އާމިރު ޚާނާއި ވިރާޓު ކޯލީގެ ޗެޓް ޝޯއެއް
އާމިރު ޚާނާއި ވިރާޓު ކޯލީގެ ޗެޓް ޝޯއެއް

އާމިރު ޚާނަކީ އަބަދުވެސް އޭނާގެ ފިލްމުތައް ވަރަށް ޚާއްސަ އަދި ތަފާތު ގޮތްތަކަށް މާކެޓް ކުރާކަމަށް މަޝްހޫރު އެކްޓަރެކެވެ. ގިނަ އެކްޓަރުން އެމީހުންގެ ފިލްމުތައް ޕްރޮމޯޓްކުރުމަށް ރިއަލިޓީ ޝޯތަކާއި ކޮމެޑީ ޝޯތަކުގައި ބައިވެރިވާއިރު އާމިރު ޚާނަކީ މިފަދަ ޝޯތަކުގައި އެއްގޮތަކަށް ވެސް ބައިވެރިވާ އެކްޓަރެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާ ބަލަނީ އެހެން މީހުން ފިލްމު ޕްރޮމޯޓްކުރަން ނުގެންގުޅޭ ގޮތްތަކެއް ހޯދައިގެން އެގޮތަކަށް ކަންތައް ކުރެވޭތޯ އެވެ.

އެންމެ ފަހުން ރިލިޒްކުރި އޭނާގެ ފިލްމު "ދަންގަލް"ގެ މާކެޓިން ވެސް އާމިރު ކުރިލެއް މޮޅުކަމުން ފިލްމު ވަނީ ބްލޮކްބަސްޓާ އަކަށް ވެފަ އެވެ. އަދި އޭގެ ކުރިން ނުކުތް "ޕީކޭ"، "ދޫމް 3" ފަދަ ފިލްމުތައް ވެސް ބްލޮކްބަސްޓާ ވެފައި ވާއިރު އެއްވެސް ޓީވީ ޝޯއަކަށް އޭނާ އެ ފިލްމުތައް ޕްރޮމޯޓްކުރާކަށް ނުދެ އެވެ. މިހާރު އޭނާ ޕްރޮޑިއުސްކޮށް އަދި ކުޑަ ރޯލެއް ވެސް އަދާކޮށްފައިވާ ފިލްމު "ސީކްރެޓް ސުޕަސްޓާ" ރިލީޒްވުމަށް ކައިރިވެފައި ވާއިރު އެ ފިލްމު މާކެޓް ކުރުމަށް އަނެއްކާވެސް އެހެން މީހުން ނުކުރާ ޒާތުގެ އާ ކަންތައްތަކެއް ކުރުމަށް އާމިރު ވަނީ ގަސްތުކޮށްފަ އެވެ.

"ބޮލީވުޑް ލައިފް" އާ ވާހަކަ ދައްކަމުން އާމިރު ބުނީ "ސީކްރެޓް ސުޕަސްޓާ" ގެ ޕްރޮމޯޝަން މަސައްކަތް ކުރުމަށްޓަކައި ދުވަސްކޮޅަކަށް "ތަގްސް އޮފް ހިންދުސްތާން"ގެ ޝޫޓިން މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ރިއަލިޓީ ޝޯއެއްގައި އެ ފިލްމު ޕްރޮމޯޓް ކުރަން ގަސްތު ނުކުރާ ކަމަށް ވެސް އާމިރު ބުންޏެވެ. އަދި ގާތް އެކުވެރިޔާ ސަލްމާން ޚާންގެ "ބިގް ބޮސް 11" ގައި ވެސް އޭނާ ބައިވެރިއެއް ނުވާނެ އެވެ.

އޭގެ ބަދަލުގައި ފިލްމު ޕްރޮމޯޓްކުރުމަށް އޭނާ ވިސްނާފައި އޮތީ ފިލްމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ޗެޓް ޝޯއެއްގަ އެވެ. މި ޗެޓް ޝޯގައި އާމިރާ އެކު ބައިވެރިވާނީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓު ކޯލީ އެވެ.

މި ޝޯގެ ދިވާލީ އެޑިޝަންގައި ފެންނާނީ އާމިރާއި ވިރާޓު އެމީހުންގެ ހަޔާތުގައި ދިމާވެފައި ހުރި އެހެން މީހުންނަށް ނޭނގޭ ސިއްރުތައް ހާމަކުރާ ތަނެވެ. މިއީ ވަރަށް މަޖާ އެހާމެ ޝައުގުވެރި ގޮތަކަށް އުފައްދާފައިވާ ޝޯއެއް ކަމަށްވެ އެވެ.

"ސީކްރެޓް ސުޕަސްޓާ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ފިލްމުގައި ލީޑް ރޯލު ކުޅެނީ "ދަންގަލް"ގައި އާމިރުގެ ދަރިފުޅުގެ ރޯލު ކުޅުނު އަދި އެ ރޯލުން ނެޝަނަލް އެވޯޑު ހޯދި ހުނަރުވެރި އަދި ޒުވާން ބަތަލާ ޒާއިރާ ވަސީމެވެ.

އާމިރުގެ މެނޭޖަރު އަދަވައިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އާމިރުގެ ހޯމް ޕްރޮޑަކްޝަނުން އޭނާގެ އަންހެނުން ކިރަން ރާއޯ އާއި އޭނާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.