03 އޮކްޓޯބަރ 2017 - 10:51

ލަސް ވެގަސް (އޮކްޓޯބަރު 3) - އެމެރިކާގެ ލަސް ވެގަސްގެ މިއުޒިކް ކޮންސެޓަށް ބަޑިޖެހި މީހާގެ ކޮޓަރިން 23 ބަޑި ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ސްޓެފަން ޕެޑޮކް، 64، ބަޑި ޖެހީ އޭނާ ހުރި މަންޑަލޭ ބޭ ހޮޓަލުގެ 32 ވަނަ ބުރިންނެވެ. އެކަމަކު އޭނާ ބަޑި ޖެހި ސަބަބެއް އަދިވެސް ނޭނގެ އެވެ. ޓެރަރިސްޓް އެއްވެސް ޖަމާއަތަކާ އޭނާއާ ގުޅުން ނެތް ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ބުނެ އެވެ. ބަޑި ޖެހި މީހާގެ ނަފްސާނީ މައްސަލަތައް ހުންނަ ކަމަށް ބައެއް އޮފިޝަލުން ބުނެ އެވެ. ބަޑިޖެހި މީހާ އަކީ ފުލުހުންނަށް ކުރިން އެނގިފައިވާ މީހެއް ވެސް ނޫނެވެ.
ލަސް ވެގަސްގެ އިރު އުތުރުގެ ކުޑަ ޓައުނެއްގައި ދިރިއުޅޭ ޕެޑޮކުގެ ގޭ ފުލުހުން ޗެކް ކުރި އިރު އެ ގޭން ވެސް ވަނީ 19 އަށް ވުރެ ގިނަ ގޮވާތަކެތި ފެނިފަ އެވެ. ޕެޑޮކުގެ ކާރުން އެމޯނިއަމް ނައިޓްރޭޓް ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އޭނާ އާއްމުކޮށް ދިރިއުޅެނީ މަރިލޫ ޑަންލޭ ކިޔާ އަންހެނަކާ އެކު އެވެ.
ފުލުހުން ބުނީ ލަސް ވެގަސްގެ ހޮޓަލަށް ޕެޑޮކް ޗެކިންވެފައި ވަނީ މިދިޔަ މަހު 28 ވަނަ ދުވަހު އެވެ. ހަމަލާގައި މަރުވި 59 މީހުންނާ ބެހޭ މައުލޫމާތު ފުލުހުން މިހާރު ދަނީ ހޯދަމުންނެވެ.