03 އޮކްޓޯބަރ 2017 - 15:02

އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޑެމީ ލޮވާޓޯގެ އެންމެ ފަހުގެ އަލްބަމް "ޓެލް މީ ޔޫ ލަވް" އަށް ރާއްޖޭގައި ތިބި، އޭނާގެ ދިވެހި ފޭނުންނަށް ދެމުން އަންނަ ތަރުހީބަށް ޑެމީ ޝުކުރު އަދާކޮށްފި އެވެ.
މިދިޔަ ހުކުރު ދުވަހު ނެރުނު އޭނާގެ ހަ ވަނަ އަލްބަމް 40 ގައުމެއްގެ ލަވަ ޗާޓްތަކުގެ އެއް ވަނަ އަރާފައިވާތީ އެކަން ފާހަގަކުރަމުން، ޑެމީ ބުނީ އެ ލިސްޓްގައި ރާއްޖެ ވެސް ހިމެނޭތީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި ދިވެހިން ދެކެ ވަރަށް ލޯބިވާ ކަމަށް، 25 އަހަރުގެ ލަވަ ކިޔުންތެރިޔާ ބުންޏެވެ.
ޑެމީ ދިވެހި ފޭނުންނަށް ޝުކުރު އަދާކޮށް އޭނާގެ ފޮޓޯ އާއި ރާއްޖޭގެ ނަމާ އެކު، ޕޯސްޓްކޮށްފައިވާ ފޮޓޯ އަށް، ބައެއް ދިވެހިން ކޮމެންޓް ވެސްކޮށްފައިވެ އެވެ.
ޑެމީގެ އާ އަލްބަމް "ޓެލް މީ ޔޫ ލަވް މީ" ގައި ޖުމްލަ 12 ލަވަ ހިމެނެ އެވެ. އޭނާ މީގެ ކުރިން ވެސް ވަނީ ވަރަށް ކާމިޔާބު ފަސް އަލްބަމް ނެރެފަ އެވެ. އެއީ ކޮންފިޑެންޓް (2015)، ޑެމީ (2013)، އަންބްރޯކެން (2011). ހިއާ ވީ ގޯ އެގެއިން (2009) އަދި ޑޯންޓް ފޮގެޓް (2008) އެވެ.