޑިނަންޑަށް އިންޒާރެއް ދީފަ އެވެ. ކާާޓިސް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުރިހަމަ ތަމްރީން ނުލިބި ފާޑިނަންޑް ރަސްމީ ބޮކްސިން މެޗަކަށް ގޮސްފިނަަމަ އޭނާ މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.