އިންޑިއާގެ ޑްރައިވަރުން ސަލާމަތް ކުރުމުން ޔޫއޭއީގެ އަންހެން މީހާ އަށް ތައުރީފް
އިންޑިއާގެ ޑްރައިވަރުން ސަލާމަތް ކުރުމުން ޔޫއޭއީގެ އަންހެން މީހާ އަށް ތައުރީފް

އަބޫ ދާބީ (އޮކްޓޯބަރު 3) - ދެ ޓްރަކް ޖެހި އެކްސިޑެންޓް ވުމުން އަލިފާން ރޯވި އިންޑިއާގެ ދެ ޑްރައިވަރު ސަލާމަތް ކުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަންހެން މީހާ އަށް ގިނަ ބައެއްގެ ތައުރީފް ލިބިއްޖެ އެވެ.

ޖަވާހިރު ސާއިފް އަލް ކުމައިތީ، 22، ހޮސްޕިޓަލުގައި އޮތް ބަލި މީހަކަށް ޒިޔާރަތް ކުރުމަށް ފަހު ގެއަށް ދިޔަ މަގުމަތީގައި ޔޫއޭއީގެ ސިޓީއެއް ކަމަށްވާ ރަސް އަލް ޚައިމާގައި ދެ ޓްރަކް ޖެހި ޑްރައިވަރުންގެ ގައިގައި އަލިފާން ރޯވެފައިވާ މަންޒަރު އޭނާ އަށް ފެނުނެވެ. އަދި އެއް ޑްރައިވަރު އެހީ އަށް އެދި ގޮވަން ފެށުމުން ކުމައިތީ ވަނީ އޭނާގެ އަބާޔާ ބޭލުމަށް ފަހު ޑްރައިވަރުންގެ ގައިގައި އަޅާ އަލިފާން ނިއްވާލަ ދީފަ އެވެ.

"އަހަންނަށް ފެނުނު އިރު ޑްރައިވަރުން ގައިގައި އަލިފާން ރޯވެފައި ވަނީ. އެކަކު ވެއްޓިފައި ވެގެން އެހީ އަށް އެދި ގޮވަމުން ދިޔައީ. ދެން އަހަރެން އެ މީހުން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރީ،" ޝާރްޖާ އަށް ނިސްބަތްވާ ކުމައިތީ ބުންޏެވެ.

ޑްރައިވަރުންގެ ގައިގައި ރޯވެފައިވާ އަލިފާން ނިއްވާލި ފަހުން ޕޮލިހާއި އެމްބިއުލެންސް އެ ސަރަހައްދަށް ގޮސް ޑްރައިވަރުންނަށް ފުރަތަމަ އެހީ ދިނުމަށް ފަހު ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ދެ ޑްރައިވަރުގެ ހަށިގަނޑުން 40-50 ޕަސެންޓް ފިހިފައިވާ ކަމަށެވެ. އަބޫ ދާބީ ފުލުހުންނާއި އަބޫ ދާބީގައި ހުންނަ އިންޑިއާގެ އެމްބަސީން ވަނީ ކުމައިމާގެ ހިތްވަރުގެ އަގު ވަޒަން ކުރަން ނިންމައިފަ އެވެ.