ސަސްޕެންޝަން އުވާލުމުގައި އަމަލުކުރާ އުސޫލު ސާފުކޮށްދޭން ވަކީލުން އެދިއްޖެ
ސަސްޕެންޝަން އުވާލުމުގައި އަމަލުކުރާ އުސޫލު ސާފުކޮށްދޭން ވަކީލުން އެދިއްޖެ

ވަކީލުންގެ ސަސްޕެންޝަން އުވާލުމުގައި އަމަލުކުރާ އުސޫލު ސާފުކޮށް ދިނުމަށް ސަސްޕެންޝަންގައި މިހާރު ތިބި ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން 54 ވަކީލަކު ސަސްޕެންޑް ކުރުމަށް ފަހު އޭގެ ތެރެއިން 29 ވަކީލެއްގެ ސަސްޕެންޝަން އުވާލާފައި ވަނިކޮށް، ސަސްޕެންޝަންގައި މިހާރު ތިބި ވަކީލުންގެ ފަރާތުން ސުޕްރީމް ކޯޓަށް ފޮނުވި ސިޓީގައި ވަނީ ސަސްޕެންޝަން އުވާލުމުގައި ބަލާ ޝަރުތުތައް އެނގިގެން މެނުވީ އެ ޝަރުތުތަކަށް އަމަލު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، ވަކީލުންގެ ސަސްޕެންޝަން އުވާލުމުގައި އަމަލުކުރާ އުސޫލު ސާފުކޮށްދޭން އެ ސިޓީގައި އެދިފައިވެ އެވެ.

ވަކީލުންގެ ކަންކަން މިހާރު ބަލަހައްޓަނީ ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.

އެ ޑިޕާޓްމެންޓުން ބުނެފައިވާ ގޮތުގައި ވަކީލުން ސަސްޕެންޑްކުރީ ކޯޓުތަކުގެ ނިންމުންތަކާ ޚިލާފް ޣައިރު ގާނޫނީ ލިޔުމެއްގައި ސޮއި ކުރުމާއި ކޯޓުުތަކާއި ފަނޑިޔާރުންގެ މިނިވަން ކަމަށް ހުރަސްއެޅޭ ގޮތަށް ޣައިރު ގާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓުގެ ކައިރި އަށް އެއްވުމުގެ މައްސަލައެއް އެ ވަކީލުންނާ ގުޅޭގޮތުން ބަލަމުން އަންނާތީ އެވެ.

ވަކީލުން ސަސްޕެންޑް ކުރުމުން ބައެއް ގައުމުތަކުންނާއި ބޭރުގެ ޖަމާއަތްތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.