ޓެޓޫ ޖަހާތާ 15 އަހަރު ފަހުން ވެސް އިންފެކްޝަން ޖެހޭ
ޓެޓޫ ޖަހާތާ 15 އަހަރު ފަހުން ވެސް އިންފެކްޝަން ޖެހޭ

ޓެޓޫ ޖަހާތާ 15 އަހަރު ފަހުން ވެސް ފުރާނައަށް ނުރައްކާވާ ވަރުގެ އިންފެކްޝަނެއް ޖެހިދާނެ ކަމަށް ބުނެ ޑޮކްޓަރުން ވަރުގަދަ އިންޒާރެއް ދީފި އެވެ. މި އިންޒާރު ދިނީ ޓެޓޫ ޖަހާފައި އަންހެނެއްގެ ލިމްފް ނޯޑްސް ދުޅަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ކުރި ޓެސްޓްތަަކަށް ފަހު އެވެ.

އޮސްޓްރޭލިއާގެ 30 އަހަރުގެ މި އަންހެންމީހާގެ ކިހިލިފަތްދޮށާއި އެކި ތަންތަނުގައި ބޮޑެތި ގޮށްތަކެއް ލުމުން އެ މީހާ ހީކުރީ ކެންސަރު ޖެހުނީ ކަމަށެވެ. އެހެންވެ ސިޑްނީގައި ހުންނަ ރޯޔަލް ޕްރިންސް އަލްފްރެޑް ހޮސްޕިޓަލަށް ދެއްކުމުން ޑޮކްޓަރުން ޓެސްޓްތައް ހެދުމަށް ފަހު ބުނީ ކެންސަރުގެ އަސަރެއް ނެތް ކަމަށެވެ.

ތަޖުރިބާކާރުން ބުނަނީ މި މީހާގެ ގައިގައި ނެގި ގޮށްތަކަކީ 15 ވަރަކަށް އަހަރު ކުރިން ޖެހި ޓެޓޫއަކުން ދިމާވި އިންފެކްޝަނެއް ކަމަށެވެ. އަދި ލިމްފޯމާ ފަދަ ބަލިތައް ޖެހިފައިވާ މީހުން ވެސް ޓެޓޫ ޖަހާފައި ވޭތޯ ޑޮކްޓަރުން ސުވާލުކުރުމަށް ތަޖުރިބާކާރުން އިލްތިމާސްކުރެ އެވެ.

ޓެޓޫ ޖަހަން ބޭނުންކުރާ ދެލިތައް ހަންގަނޑުގެ ތެރޭން ލިމްފް ނޯޑްތަކަށް ދަތުރުކުރާކަން މިހާރު ވަނީ ޔަގީން ވެފަ އެވެ. ލިމްފް ނޯޑްތަކަކީ ހަށިގަނޑުގައި ހުންނަ ވިހަތަކުން ހަށިގަނޑު ސާފުކުރުމަށް ނަގާ އެއްޗިއްސެވެ. ދެލީގެ އަސަރު ލިމްފް ނޯޑްތަކަށް ކުރާތާ 10 ވަރަކަށް އަހަރު ފަހުން ވެސް މައްސަލަތައް ދިމާވެދާނެކަމަށް މިހާރު ތަޖުރިބާކާރުން ބުނެ އެވެ.

ޓެޓޫ ދެލީގައި ހުންނަ ޓައިޓޭނިއަމް ޑައިއޮކްސައިޑްގައި ހުންނަ ޓޮކްސިކް ނޭނޯޕާޓިކަލްސް ހަންގަނޑުގެ ތެރެއިން ފޭދިގެން ހަށިގަނޑުގެ ތެރޭގައި ދަތުރު ކުރަމުން ގޮސް ލިމްފް ނޯޑްތަކަށް ޖަމާވެ އެވެ. ލިމްފް ނޯޑްތައް ދުޅަވުން ނުވަތަ ގޮށް ލައިގެން މައްސަލަތައް ދިމާވަނީ އެހިސާބުންނެވެ.

ޖާނަލް އެނަލްސް އޮފް އިންޓާނަލް މެޑިސިންގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުގައި ޓެޓޫ ޖަހާ ގިނަ މީހުންނަކަށް އެ މީހުންގެ ހަށިގަނޑުގެ ތެރެއަށް ވަދެގެންދާ ދެލީގައި ހުންނަނީ ކޮން ކަހަލަ ކެމިކަލްތަކެއް ކަމެއް ނޭނގެ އެވެ.

"ލިމްފް ނޯޑްތަކަށް ޓެޓޫގައި ހުންނަ ކުލަތައް ފޭދިގެން ދާކަމުގެ ހެކި ބޭރުފުށުން ވެސް ފެންނަން ހުރޭ. އެއީ ގޮށްތައް ދުޅަވެފައި ހުންނައިރު ގޮށްތަކަށް ވެސް ދެލީގެ ކުލަ އަރާފައި ހުންނާތީ،" މިކަމާ ގުޅޭ ތަޖުރިބާކާރަކު ވިދާޅުވި އެވެ.