02 އޮކްޓޯބަރ 2017 - 09:56

ޕެޓްރޯލް ލިޓަރަކުން 57 ލާރި އަދި ޑީސަލް ލިޓަރަކުން 53 ލާރި އެސްޓީއޯ އިން މިއަދު ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމާ ގުޅިގެންނެވެ. އެ ކުންފުނިން މިދިޔަ މަހުގެ ހަވަނަ ދުވަހު ވެސް ތެލުގެ އަގު ބޮޑުކޮށްފައިވެ އެވެ.
- ޑީސަލް ލިޓަރެއް ލިބޭނީ 9.17ރ. އަށް
- ޕެޓްރޯލް ލިޓަރެއް ލިބޭނީ 9.52ރ. އަށް
އެސްޓީއޯ އިން އެބަދަލު ގެނައުމުގެ ކުރިން ޑީސަލް ލިޓަރެއް ވިއްކީ 8.64ރ. އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކީ 8.95ރ. އަށެވެ.
އެ ކުންފުނިން މިދިޔަ ޖޫން މަހު ތެލުގެ އަގު ހެޔޮކުރި އެވެ. އެފަހަރު އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކުރީ އެއިން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.