03 އޮކްޓޯބަރ 2017 - 11:46

ލަސް ވެގަސް (އޮކްޓޯބަރު 3) - ލަސް ވެގަސްގައި ދިން ބަޑީގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފި އެވެ.
އައިއެސްގެ ޚަބަރުތައް ފަތުރާ އައުމާގު ނިއުސް އެޖެންސީން ބުނީ ބަޑި ޖެހި ސްޓެފަން ޕެޑޮކަކީ މީގެ މަހެއްހާ ދުވަސް ކުރިން އިސްލާމްވި އެ ޖަމާއަތުގެ "ސިފައިންގެ މީހެއް" ކަމަށެވެ. އަދި އެ ހަމަލާ ދިނީ ޖިހާދުކުރާ މީހުންނާ ދެކޮޅަށް ހަނގުރާ ކުރާ ގައުމުތަކުގެ އަމާޒުތަކަށް ހަމަލާ ދިނުމަށް އެ ޖަމާއަތުން ގޮވާލާފައިވާ ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށް ވެސް ބުނެފައިވެ އެވެ. ލަސް ވެގަސްގެ މަންޑަލޭ ބޭ ހޮޓަލުގެ 32 ވަނަ ބުރީގެ ކޮޓަރިއެއްގެ ކުޑަދޮރުން ހަމަލާ ދިން ޕެޑޮކު އިސްލާމްވުމަށް ފަހު އޭނާގެ ނަމަކީ އަބޫ އަބްދުލް ބާރު އަލް އަމްރީކީ ކަމަށް ވެސް އައިއެސް އިން ބުނެފައިވެ އެވެ.
ނަމަވެސް އެމެރިކާގެ ތަހުގީގީ އޮފިޝަލުން ބުނެފައި ވަނީ ލަސް ވެގަސްގެ ހަމަލާއާ ޖިހާދީ އެއްވެސް ގްރޫޕަކާ ގުޅުމެއް އޮތް ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ. އެފްބީއައިގެ ސްޕެޝަލް އެޖެންޓް އާރޮން ރައުސް ވިދާޅުވީ ބަޑީގެ ހަމަލާއާ ޓެރަރިސްޓް ޖަމާއަތަކާ ގުޅުން ނެތް ކަމަށެވެ.
ޔޫރަޕުގައި ދޭ ވަރަށް ގިނަ ހަމަލާތަކުގެ ޒިންމާ އައިއެސް އިން އުފުލައިފައިވެ އެވެ. އެމެރިކާގައި ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލި އިރު އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ ކަމަށް ބުނާ މީހެއްގެ އަޑުން އޯޑިއޯއެއް ވަނީ މި ހަފުތާގައި އާއްމުކޮށްފަ އެވެ. އައިއެސް އިން އާއްމުކުރި އޯޑިއޯ މެސެޖުގައި ބަޣުދާދީ ވަނީ ދުޝްމަނުންނާ ދެކޮޅު ހެދުމަށް ގޮވާލައިފަ އެވެ.