އުރީދޫ ޑިރެކްޓަރުންގެ ބޯޑުން ވިކްރަމް އިސްތިއުފާ ދެއްވައިފި
އުރީދޫ ޑިރެކްޓަރުންގެ ބޯޑުން ވިކްރަމް އިސްތިއުފާ ދެއްވައިފި

އުރީދޫ މޯލްޑިވްސްގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ވިކްރަމް ސިންހަ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ރޭ އިސްތިއުފާ ދެއްވައިފި އެވެ.

ވިކްރަމް ބޯޑުން އިސްތިއުފާ ދެއްވިކަން އިއުލާނު ކުރެއްވީ، އުރީދޫގެ ހިއްސާ ވިއްކަން ފެށި ފަހުން ބޭއްވި އެ ކުންފުނީގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގަ އެވެ.

ޖަލްސާ ނިންމުމަށް ފަހު ނޫސްވެރިން ސުވާލު ކުރުމުން ވިކްރަމް ވިދާޅުވީ އިސްތިއުފާ ދެއްވީ ދިވެހި ޒުވާނުން ކުރިއަރަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑަށް ރާއްޖޭގެ ރީތިކަމަށް ވުރެ ބޮޑަށް، ދިވެހި ޒުވާނުންގެ ހުނަރުވެރިކަން ފާހަގަކުރެވުނު. މިއީ އެހެން ގައުމުތަކާ ހިލާފަށް ރާއްޖޭން އަޅުގަނޑަށް ފެނުނު ވަރަށް ހާއްސަ ކަމެއް،" ވިކްރަމް ވިދާޅުވި އެވެ.

އުރީދޫއާ ގުޅިވަޑައިގެން ރާއްޖެ އަށް ވިކްރަމް ވަޑައިގަތީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އުރީދޫގެ މައި ކުންފުނިން ވަނީ އެ ކުންފުނީގެ މިޔަންމާ ގޮތްޕަށް ވިކްރަމް ބަދަލުކޮށްފަ އެވެ.

"އަޅުގަނޑު އުރީދުއާ ވަކިވި ނަމަވެސް، ދިވެހިންނާ ވަތްކެއް ނުވާނަން. އަޅުގަނޑަކީ 100 ޕަަސެންޓް ދިވެއްސެއް،" ދިވެހިންނާ އޮންނަ ގާތް އުޅުން ފާހަގަކުރައްވާ، މަޒާޖީ ގޮތަކަށް، ވިކްރަަމް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ ބޯޑަށް، ސްޓެލްކޯގެ ސީއީއޯ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވަނީ އިންތިހާބު ކޮށްފަ އެވެ. އުރީދޫގެ ބޯޑަށް ޒުހޫރު ހޮވީ ހާޒިރުވި 699 ހިއްސާދާރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 282 ހިއްސާދާރުންގެ ވޯޓާ އެކު އެވެ.

އުރީދޫގެ އޮޑިޓަރަކަށް، ކޭޕީއެމްޖީ މޯލްޑިވްސް ވަނީ ހަމަޖައްސާފަ އެވެ. ކޭޕީއެމްޖީއާ އެ މަސައްކަތް ހަވާލުކުރީ 39،800 ޑޮލަރަށެވެ. އެއީ މިދިޔަ އަހަރު ވެސް އުރީދޫ އޮޑިޓްކުރި ކުންފުންޏެވެ.

ކޭޕީއެމްޖީ އަކީ އޮޑިޓް ކުރުމަށް ކުރިމަތިލީ ތިން ކުންފުނީގެ ތެރެއިން އެންމެ ހެޔޮ އަގެއް ހުށަހެޅި ކުންފުންޏެވެ. އެ ކުންފުނީގެ އިތުރުން އެކަމަށް ކުރިމަތިލި ޕްރައިސް ވޯޓާހައުސް ކޫޕާސް މޯލްޑިވްސް އިން 45،425 ޑޮލަރު އަދި އާންސްޓް އެންޑް ޔަންގް މޯލްޑިވްސް އިން ހުށަހެޅީ 46،115 ޑޮލަރުގެ އަގެކެވެ.