02 އޮކްޓޯބަރ 2017 - 10:34

ޒުވާން ގައުމީ ޓީމުތައް ކުރިއަރުވަން ދުރު ރާސްތާ ޕްލޭނެއް އެކުލަވާލައި ކޯޗުންނަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ދޭން އެފްއޭއެމުން ނިންމައިފި އެވެ.

އެފްއޭއެމުން ވަނީ 16 އަހަރުން ދަށުގެ ގައުމީ ޓީމާއި 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ތަޖުރިބާކާރު ދެ ކޯޗުން ހަމަޖައްސައިފަ އެވެ. މި ގޮތުން 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަމަށް މުހައްމަދު ޝާޒްލީ (ޝާޒް) ހަމަޖެއްސިއިރު، 19 އަަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކީ އީގަލްސްގެ ކުރީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތީ) އެވެ.
ޝާޒްގެ ކޯޗުކަމުގައި 16 އަހަރުން ދަށުގެ ޓީމު ވަނީ ސާފް ޗެމްޕިއަންޝިޕާއި އޭޝިއާގެ މުބާރާތުގެ ކޮލިފައިންގައި ވާދަކޮށްފަ އެވެ. ދެ މުބާރާތުގެ ވެސް ހުރިހާ މެޗަކުން ބަލިވިއިރު ޝާޒްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޅުންތެރިންނަށް ލިބިފައިވާ މެޗު މަދުވުމާއި ތައްޔާރުވާން އެކަށީގެންވާ ވަރަށް ވަގުތު ނުލިބުމެވެ. އަދި ސާންތީގެ ކޯޗުކަމުގައި 19 އަހަރުން ދަށުގެ ގަައުމީ ޓީމު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރިއިރު، އޭނާ ވަނީ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުނުވެވޭ ކަމަށް ބުނެފަ އެވެ.
އެފްއޭއެމުން ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން މިހާރު ނިންމާފައިވަނީ ސާންތީ އާއި ޝާޒް އަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ދިނުމަށެވެ. މިގޮތުން ޝާޒް އަށް 10 އަހަރުގެ އެއްބަސްވުމެއް އަދި ސާންތީ އަށް ފަސް އަހަރުގެ އެއްބަސްވުމެއް ވަނީ ހުށަހަޅައިފަ އެވެ.
"ދިގު މުއްދަތުގެ އެއްބަސްވުމެއް ސާންތީ އާއި ޝާޒް އަށް ދީފައިވަނީ. ސާންތީ އަށް ފަސް އަހަރު. ޝާޒް އަށް 10 އަހަރު. މި އެއްބަސްވުންތައް އާ ކުރާނީ އަހަރަކަށް ފަހު އަހަރެއް. އެއީ ކުރެވުނު މަސައްކަތްތައް ރިވިއު ކޮށްފައި،" އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް "މިހާރަ"ށް ވިދާޅުވި އެވެ.
ޒުވާން ގައުމީ ޓީމުތަކުގެ ތެރެއިން ދެން މި އަހަރު ކުރިއަށް އޮތީ އޭއެފްސީ 19 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އެވެ. މި މުބާރާތުގެ ކޮލިފައިން އޮންނާނީ މި މަހު ތަޖިކިސްތާނުގަ އެވެ. ރާއްޖެ އޮތީ ތަޖިކިސްތާނާއި އުޒްބެކިސްތާނާއި ބަންގްލަދޭޝް އަދި ސްރީލަންކާއާ އެއް ގްރޫޕެއްގަ އެވެ.
ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޒުވާން ޓީމުތައް ކުޅުނު މެޗުތަކުން ތަފާތު ބޮޑު ނަތީޖާތަކުން ބަލިވުމުން ގިނަ ބަޔެއްގެ ފާޑިކިޔުން ވަނީ އަމާޒުވެފަ އެވެ.
ސަރަހައްދުގެ އެހެން ޓީމުތަކުން ގްރާސްރޫޓް ލެވެލް ހިންގުން ހަރުދަނާކޮށް މިހާރު އަންނަނީ ނަތީޖާ ނެރެމުންނެވެ. އޭގެ ތެރޭގައި ނޭޕާލާއި ބަންގްލަދޭޝް އަދި ބޫޓާން ހިމެނެ އެވެ. ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި މި ތިން ގައުމު އަތުން ވެސް ބަލިވެފަ އެވެ.