ގާނޫނުގައި ދިން މުއްދަތު ހަމަވެއްޖެ، ގަވާއިދު ހެދީ ޕީޖީ އާއި އޭސީސީ އެކަނި
ގާނޫނުގައި ދިން މުއްދަތު ހަމަވެއްޖެ، ގަވާއިދު ހެދީ ޕީޖީ އާއި އޭސީސީ އެކަނި

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ތަހުގީގު ކުރުމާއި ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދި އޮއްވައި ގާނޫނުގައި އެ ކަމަށް ދިން މުއްދަތު މިއަދު ހަމަވެއްޖެ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 211 ވަނަ މާއްދާ ބުނާ ގޮތުން އެ ގާނޫނުގެ ދަށުން ތަހުގީގު ކުރުމާއި ދައުވާ ކުރުމާއި އަދި ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދުތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި ހަދައި، ނިންމަން ޖެހޭނެ އެވެ. ގާނޫނުގައި އެކަމަށް ދިން މުއްދަތު ރޭ 12 ޖެހުމާ އެކު ހަމަވިއިރު ގަވާއިދު ހަދާފައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެކަންޏެވެ.

ގަވާއިދު ހަދަން ޖެހޭ އިދާރާތަކުގެ ތެރެއިން ނުހަދާ އޮތީ ފުލުހުންނާއި ކޯޓުތަކުންނެވެ.

އެ ގާނޫނު ބުނާ ގޮތުން ތަހުގީގު ކުރުމާ ގުޅޭ ގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދަން ޖެހޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުންނެވެ. ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ތެރޭގައި ފުލުހުންގެ އިތުރުން ޖިނާއީ ކުށްތައް ތަހުގީގު ކުރުމުގެ ބާރު އޮންނަ އެހެން މުއައްސަސާތައް ވެސް ހިމެނެ އެވެ. އަދިި ޝަރީއަތް ކުރުމާ ގުޅޭ ގޮތުން ހަދަން ޖެހޭ ގަވާއިދުތައް ހަދަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ވެސް އެ ގާނޫނުގައި ބުނެ އެވެ.

ގާނޫނުގައި ދިން މުއްދަތު ހަމަވިއިރު ވެސް ގަވާއިދުތައް ނުނިމުނު މައްސަލާގައި އެއިން މުއައްސަސާއެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާ ގޮތުން ތަހުގީގުގެ އެކި މަރުހަލާގައި އަމަލު ކުރާނެ އިޖްރާއާތުތައް އެ ގާނޫނުގެ ދަށުން ހަދައި، ގަވާއިދުގައި ބަޔާން ކުރަން ޖެހޭ އިރު ކޯޓު އަމުރު ދޫކުރުމާއި ޝަރީއަތް ހިންގުމުގެ އެކި މަރުހަލާގައި އަމަލު ކުރަން ޖެހޭ އުސޫލުތައް، ސުޕްރީމް ކޯޓުން ހަދާ ގަވާއިދުގައި ބަޔާން ކުރަން ޖެހެ އެވެ.