03 އޮކްޓޯބަރ 2017 - 13:05

ކޮކްސް ބާޒާރުު (އޮކްޓޯބަރު 3) - ގޭންގަކުން ހިފަހައްޓައިގެން އުޅުނު ރޮހިންޖާ މުސްލިމުންގެ 20 މީހުން ބަންގްލަދޭޝް ފުލުހުން ސަލާމަތްކޮށްފި އެވެ.
މިއަންމާ އިން ރެފިއުޖީން ބަންގްލަދޭޝް އަށް ގެންގޮސް ދިން ގްރޫޕުން ވަނީ ރޮހިންޖާ މީހުން އަތުން އެތައް ޑޮލަރެއް ހޯދުމަށް ޑިމާންޑް ކޮށްފަ އެވެ. ރެފިއުޖީން ހިފަހައްޓައިގެން ގެންގުޅުނީ މިއަންމާގެ ބޯޑަރާ ކައިރީގައިވާ އަވަށެއްގަ އެވެ. ބަންގްލަދޭޝް ފުލުހުންގެ ރެޑިޕް އެކްޝަން ބެޓެލިއަނުން ހަމަލާދީ އެ މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.
ފުލުހުންގެ އޮޕަރޭޝަން ހިންގި ކޮމާންޑަރު ވިދާޅުވީ ރޮހިންޖާ ރެފިއުޖީންގެ ތެރޭގައި ހަތް އަންހެނުންނާއި ފަސް ފިރިހެނުން އަދި އަށް ކުޑަ ކުދިން ހިމެނޭ ކަމަށެވެ. ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެކޮށްދިން ބޯޓުގެ ވެރިން ވަނީ ރޮހިންޖާ ކޮންމެ މީހެއްގެ އަތުން 20،000 ޓާކާ (250 ޑޮލަރު) އަތުލަން ޑިމާންޑްކޮށްފަ އެވެ. ދެ ގަޑިއިރުގެ ދަތުރަށް އެ ފައިސާ ނުދިނުމުން ރޮހިންޖާ މީހުން އެއް ދުވަސް ވަންދެން ކޭމްޕުގައި ހިފަހައްޓައިގެން ގެންގުޅުނެވެ. ރަކީން ސްޓޭޓުގެ މައުންގްޑޯ އާއި ބަންގްލަދޭޝްގެ ޝާހު ޕޮރީރް ޑްވިޕް ސްޓޭޝަނުގައި ބޯޓުތައް މަޑުކުރާ ސަރަހައްދާ ދެމެދު ކުރާ ދަތުރަށް އާއްމުކޮށް މީހެއްގެ އަތުން ނަގަނީ ފަސް ޑޮލަރެވެ.
ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ ގޭންގުގެ ތިން މެންބަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އދ.ގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ރޮހިންޖާ 507،000 ރެފިއުޖީން ވަނީ ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ. ގިނަ މީހުން ދަތުރު ކުރަނީ ކުދި ކުދި ބޯޓުތަކުގަ އެވެ. ފުލުހުން ބުނީ ބޯޓުތައް ދުއްވާ މީހުން ރެފިއުޖީންގެ އަތުން މާބޮޑު އަގު ނަގަމުންދާ ކަމަށެވެ.