03 އޮކްޓޯބަރ 2017 - 06:12

ފިލްމު ޑައިރެކްޓަރު ސާޖިދު ޚާން އަކީ ޖެހިލުމެއް ނެތި ވާހަކަ ދެއްކުމަށް މަޝްހޫރު މީހެކެވެ. މިފަހަރު އޭނާ ހަމަލާ ދެނީ ފިލްމުގެ އިންޑަސްޓްރީގެ މީހުންނަށެވެ.
އޭނާ ބުނި ގޮތުގައި ފިލްމުތައް ފްލޮޕްވުމަކީ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަރަށް އުފާވާ ކަމެކެެވެ. އެއީ ފިލްމު އުފައްދާ އެހެން މީހުންނަށް އެމީހުންގެ ހިތުގައި އޮންނަ ހަސަދައިގެ ސަބަބުން ވާ ގޮތެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ސާޖިދު ބުނި ގޮތުގައި ފިލްމު އިންޑަސްޓްރީގެ އެންމެން ވެސް އުޅެނީ އެއްގޮތަކަށެވެ. ތިމާ ފާސް ވިޔަސް ނުވިޔަސް އެހެން މީހުން ފެއިލްވާން އެމީހުން އެދެ އެވެ. މިއީ އިންސާނުންގެ ތެރެއިން ގިނަ ބަޔެއްގެ ކިބައިގައި ވެސް ހުންނަ ސިފައެއް ކަމަށާއި މިކަން އެހެން ގޮތަކަށް ބަދަލު ކުރެވޭނެކަމަށް ގަބޫލު ކުރާ ކަމަށް ސާޖިދު ބުންޏެެވެ.
ނަމަވެސް ފިލްމު އިންޑަސްޓްރީގެ އެންމެ މުގުލުގައި ތިބޭ މީހުންނަށް ފިލްމުތަކުގެ ކާމިޔާބީން އުފާލިބޭ ކަމަށް ސާޖިދު ބުންޏެވެ. ސަބަބަކީ އިންޑަސްޓްރީގައި ދައުރުވާ ފައިސާ އިތުރުވެގެން ދާނެތީ އެވެ.
ދާދިފަހުން ނުކުތް، ސަލްމާން ޚާނާއި ޝާހްރުކް ޚާންގެ ފިލްމުތަކަށް ލިބުނު ނާކާމިޔާބީއާ ބެހޭ ގޮތުން ސާޖިދު ބުނީ މިހާރު މަޝްހޫރު ތަރިން އުޅުނޭ ކިޔާފައި ފިލްމު ބަލަން މީހުން ޝައުގުވެރި ނުވާނެ ކަމަށެވެ. މިޒަމާނުގައި ގިނަ ބަޔަކު ބަލާނީ ފިލްމުގެ ވާހަކަ އާއި ހުށަހަޅައިދީފައިވާ ގޮތް މޮޅު ފިލްމުތައް ކަމަށް ވެސް ސާޖިދު ބުންޏެވެ.
ސާޖިދަކީ ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ގިނަ ދުވަސް ތަކެއް ވަންދެން ޓީވީގައި މަސައްކަތް ކުރި އެކްޓަރެކެވެ.
ސާޖިދު މިހާތަނަށް ޑައިރެކްޓްކުރި ފިލްމު ތަކުގެ ތެރޭގައި "ޑަރްނާ ޒަރޫރީ ހޭ"، "ހޭ ބޭބީ"، "ހައުސްފުލް" 1 އަދި 2، "ހިއްމަތުވާލާ" އަދި "ހަމްޝަކަލްސް" ހިމެނެ އެވެ.