ޝާހްރުކް ޚާންގެ އާ ފިލްމުގެ ލަވައެއްގައި މަޝްހޫރު ބަތަލާއިންތަކެއް
ޝާހްރުކް ޚާންގެ އާ ފިލްމުގެ ލަވައެއްގައި މަޝްހޫރު ބަތަލާއިންތަކެއް

ހޯމަ ދުވަހު ހެނދުނު ޝާހްރުކް ޚާން ގިނަ ބަތަލާއިން ތަކަކާއެކު ނަގާފައިވާ ފޮޓޯތަކެއް ޓްވީޓްކުރުމުން މިއީ ކޮން އިރަކު ނަގާފައި ހުރި ފޮޓޯތަކެއް ކަން ނޭނގިގެން ވަރަށް ގިނަ މީހުން އުޅުނެވެ.

މި ފޮޓޯގެ ހަގީގަތް އެނގުނުއިރު މިއީ ޝާހްރުކްގެ އާ ފިލްމުގެ ލަވައެއްގައި ބައިވެރިވާ ބަތަލާއިންނެވެ. މި ލަވައިގައި އޭނާ ހިމަނާފައި ވަނީ އޭނާއާ އެކު މިހާތަނަށް ފިލްމު ކުޅުނު ބަތަލާއިންގެ ތެރެއިން އޭނާއަށް އެންމެ މަގުބޫލު ބަތަލާއިންނެވެ.

ރާނީ މުކަރުޖީ، ކާޖޮލް، ޝްރީދޭވީ، ކަރިޝްމާ އަދި އާލިއާ ބަޓް އާ އެކު ޝާހްރުކް މިހާރު ވަނީ މި ލަވައިގެ މަންޒަރުތައް ނަގައި ނިންމާފަ އެވެ. މި ފިލްމުގެ ޚާއްސަ މެހެމާނުންގެ ރޯލު މި ފަސް ބަތަލާއިން އަދާކުރާއިރު ކާޖޮލް އާއި ރާނީ އެއް މަންޒަރެއްގައި ފެންނާނެ އެވެ. އަދި ކަރިޝްމާ އާއި ޝްރީދޭވީ އަދި އާލިއާ އަނެއް މަންޒަރަކުން ފެންނާނެ އެވެ.

މިއީ މީގެ 19 އަހަރު ކުރިން ރިލީޒްކުރި "ކުޗް ކުޗް ހޯތާ ހޭ" ގެ ފަހުން ރާނީ އާއި ކާޖޮލް އެއް މަންޒަރަކުން ފެންނަ ފުރަތަމަ ފަހަރެވެ.

މިލަވައިގެ ޝޫޓިންގައި އުޅުނު މީހަކު ބުނެފައިވާ ގޮތުގައި ރާނީ އާއި ކާޖޮލް އަކީ ދެބެއިންގެ ދެދަރި ދެ މީހުން ނަމަވެސް ދެމީހުންގެ މެދުގައި އޮންނަ ރުޅިވެރިކަމެއްގެ ސަބަބުން ޝޫޓިން އަށް ވެސް އެކަކު އަންނަ ގަޑިއަށް އަނެކަކަށް ނާދެވޭތޯ މަސައްކަތް ކޮށްފައިވެ އެވެ. އަދި ޚާއްސަކޮށް އެކުގައި އެއް ފޮޓޯއަކަށް ނާރާ ވޭތޯ އެމީހުން ވަރަށް ބަލާ ކަމަށްވެ އެވެ. އެމީހުން އެއް ފްރޭމަކަށް އަރަން އެއްބަސްވީ ދެ ބަތަލާއިންގެ ވެސް ވަރަށް ޚާއްސަ އެކުވެރިއެއް ކަމަށްވާ ޝާހްރުކްގެ އެދުމަކަށެވެ.

މިއީ ޕާޓީއެއްގެ ތެރޭގައި ކިޔާ ލަވަ އެކެވެ. ލަވައިގައި ބައިވެރިވާ ފިލްމީ ތަރިންނަކީ އެ ޕާޓީއަށް އަންނަ މެހެމާނުންގެ ގޮތުގައި ދައްކާފައިވެ އެވެ.

ލަވައިގެ ޝޫޓިން ނިންމާފައި ޝާހްރުކް އޭނާގެ ގެއަށް ހުރިހާ އެންމެން ގެންގޮސް ވަރަށް އަގުބޮޑު ހަދިޔާއެއް ކޮންމެ މީހަކަށް ވެސް ދީފައިވެ އެވެ. ޝާހްރުކާ އެކު މި ލަވައިގައި ބައިވެރިވުމަށް އެއްވެސް ބަތަލާއަކު އަގެއް ނުނަގަ އެވެ. އެހެންވެ މިއީ އެމީހުންގެ އަގު ވަޒަންކުރަން ޝާހްރުކް ދިން ހަދިޔާ އެވެ. މި ބަތަލާއިންގެ ތެރޭގައި ޝާހްރުކްގެ އެއް އިރެއްގެ އެންމެ ފޭވަރިޓް އަދި ބިޒްނަސް ޕާޓްނަރުކަން ވެސް ކޮށްފައިވާ ޖޫހީ ޗައުލާ ބައިވެރި ވެފައެއް ނުވެ އެވެ.

މިކަހަލަ ލަވައެއް ފަރާ ޚާން ވެސް "އޯމް ޝާންތީ އޯމް" ގައި ގިނަ އެކްޓަރުން ތަކެއް ބައިވެރިކޮށްގެން ކުޅެފައިވެ އެވެ.