03 އޮކްޓޯބަރ 2017 - 06:10

އިންޑިއާގެ މުމްބާއީގައި، ކުޅޭ އެއްޗެއް ކުޑަކުއްޖެއްގެ ކަރުގައި ތާށިވެ މަރުވެއްޖެ އެވެ.
އުމުރުން ހަތަރު އަހަރުގެ މި ކުއްޖާ އަށް ދިރުވާލެވުނީ ޗިޕްސް ޕެކެޓެއްގެ ތެރޭ ހަދިޔާއެއްގެ ގޮތުގައި ލާފައި އޮތް އެއްޗެއް ދިރުވާލެވިގެންނެވެ.
ކުޅޭ އެތި މި ކުއްޖާގެ ކަރުގައި ތާށިވުމުން އެންމެ ކައިރީގައި ހުރި ނާސިން ހޯމަށް ކުއްޖާ ގެންދަން އޭނާގެ މައިންބަފައިން މަސައްކަތް ފެށި ނަމަވެސް މަގުތައް ބަންދުވެފައި އޮތުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދެވުނީ އިރުގަނޑެއް ފަހުންނެވެ.
ޕިޔޫޝް ކުޝްވަހާ ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާ ބެލި ފޮރެންސިކް އެކްސްޕާޓުން ބުނެފައި ވަނީ ކުޅޭ އެތި ތާށިވެފައި ވަނީ ކުއްޖާގެ ނޭވާހޮޅީގައި ކަމަށެވެ.
"އަހަރެމެން ބެލިއިރު އެ ކުޅޭއެތި އޮތީ ކުއްޖާގެ ނޭވާ ހޮޅީގައި ތާށިވެފައި. އެހެންވެ ފުއްޕާމެއަށް ވައި ދިއުން ބަންދުވެގެން ކުއްޖާ މަރުވީ،" ފޮރެންސިކް އެކްސްޕާޓުން ބުންޏެވެ.
"ދަރިފުޅު އުޅޭ ގޮތެއް ބަލައިނުލާ ވާނީ 10 ވަރަކަށް މިނިޓް. އެ ވަގުތުކޮޅުގެ ތެރޭގައި އެ އެތި ދަރިފުޅު ކަރުގައި ތާށިވީ. އެއީ އިސްފިރޭނެއް ލާފައި އިން އެއްޗެއް. އޭތި ތާށިވި ގޮތަށް ދަރިފުޅަކަށް އެއްވެސް ވާހަކައެއް ނުދެއްކުނު. ފަސް ވަރަކަށް މިނިޓް ވަންދެން އަަހަރެމެން ވެސް އޭތި ނެގޭތޯ ވަރަށް މަސައްކަތް ކުރިން. އެކަމަކު ނެގޭ ގޮތް ނުވީމަ ނާސިން ހޯމަށް ދާން ދުއްވައިގަތީ،" އެ ކުއްޖާގެ ބައްޕަ ބުންޏެވެ.
މިގޮތަށް ދިރުވާލެވޭ އެއްޗެހި ކަރުގައި ތާށި ވިޔަސް ވަރަށް ގިނަ ފަހަރު، ނެއްޓިގެން ގޮހޮރަށް ދާ ގޮތް ދިމާވެ އެވެ. ނަމަވެސް ޕިޔޫޝްގެ ކަރުގައި ތާށިވި އެތި ނުނެއްޓި އިން ގޮތަށް އިނީ އެވެ. މިފަދަ ހާލަތެއްގައި 5-10 ވަރަކަށް މިނިޓް ތެރޭގައި ސިއްހީ ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވާ ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.
ކުދިންނަށް ކާން ދޭ ޕެކެޓް ފަދަ ތަކެތި އެ ކުދިންނަށް ދިނުމުގެ ކުރިން އޭގައި ސްޓިކާ ނުވަތަ ކުޅޭ އެއްޗެހި ހުރިތޯ ޗެކް ކޮށްފައި ނޫނީ ނުދިނުމަށް ޑޮކްޓަރު އިލްތިމާސް ކުރެއްވި އެވެ. މިފަދަ އެއްޗެހި ދިރުމުން ކުއްޖާ ކެއްސިޔަސް ނޭވާ ލެވި އަނގައިން އަޑު ނުކުންނަ ނަމަ ކެއްސައިގެން އެ އެއްޗެތި ނެރެވޭތޯ ބަލާށެވެ. ކުއްޖާގެ ދެ އަތް މައްޗަށް ނެގުމާއި ބުރަކަށީގައި ތަޅައިގެން މައްސަލަ އިތުރަށް ގޯސްވާނެ ކަމަށް ވިސްނައި އެފަދަ ކަންތައްތައް ނުކުރާށެވެ. އަދި ކުއްޖާ އަމިއްލައަށް އޭތި ނެރެވޭ ގޮތް ނުވެއްޖެ ނަމަ އެކި ފާޑުގެ ހޯމް ރިމެޑީޒް ނަހަދައި ވަގުތުން ޑޮކްޓަރަކާ ހަމަޔަށް ގެންދަން ޑޮކްޓަރުން އިރުޝާދު ދެ އެވެ.