05 އޮކްޓޯބަރ 2017 - 06:16

ބޮލީވުޑްގައި މަސައްކަތްކުރާ ހުރިހާ ފަންނާނުންނަށް އެއްގޮތަކަށް ކަންތައްތައް ހުންނަން ޖެހޭނެ ކަމަށް ވަކާލާތުކޮށް އަޑުއުފުލާ އެކަކީ ބަތަލާ ކަންގަނާ ރަނާވަތެވެ. ކަންގަނާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމް "ތޭޖޫ" ފެށުމަށް ތައްޔާރުވަމުން އަންނައިރު ކަންގަނާ ވަނީ ޕްރޮޑިއުސަރަށް ޑިމާންޑްތަކެއް ކޮށްފަ އެވެ.
ފިލްމު ޑައިރެކްޓްކުރުމަށާއި ފިލްމުގެ އެކްޓް ކުރުމަށް އޭނާ ވަކި ވަކިން އަގު ނަގާނެ ކަމަށާއި މި ފިލްމަކީ އޭނާވެސް ބައިވެރިވެގެން ޕްރޮޑިއުސްކުރާ ފިލްމަކަށް ވާތީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ފިލްމުގެ ފައިދާގެ ހިއްސާއެއް ވެސް ނަގާނެކަމަށް ކަންގަނާ ވަނީ ޕްރޮޑިއުސަރަށް އަންގައިފަ އެވެ.
ފިލްމްފެއާ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ބުނީ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން، ފިލްމަށް ލިބޭ ފައިދާއިން ވެސް އޭނާ އަށް ހިއްސާ ލިބޭނެ އެވެ. އަދި ޑައިރެކްޓްކުރުމަށާއި އެކްޓްކުރުމަށް ވަކިން ޗާޖްކުރާނެ އެވެ.
މިހާރު "މަނީކަރްނީކާ: ދަ ކުއީން އޮފް ޖާންސީ"ގައި މަސައްކަތްކުރަމުން އަންނަ ކަންގަނާ ބުނި ގޮތުގައި އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަކީ ކުޑަކުދިންގެ ފިލްމެކެވެ. އެ ފިލްމަށް ވަރަށް ގިނަ ޚިޔާލުތައް އޭނާގެ ހިތުގައި މިހާރު ވެސް އެބަހުރި ކަމަށް ކަންގަނާ ބުންޏެވެ. އެއީ ކުރިއަށް ގެންދަން ވަރަށް އުނދަގޫ ޕްރޮޖެކްޓެއް ނަމަވެސް އެ ފިލްމުގެ މަސައްކަތް ވަރަށް ކުރާ ހިތުން ހުރި ކަމަށް ވެސް ކަންގަނާ ބުންޏެވެ. އަދި އެ ފިލްމަކީ ކޮމެޑީއެއް ނޫން ނަމަވެސް ވަރަށް ރީތި ފިލްމަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ.
ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި "ތޭޖޫ"ގައި ކަންގަނާ ކުޅެނީ 80 އަހަރުވީ މާމައެއްގެ ރޯލެވެ. ކަންގަނާގެ އުފަން ސްޓޭޓް ކަމަށްވާ ހިމަޗަލް ޕްރަދޭޝްގައި ޝޫޓްކުރަން ހަމަޖެހިފަައިވާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު ފަހުކޮޅު އެވެ.