02 އޮކްޓޯބަރ 2017 - 09:28

ލަންޑަން (އޮކްޓޫބަރު 2) - ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެވުނުއިރު ގިނަ މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކީ އެ ޓީމުން ކަމަށާއި ނަތީޖާ ނުނެރެވޭތީ ކަންބޮޑުވާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ގަދަ ހަތަރަކަށް ވަންނަށް ލިވަޕޫލަށް ލިބިފައި އޮތް ފުރުސަތު ގެއްލުނީ ރޭ ކުޅުނު މެޗުން ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ 1-1 އިން އެއްވަރުވުމުންނެވެ. އޭރިއާ ބޭރުން ފިލިއްޕޭ ކުޓީނިއޯ ޖެހި ލަނޑުން ލިވަޕޫލް ލީޑުނަގާފައިވަނިކޮށް ނިއުކާސަލް އަށް އެއްވަރުކޮށްދިނީ ކުރިން ރެއާލް މެޑްރިޑަށް ކުޅުނު ފޯވާޑް ހޮސޭލޫ އެވެ. މި މެޗުގައި ވެސް ލިވަޕޫލަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.
"ތެދެއް އަހަރެމެން ހަތް މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވީ. މައްސަލަ އަކީ އަހަރެމެންނަށް ނަތީޖާ ނުނެރެވުން. ކުޅުނު ހުރިހާ މެޗަކަށް ބެލިޔަސް ގިނަ މެޗުތަކުގައި މޮޅަށް ކުޅެ ގިނަ ފުރުސަތު ތަނަވަސްކުރީ ލިވަޕޫލުން. އަހަރެން ދެކޭ ގޮތުގައި މީގެ ނަސީބު އަހަރެމެންނަށް އެހީނުވުމަކީ ވެސް އެއް ސަބަބު،" ކްލޮޕް ބުންޏެވެ.
އޭނާ ބުނީ މިއީ ލިވަޕޫލަށް އުނދަގޫ ވަގުތެއް ކަމަށާއި ސީޒަނުގެ ކުރިއަށް އޮތްތާގައި ގިނަ ޓީމުތަކަށް މި މައްސަަލަ ދިމާވާނެ ކަމަށެވެ.
"އަހަރެން ފުޓްބޯޅައިގައި ގިނަ އަހަރުތަކެއް ހޭދަކޮށްފިން. އުނދަގޫ ހާލަތްތައް ވަރަށް ގިނައިން ކުރިމަތިވާނެ. އެއީ ހަމައެކަނި އެއް ޓީމަކަށް ކުރިމަތިވާ ކަމެއް ނޫން. މިއީ ލިވަޕޫލަށް އުނދަގޫ ދުވަސްތަކެއް. އެކަމަކު މިއީ އަހަރެމެންނަށް އެކަނި ކުރިމަތިވާނެ ކަމެއް ނޫން. އެހެން ޓީމުތަކަށް ވެސް މިކަން ކުރިމަތިވާނެ،" ކްލޮޕް ބުންޏެވެ.
ލީގުގެ ހަތް ވަނައިގައި އޮތް ލިވަޕޫލް ދެން އެންމެ އަވަހަށް ލީގުގައި ކުޅޭނީ މި މަހު 14 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.
ރޭ ލީގުގައި ކުޅުނު އަނެއް ދެ މެޗުން ބާންލީ ވަނީ ރަށުން ބޭރުގައި އެވަޓަން އަތުން 1-0 އިން މޮޅުވެފަ އެވެ. އަދި އާސެނަލް ވަނީ ނަޗޯ މޮންރެއާލާއި އަލެކްސް އިވޯބީގެ ލަނޑުތަކުން 2-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ.