01 ޖުލައި 2016 - 16:32

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ރައީސް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާ މެދު ކުރައްވާފައިވާ ތުހުމަތުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެ ޕާލިމެންޓްރީ ގްރޫޕުން މައުމޫނަށް ރައްދު ދީފި އެވެ.

މުލީއާގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްވި ބަޔާނެއްގައި ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ޕީޖީ ގްރޫޕުން މަސައްކަތްކުރަމުން ދަނީ ސަރުކާރާއި ދައުލަތަށް ފައިދާވާ ގޮތަށް ކަމަށާއި އެއްވެސް ކަމެއް އަމިއްލަ އަމިއްލަ އަށް ނުނިންމާ ކަމަށެވެ. މި ނޫން ގޮތަށް އެއްވެސް ގޮތަކަށް ކަމެއް ނުނިންމާ ކަމަށާއި މައުމޫން ހުށަހަޅުއްވާ ކޮންމެ ކަމެއް ޕީޖީ ގްރޫޕަށް ހުށަހަޅައި މަޝްވަރާކުރާ ކަމަށާއި ޑިމޮކްރަސީގެ އުސޫލުން އެންމެންގެ ބަސް ހޯދައިގެން ނޫނީ އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ޕާޓީއާ މެދު މައްސަލަ ގޯސްވެފައި ވަނީ އިއުލާނު ނުކޮށް ރަށްތަކާއި ބިންތަކާއި ފަޅުތައް ކުއްޔަށް ދޫކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމާ އެކުގަ އެވެ. މަޖިލީހުން އެގޮތަށް ފާސްކޮށްފައި ވަނީ އެކަން އެގޮތަށް ނުކުރަން މައުމޫން އެދިވަޑައިގެންފައި ވަނިކޮށެވެ.
ނިހާން ވިދާޅުވީ ބައްދަލުވުމުގައި ނެތް މެންބަރުންގެ ތެރެެއިން އެންމެ ބޭފުޅަކު ނޫނީ މި ބަޔާނަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ޕީޖީ ގްރޫޕްގެ ލީޑަރު ނިހާން ޕާޓީގެ އަސާސީ ގަވައިދާ ހިލާފުވެ ވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ޕާޓީ އާއި ސަރުކާރަށް ފާޑު ވިދާޅުވެ މައުމޫން ވާހަކަ ދައްކަވާފައި ވާތީ ނިހާން ވަނީ އެ ހުރިހާ ތުހުމަތަކަށް ވެސް އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ދިނުން ނޫން ކަމެއް ޕާލިމެންޓްރީ ގްރޫޕުން ނުކުރާ ކަމަށެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ އަމިއްލަފުޅަށް ޕާޓީގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.
ބިޑް ނުކޮށް ރަށްތައް ކުއްޔަށް ދޭ އިސްލާހު ދިފާއު ކުރައްވައި ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ އޯޕަން ބިޑިން އަށް ގޮސްގެން ދޫކުރި ވަރަށް ގިނަ ރަށްތައް އަދިވެސް ތަރައްގީ ނުކުރެވި އެބަހުރި ކަމަށާއި އެއީ އެނދަކަށް ޖެހޭ އަޑު ބޮޑުވާތީ ކަމަށެވެ. އިއުލާނު ނުކޮށް ރަށްތައް ދޭނީ، ކޮންމެ އަހަރަކު ވެސް ދޫކުރާ ރަށްތައް އާންމުކޮށް އިއުލާނު ކުރުމަށް ފަހު ޝައުގުވެރިވާ ފަރާތްތައް ހޯދާ ގޮތަށް ކަމަށެވެ. އަދި އިއުލާނު ނުކޮށް ރަށްތައް ދޫކުރުމަކީ ރާއްޖޭގައި އަލަށް ކުރާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު އަނިލް ވިދާޅުވީ ޓޫރިޒަމް ގާނޫނުގައި މިހާރުވެސް ސަރުކާރާ އެކު ޖޮއިންޓް ވެންޗާ ހަދައިގެން، ބިޑް ނުކޮށް ރަށްތައް ދޫކުރެވޭ ކަމަށާއި އެކަމަކު މިހާތަނަށް އެކަން ކުރަމުން އައިސްފައި ވަނީ ގާނޫނުގެ ރޫހާ ޚިލާފަށް ކަމަށެވެ.
