02 އޮކްޓޯބަރ 2017 - 17:47

ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންގެ މާލީ ހާލަތު ވަޒަން ކުރުމެއް ނެތި، ދައުލަތުގެ ޚަރަދުގައި އެ މީހުންނަށް ވަކީލުން ފޯރުކޮށްދޭ ގޮތަށް މިއަދުން ފެށިގެން ހަމަޖައްސައި، ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތުހުމަތު ކުރެވޭ މީހުންގެެ ތެރެއިން މާލީ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސައި ދިނުމުގެ އުސޫލު ކުރިން އޮންނަ ގޮތުން ކޮންމެ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކަށް ވިޔަސް ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައިދޭނީ އެ މީހެއްގެ މާލީ ހާލަތު ވަޒަން ކުރުމަށް ފަހު، އަމިއްލަ އަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަމެއް ނެތް ކަމަށް ފެނިއްޖެ ނަމަ އެވެ.
އެކަމަކު އެ އުސޫލު އުވާލުމަށް ފަހު މިއަދު އަމަލުކުރަން ފެށި ގަވާއިދު ބުނާގޮތުން ގަސްދުގައި މީހުން މެރުމުގެ ތުހުމަތު ކުރެވޭ މީހަކު ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައިދޭން އެދިއްޖެ ނަމަ އެ މީހެއްގެ މާލީ ތަނަވަސްކަން ވަޒަން ކުރުމެއް ނެތި ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައިދޭނެ އެވެ.
އެކަމަކު އެ ނޫން ބޮޑެތި މައްސަލަތަކުގައި ވަކީލުން ހަމަޖައްސައި ދޭނީ ކުރިން ވެސް އޮންނަ، ގޮތަށް އެ މީހެއްގެ މާލީ ހާލަތު ވަޒަން ކުރުމަށް ފަހު ކަމަށް އެ ގަވާއިދުގައިވެ އެވެ. މާލީ ހާލަތު ވަޒަން ކުރުމަށް ފަހު، އެ މީހެއްގެ ތަނަވަސްކަން ނެތް ނަމަ ވަކީލުން ހަމަޖައްސައިދޭނީ 12 ބާވަތުގެ ކުށެއްގައި ކަމަށް އެ ގަވާއިދުގައިވެ އެވެ. އެ 12 ބާވަތުގެ މައްސަލަތަކުގައި ވަކީލުން ހަމަޖައްސައި ދެވޭނީ އެ މީހަކަށާއި އެ މީހެއްގެ އާއިލާއަށް ހުރިހާ ގޮތަކުން ލިބޭ އާމްދަނީ އާއި ބޭންކް އެކައުންޓުގައި ހުރި ފައިސާގެ އަދަދާއި ދަރިންގެ އަދަދާއި ކައިވެނީގެ ހާލަތަށް ބަލައިގެންނެވެ.
ހާލަތު ވަޒަން ކުރުމަށް ފަހު ވަކީލުން ހަމަޖައްސައި ދެވޭނީ ރާވަައިގެން ހިންގާ ބޮޑެތި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތަކާއި 25 އަހަރުގެ ޖަލު ހުކުމެއް އަންނަ ކުށްތަކާއި އާއި ދައުލަތުގެ އިސްތިގްލާލަށް ގެއްލުން ލިބޭ ފަދަ ކުށްތަކާއި އާއި ގޭންގް ކުށްތަކާއި ކޮރަޕްޝަންގެ ކުށްތަކާއި އެއް ލައްކަ ރުފިޔާއިން ފެށިގެން މަތީ އަދަދުގެ ފައިސާ ހިމެނޭ ކުށްތަކުގެ އިތުރުން މީހުން ޓްރެފިކް ކުރުމުގެ ކުށާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށާއި މަނީ ލޯންޑްރިންނާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް އަދި މީހެއްގެ ގުނަވަނެއް ނެތިދާ ފަދަ ގޮތަކަށް މާރާމާރީ ހިންގުމުގެ މައްސަލަތަކުގައި ކަމަށް އެ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން ކުރީގެ ގާނޫނުލް އުގޫބާތުގައި އޮތް ފަސް ކުށަކުން ކުރެ ކުށެއްގެ ތުހުމަތު ކުރެވޭ މީހުންނަށް ވެސް ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސައިދެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. ސަބަބަކީ އެ ކުށްތަކަކީ ކުރިން އަމަލުކުރި އުސޫލުގެ ދަށުން ބޮޑެތި ކުށްތަކެއްގެ ގޮތުގައި ކަނޑައެޅިފައިވާތީ އެވެ. އެކަމަކު އެ ބާވަތުގެ މައްސަލަތަކުގައި ވަކީލުން ހަމަޖައްސައި ދެވޭނީ އެއީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިނުވާ މައްސަލައެއްގައި ނަމަ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ގަވާއިދު ބުނާގޮތުން ތަހުގީގު މަރުހަލާ އާއި ދައުވާ ކުރުމުގެ މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާގައި ވެސް ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައި ދެވިދާނެ އެވެ. އެކަމަށް އެދި ހުށަހަޅަން ޖެހޭނީ އެޓާނީ ޖެނެރަލްގެ އޮފީހަށެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހާ އަމިއްލަ އަށް އަދި ކުޑަކުއްޖަކު ނަމަ އޭނާގެ ބެލެނިވެރިންނަށް ވެސް އެކަމަށް އެދި ހުށަހެޅިދާނެ އެވެ. އަދި ބަންދެއްގައި ހުރި މީހަކު ނަމަ ބަންދުގައި ހުރި އިދާރާއިން ވެސް އެކަމަށް އެދި ހުށަހެޅިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެކަމަކު ވަކީލެއްގެ އެހީތެރިކަން ހޯދުމަށް ދޮގު މައުލޫމާތެއް ދީފި ނަމަ ނުވަތަ ވަކީލަކު ހަމަޖައްސައި ދިނުމުގެ ޝަރުތެއް އެ މީހާގެ ކިބައިން އުނިވެއްޖެ ނަމަ ނުވަތަ ހަމަޖައްސައިދޭ ވަކީލަށް ބިރު ދައްކައި، އަނިޔާއެއް ކޮށްފި ނަމަ ވަކީލުގެ ޚިދުމަތް ދިނުން ހުއްޓާލެވޭނެ އެވެ.