މޮރާޓާ އަށް މުހިއްމު މެޗުތަކެއް ގެއްލެނީ
މޮރާޓާ އަށް މުހިއްމު މެޗުތަކެއް ގެއްލެނީ

ލަންޑަން (އޮކްޓޯބަރު 3) – ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީ އަތުން 1-0 އިން ޗެލްސީ ބަލިވި މެޗުގައި އެ ޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މަދުވެގެން ހަ ހަފުތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވިއްޖެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ހުކުރު ދުވަހު އަލްބޭނިއާއާ ދެކޮޅަށް އަދި ހޯމަ ދުވަހު އިސްރާއީލާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗަށް ނެގި ސްކޮޑުން މޮރާޓާ މިހާރު ވަނީ ބާކީކޮށްފަ އެވެ.

ބެލެވޭ ގޮތުގައި އޭނާ އަށް އެންމެ އަވަހަށް ވެސް ކުޅެން ނުކުމެވޭނީ އަންނަ ނޮވެމްބަރު މަހުގެ މެދުތެރޭގަ އެވެ. އެހެންވެއްޖެ ނަމަ މޮރާޓާ އަށް ޗެލްސީގެ ހަތް މެޗު ގެއްލޭނެ އެވެ. އެއީ ޕްރިމިއާ ލީގުގައި ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗާއި ބޯންމައުތާ ދެކޮޅަށް ކުޅޭ މެޗާއި އަމިއްލަ ދަނޑުގައި ވަޓްފޯޑާ ވާދަކުރާ މެޗުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ޗެމްޕިއަންސް ލީގުގައި އިޓަލީގެ އޭއެސް ރޯމާއާ ދެކޮޅަށް ކުޅޭ ދެ މެޗާއި ލީގު ކަޕުގައި އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗު ވެސް ގެއްލޭނެ ކަމަށް ބެލެވެ އެވެ.

ރެއާލް މެޑްރިޑުން މި ސީޒަނުގައި ޗެލްސީ އަށް ބަދަލުވި މޮރާޓާ ވަނީ 10 މެޗުން ހަތް ގޯލް ޖަހައިފަ އެވެ. އެހެންވެ އޭނާގެ މުހިއްމުކަން ޗެލްސީ އަށް ނުހަނު ބޮޑެވެ. މި ވަގުތު ޗެލްސީގައި ހުރި ހަމައެކަނި ސެންޓަ ފޯވާޑަކީ މިޗީ ބަޓްޝުއާއީ އެވެ.