ޓްރަމްޕް ކިބައިން މައާފަށް ނޭދޭނަން: ލެބްރަން ޖޭމްސް
ޓްރަމްޕް ކިބައިން މައާފަށް ނޭދޭނަން: ލެބްރަން ޖޭމްސް

ކްލެވެލޭންޑް (އޮކްޓޫބަރު 2) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިހުތިރާމް ކުޑަކޮށް ޓްވީޓްކުރުމުން ކިތަންމެ ފާޑުކިޔުމެއް އަމާޒުވި ނަމަވެސް މައާފަށް ނޭދޭނެ ކަމަށް މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިއާ ކްލެވެލޭންޑް ކަވަލިއޭގެ ލެބްރަން ޖޭމްސް ބުނެފި އެވެ.

ގޯލްޑަން ސްޓޭޓް ވޯރިއާ އިން އެންމެ ފަހުން ކުޅުނު މުބާރާތް ކާމިޔާބުކުރުމުން ވައިޓް ހައުސްގައި ޓްރަމްޕް އެ ޓީމާ ބައްދަލުކުރުމަށް ބާއްވާ ރަސްމިއްޔާތަށް ދައުވަތު ލިބުނަސް ނުދާނެ ކަމަށް މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިއާ ސްޓެފެން ކަރީ ވަނީ ބުނެފަ އެވެ. ޓްރަމްޕްގެ ދައުވަތު ގަބޫލުނުކުރާނެ ކަމަށް ބުނެ ކަރީ ޓްވީޓުކުރުމުން ޓްރަމްޕް ވެސް ވަނީ ރައްދު ދެއްވައި ޓްވީޓެއް ކުރައްވައިފަ އެވެ.

މިކަމާ ގުޅިގެން ލެބްރަން ޖޭމްސް ކުރި ޓްވީޓެއްގައި އޭނާ ވަނީ ކަރީގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

ޖޭމްސްގެ މި ޓްވީޓާ ގުޅިގެން އެމެރިކާގެ ގިނަ ސިޔާސީ ފަރާތްތަކުންނާއި ޓްރަމްޕްގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ޖޭމްސް އަށް ފާޑުކިޔައިފަ އެވެ. އަދި ޓްރަމްޕް ކިބައިން ޖޭމްސް މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ޖޭމްސް ބުނީ އޭނާ ކުރި ޓްވީޓަކީ އަމިއްލަ ހިޔާލުގައި ކުރި ޓްވީޓެއް ކަމަށާއި އެކަމާ މައާފަށް ނޭދޭނެ ކަމަށެވެ.

"އަހަރެން ވާހަކަ ދެއްކީ އަހަރެންގެ ރަށްޓެއްސެއްގެ ދިފާއުގައި. ޓްރަމްޕްގެ ދައުވަތު ގަބޫލުނުކުރާނެ ކަމަށް ކަރީ ބުނެފައި އޮއްވާ އެ އަށް ރައްދުދިނުމަށް ޓްރަމްޕް ކުރި ޓްވީޓަކަށް ޖަވާބު ދޭން އަހަރެން އެއްޗެއް ބުނުމަކީ މައާފަށް އެދެން ޖެހޭނެ ކަމެއް ކަމަށް ގަބޫލުނުކުރަން،" ޖޭމްސް ބުންޏެވެ.

ޖޭމްސް ކުޅެމުން އަންނަ ކްލެވެލޭންޑް ކަވަލިއޭގެ ވެރިޔާ ޑޭން ގިލްބާޓް ވަނީ އޭނާ އަށް ވެސް އިންޒާރުގެ ގިނަ ވޮއިސްމެއިލްތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޖޭމްސްގެ އިތުރުން މި ދުވަސްވަރު އެމެރިކާގެ ގިނަ ކުޅިވަރުތަކަކާއި ޓްރަމްޕާ ދެމެދު ވަނީ މައްސަލަތަކެއް އުފެދިފަ އެވެ. އޭގެ ތެރޭގައި އެންމެ މައްސަލަ ބޮޑުވެފައިވަނީ އެމެރިކަން ފުޓްބޯޅަ ލީގު (އެންއެފްއެލް)ގެ ބައެއް ޓީމުތަކުގެ ކުޅުންތެރިންނާ އެވެ.

އެންއެފްއެލްގެ ބައެއް ޓީމުތަކުގެ ކުޅުންތެރިން ގައުމީ ސަލާމަށް އިހުތިރާމް ނުކުރާ މައްސަލަ މީޑީއާގައި އާންމުވުމާ ގުޅިގެން ޓްރަމްޕް ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައިފަ އެވެ. އަދި އެމެރިކަން ފުޓްބޯޅަ ކުޅުންތެރިންގެ އެ އަމަލު ނުހުއްޓުވައިފި ނަމަ އެ ކުޅިވަރު ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރެއް ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

ޓްރަމްޕްގެ އިންޒާރާ އެކު ވެސް އެންއެފްއެލްގެ ކުޅުންތެރިން ވަނީ މި ހަފްތާ ބަންދުގައި ކުޅުނު މެޗުތަކުގައި ވެސް ގައުމީ ސަލާމް ޖެހި ވަގުތުގައި އިހުތިޖާޖުކޮށްފަ އެވެ. ކުޅުންތެރިން އިހުތިޖާޖު ކުރަނީ އެމެރިކާގައި ނަސްލީ ތަފާތުކުރުން ގިނަ ވަމުން އަންނަ ކަމަށް ބުނެ އެވެ.