ސްޕޭން ފުލުހުންނާ ދެކޮޅަށް ކެޓަލޯނިއާ މީހުން މަގުމައްޗަށް
ސްޕޭން ފުލުހުންނާ ދެކޮޅަށް ކެޓަލޯނިއާ މީހުން މަގުމައްޗަށް

ބާސެލޯނާ (އޮކްޓޯބަރު 3) - ކެޓަލޯނިއާ އަކީ ސްޕޭނުގެ މައި ސަރުކާރުން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރަން ރައްޔިތުންނަށް ފެނޭތޯ ބަލަން އާދިއްތަ ދުވަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ސްޕޭން ފުލުހުން ގަދަ ބާރު ބޭނުންކޮށްފައިވާތީ އެކަމާ އިހްތިޖާޖް ކުރަން ކެޓަލޯނިއާގެ ރައްޔިތުން މިއަދު މަގު މައްޗަށް ނުކުމެއްޖެ އެވެ.

ސްޕޭން ފުލުހުންނާ ދެކޮޅަށް ކެޓަލޯނިއާ މީހުން މަގުމައްޗަށް
ސްޕޭން ފުލުހުންނާ ދެކޮޅަށް ކެޓަލޯނިއާ މީހުން މަގުމައްޗަށް

ކެޓަލޯނިއާގެ ވެރިރަށް ބާސެލޯނާގެ މަގުތައް ފުރި ބާރުވެގެން އެންމެ ފަހުން ޕަބްލިކް ޓްރާންސްޕޯޓް ވެސް ވަނީ ހުއްޓާލަން ޖެހިފަ އެވެ. ކެޓަލޯނިއާގެ ގިނަ ވިޔަފާރިތައް ވެސް މިއަދު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. މީގެ އިތުރުން ސްކޫލްތަކާއި ޔުނިވާސިޓީތައް ވެސް ބަންދުކޮށްފައިވާ އިރު ހޮސްޕިޓަލްތައް ވެސް އޮޕަރޭޓް ކުރީ އެންމެ ދަށް ލެވެލްގަ އެވެ. ބާސެލޯނާގައި ޓޫރިސްޓުންދާ ހުރިހާ ތަނެއް ވެސް ވަނީ ބަންދުކޮށްފަ އެވެ. ބާސެލޯނާގެ އެންމެ ބޮޑު ހޯލްސޭލް މާރުކޭޓް، މަރްކަބާނާގެ ކާބޯތަކެއްޗާ ބެހޭ 770 ފިހާރަ ބަންދުކުރުމުން އެތަން މިއަދު ވަނީ ފަޅުވެފަ އެވެ. މީގެ އިތުރުން ކެޓަލޯނިއާ އަށް ނިސްބަތްވާ ބާސެލޯނާގެ ފުޓުބޯޅަ ޓީމުތަކުގެ ޓްރޭނިން ވެސް މިއަދު ވަނީ ކެންސަލްކޮށްފަ އެވެ. ޓަލޯނިއާގެ ޓްރޭޑް ޔޫނިއަންތަކުން ބުނީ މުޒާހަރާ އިންތިޒާމް ކުރީ ވޯޓު ހުއްޓުވަން ސްޕޭން ފުލުހުން އުޅުނު ގޮތް ކުށްވެރި ކުރަން ކަމަށެވެ.

ވޯޓު ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރުމުން 900 އަށް ވުރެ ގިނަ މީހން ވަނީ ޒަޚަމްވެފަ އެވެ. ބައެއް ފުލުހުން ވަނީ ރަބަރު ވަޒަން ވެސް ބޭނުންކޮށްފަ އެވެ. ވޯޓު ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް ކެޓަލޯނިއާގެ 2.2 މިލިއަން މީހުން ވަނީ ވޯޓުދީފަ އެވެ. ކެޓަލޯނިއާ ސަރުކާރުން ބުނީ ވޯޓުލީ މީހުންގެ 90 ޕަސެންޓް ވަނީ މިނިވަންވުމަށް ތާއީދުކޮށްފައި ކަމަށެވެ. ރަސްމީ ނަތީޖާ އަދި އިއުލާން ނުކުރެ އެވެ.

ސްޕޭން ސަރުކާރުން ބުނެފައި ވަނީ ކެޓަލޯނިއާގައި ނެގި ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ.

- ސްޕޭނުގެ އާބާދީގެ 16 ޕަސެންޓް ދިރިއުޅެނީ ކެޓަލޯނިއާގައި

- ސްޕޭނުގެ އެކްސްޕޯޓުގެ 25.6 ޕަސެންޓަކީ ކެޓަލޯނިއާގެ ތަކެތި

- ސްޕޭނުގެ ޖީޑީޕީގެ 19 ޕަސެންޓް އުފައްދަނީ ކެޓަލޯނިއާގައި

- ސްޕޭނުގެ ބޭރުގެ އިންވެސްޓްމަންޓުގެ 20.7 ޕަސެންޓް ދަނީ ކެޓަލޯނިއާ އަށް