މި ސީޒަނުގައި އަންޗެލޮޓީ ޓީމަކާ ހަވާލެއް ނުވާނެ
މި ސީޒަނުގައި އަންޗެލޮޓީ ޓީމަކާ ހަވާލެއް ނުވާނެ

މިއުނިކް (އޮކްޓޯބަރު 3) – ކުރިއަށް އޮތް 10 މަސް ދުވަހު އެއްވެސް ޓީމަކާ ހަވާލުނުވާނެ ކަމަށް ބަޔާން މިއުނިކުގެ ކޯޗުކަމުން ދާދި ފަހުން ވަކިކުރި އިޓަލީގެ ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ބަޔާނުގެ ކޯޗުކަމުން މިދިޔަ ހަފުތާގައި އަންޗެލޮޓީ ވަކިކުރީ ނަތީޖާތައް ދަށްވެފައިވަނިކޮށެވެ. ޖަރުމަން ލީގުގައި ހޮފެންހައިމް އަތުން 2-0 އިން ބަލިވުމުގެ އިތުރުން ވުލްފްސްބާގާ 2-2 އިން ވަނީ އެއްވަރުވެފަ އެވެ. އަންޗެލޮޓީ މަގާމުން ވަކިކުރިއިރު، އޭނާ އެންމެ ފަހުން އެ ޓީމަށް އިރުޝާދުދިނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން 3-0 އިން ބަލިވި މެޗުގަ އެވެ.

"އަހަރެން ކުރިއަށް އޮތް 10 މަހު އަރާމުކުރާނީ. އެހެންވީމާ އެހެން ޓީމެއް ނޯންނާނެ،" އަންޗެލޮޓީ ބުންޏެވެ.

ބަޔާނުން އޭނާ ވަކިކުރި ސަބަބާ ބެހޭގޮތުން ސުވާލުކުރުމުން ބުނީ އެކަމާ ބެހޭގޮތުން ރަނގަޅުވާނީ ހަނުހުރުން ކަމަށެވެ.

ޖަރުމަނު މީޑިއާތައް ބުނާ ގޮތުގައި އަންޗެލޮޓީ ވަކިކުރުމުގައި އެންމެ އިސް ރޯލެއް ކުޅުނީ ބަޔާނުގެ ސީނިއާ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ފްރޭންކް ރިބެރީ، ތޯމަސް މުލާ އަދި އާޔެން ރޮބެން ހިމެނެ އެވެ. މި ތިން ކުޅުންތެރިންނަކީ ވެސް ދާދި ފަހުން ފޯމު ގެއްލުމުގެ ސަބަބުން ޓީމުގެ ފުރަތަމަ އެގާރައިން ގަވައިދުން ފުރުސަތު ނުލިބޭ ކުޅުންތެރިންނެވެ.

އަންޗެލޮޓީގެ ކުރީގެ ޓީމު ކަމަށްވާ އޭސީ މިލާނުގެ ކޯޗު ވިންޗެންޒޯ މޮންޓެލާގެ މަގާމާ މެދު ސުވާލު އުފެދިފައިވާތީ ބެލެވިފައި އޮތީ އޭނާ އެ ޓީމާ ހަވާލުވާނެ ކަމަށެވެ. އަންނަ ސީޒަނުގައި އޭނާ ޓީމަކާ ހަވާލުވާނަމަ ހަވާލުވުމުގެ ފުރުސަތު އޮތް ޓީމުތަކުގެ ތެރޭގައި ޗެލްސީ އާއި ރޯމާ އާއި އާސެނަލް އަދި އިޓަލީ ގައުމީ ޓީމު ހިމެނެ އެވެ.

މި ސީޒަނަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ މަގާމް ދޫކޮށްލާނެ ކަމަށް ލަފާކުރެވޭއިރު މިއީ އާސެނަލްގެ ކޯޗު އާސެން ވެންގާގެ ފަހު ސީޒަން ކަމަށް ވެސް ލަފާކުރެވެ އެވެ. އަނެއްކޮޅުން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ އަށް ފުރުސަތު ގެއްލޭނެ ކަމަށް ބެލެވެ އެވެ. މިއީ ހުސް އަންޗެލޮޓީ އަށް ހުޅުވޭނެ ދޮރުތަކެވެ.

ކުޅުންތެރިއެއްގެ ގޮތުގައި މިލާނާ އެކު ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އަންޗެލޮޓީ ވަނީ ކޯޗެއްގެ ގޮތުގައި އެ ޓީމަށް މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްދީފަ އެވެ. މީގެ އިތުރުން ރެއާލް މެޑްރިޑަށް ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނެވެ. އޭނާ ވަނީ މި ދެ ޓީމުގެ އިތުރުން ޔުވެންޓަސް އާއި ޗެލްސީ އާއި ޕީއެސްޖީ އަށް ވެސް އިރުޝާދުދީފަ އެވެ.