"އެމްޓީޑީސީ އަށް ވެސް އެތައް ރަށެއް ދީފައި ހުރީ އެގޮތަށް. އަދި އެމްޓީޑީސީން ވެސް އެހެން ފަރާތްތަކަށް ރަށްތައް ކުއްޔަށް ދީފައި އެބަހުރި،" އަނިލް ވިދާޅުވި އެވެ.
އަނިލް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ހަމައެކަނި ނަމެއްގައި، ޖޭވީ ހަދައިގެން، އިއުލާނު ނުކޮށް ރަށްތައް ދޫކޮށްފައިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ އަށް ބަލާއިރު، އޯޕަން ބިޑިން މޮޑްލް އަކީ ކާމިޔާބު ގޮތެއް ނޫންކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ ގާނޫނަށް އިސްލާހު ގެނައުމަކީ "ޕޮލިސީ ޑިސިޝަން" އެއް ކަމަށް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ މާކުރިން ސުރެ ވެސް، އިއުލާނު ނުކޮށް ރަށްތައް ކުއްޔަށް ދެވޭނެ ގޮތްތައް ފަޅު ރަށްރަށް ކުއްޔަށް ދޫކުރުމާ ބެހޭ ގަވައިދުގައި އެބައޮތް ކަމަށާއި ގާނޫނަށް ގެނައި އިސްލާހަކީ އަލަށް ދިމާވާ ކަމެއް ނޫން ކަމަށެވެ. އަނިލް ވިދާޅުވީ ޓޫރިޒަމް ގާނޫނަށް އަލަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ޚިލާފް ކަމަށް ބުނާ ފަރާތްތަކަށް ގޮންޖައްސަވަން ކަމަށެވެ.
"އެހެންވެ (މީގެ) އެއް ގާނޫނު ގާނޫނު އަސާސީއާ ހިލާފުވެފައި އަނެއް ގާނޫނު ޚިލާފު ނުވާންވީ ސަބަބެއް ނެތް،" މިއީ ގާނޫނީ ގޮތުން ވަރަށް ސާފު މައްސަލައެއް ކަމަށް ފާހަގަކުރައްވަމުން އަނިލް ވިދާޅުވި އެވެ.
ޕާޓީގެ ނައިބު ލީޑަރު އަބްދުއްރަހީމް ވިދާޅުވީ މައުމޫން ހުރިހާ ބާރުތަކެއް ނެންގެވުމުން ޕާޓީ ހުއްޓިފައިވާ ކަމަށާއި މައުމޫންގެ ވާހަކަތަކުގެ ސަބަބުން ސަރުކާރާ ދެކޮޅު ފަރާތްތަކަށް ބާރު ލިބޭ ކަމަށެވެ. އަދި ރައީސް މައުމޫން ރޭގައި ފާޅުކުރެއްވި ކަންބޮޑުވުންތައް ޕާޓީއާ ހިއްސާކުރައްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ މައުމޫން މަޝްވަރާ މަޖިލީހެއް އުފައްދަވާފައި ގަވައިދާ ހިލާފަށް ކަމަށެވެ.
"އެ މަޖިލީހުގައި މުޅިން ވެސް ތިއްބެވީ އެކި ގޮތްގޮތުން މި ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ދުރަށް ގޮސްފައި ތިބި ބޭފުޅުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައުމޫންގެ އެ އަމަލު އޭނާއަށް ސިފަކުރެއްވެނީ ސީދާ ސަރުކާރާ ދެކޮޅު އަމަލެއްގެ ގޮތުގައި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕާޓީ ހިންގުމަށް، ޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ނުރަނގަޅު ނުފޫޒެއް މިހާތަނަށް ވެސް ފޯރާފައި ނުވާ ކަމަށެވެ.
ވާހަކަ ދެއްކެވި ބޭފުޅުން ވަނީ މައުމޫން އަމިއްލަފުޅަށް ކަންކަން ނުނިންމަވައި ކުރެއްވޭނެ ކަންކަމުގެ ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންފަ އެވެ. ނިހާން ވެސް ވަނީ މައުމޫން ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަންކަމާ ބެހޭ ގޮތުން ރައީސް ޔާމީނާ އެކު ވީހާވެސް އަވަހަކަށް މަޝްވަރާކުރެއްވުމަށް ގޮވާލައްވައިފަ އެވެ. އެހެން ބައެއް ބޭފުޅުން ވެސް ވިދާޅުވީ މިއީ މައުމޫނާ ދެކޮޅަށް ކުރާ ކަމެއް ނޫން ކަމަށާއި މަސްލަހަތު ގެއްލޭނެ އެެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.