ރޮހިންޖާއާ ގުޅޭ ވީޑިއޯއެއް ހެދުމުން މިއަންމާގެ ރީތީގެ ރާނީގެ ތާޖު އަތުލައިފި
ރޮހިންޖާއާ ގުޅޭ ވީޑިއޯއެއް ހެދުމުން މިއަންމާގެ ރީތީގެ ރާނީގެ ތާޖު އަތުލައިފި

ޔަންގޫން (އޮކްޓޯބަރު 3) - މިއަންމާގެ ރަކީން ސްޓޭޓުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ވީޑިއޯއް ހެދުމުން މިއަންމާގެ ރީތީގެ ރާނީގެ ލަގަބު އަތުލައިފި އެވެ.

ޝުވޭ އީއައިން ސީ ހެދި ވީޑިއޯ މިދިޔަ ހަފުތާގައި ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުކޮށްފަ އެވެ. އެ ވީޑިއޯގައި އޭނާ ތުހުމަތުކޮށްފައި ވަނީ ހަމަނުޖެހުންތައް ހިންގަނީ ރޮހިންޖާ މީހުން ކަމަށެވެ.

އުމުރުން 19 އަހަރުގެ މިސް ގްރޭންޑް މިއަންމާގެ ލަގަބު ޝުވޭ އަށް ގެއްލުނީ މުބާރާތް އިންތިޒާމް ކުރި ފަރާތުން ޝުވޭ އަށް ދިން މަގާމު ބާތިލް ކުރުމުންނެވެ. މުބާރާތް އިންތިޒާމް ކުރި ފަރާތުން ބުނެފައި ވަނީ އެއްބަސްވުމާ އޭނާ ޚިލާފުވެފައިވާ ކަމަށާއި ރޯލް މޮޑެލްއެއް ގޮތަށް އޭނާ ނޫޅޭ ކަމަށެވެ. ވީޑިއޯގެ ވާހަކަ ބުނެފައެއް ނުވެ އެވެ.

ނަމަވެސް ޝުވޭ މިއަދު ބުނީ އޭނާ އަށް ލިބުނު ރީތީގެ ރާނީގެ ތާޖު އަތުލި ސަބަބަކީ އެ ވީޑިއޯ ހެދުމުން ކަމަށެވެ. ޝުވޭ ބުނީ މިއަންމާގެ ރައްޔިތެއްގެ ހައިސިއްޔަތުން އޭނާ ވެސް ތެދު ހާމަކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު މިއަންމާ ސިފައިން ހިންގާ އަނިޔާވެރި އަމަލުތަކުގެ ވާހަކަ ޝުވޭގެ ވީޑިއޯގައި ބުނެފައެއް ނުވެ އެވެ.

ރަކީންގައި މިދިޔަ މަހު 25 އިން ފެށިގެން ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރޮހިންޖާ ރެފިއުޖީންގެ އަދަދު ވަނީ ބައި މިލިއަނަށް ވުރެ އިތުރުވެފަ އެވެ.