އާސަންދައިގެ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި
އާސަންދައިގެ އޮފީހެއް ކުޅުދުއްފުށީގައި ހުޅުވައިފި

މާލެ އިން ބޭރުގައި އާސަންދައިން ހުޅުވި ފުރަތަމަ އޮފީސް ހދ. ކުޅުދުއްފުށީގައި އިއްޔެ ހުޅުވައިފި އެވެ.

ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު، އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ހަސަން އަލީ ވިދާޅުވީ "އާސަންދަ ނޮދާން ރީޖަނަލް އޮފީސް" ގާއިމުކުރުމަކީ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއަށް މާލެ ނުވަތަ ރާއްޖެ އިން ބޭރަށް ފޮނުވަން ޖެހޭ ބަލި މީހުންނާއި ބަލި މީހުންގެ އާއިލާތަކަށް އާސަންދައިގެ ދަށުން ކުރަން ޖެހޭ ހުރިހާ ކަމެއް ދެން ކުރިއަށް ގެންދާނީ އަލަށް ހުޅުވި އާސަންދައިގެ އޮފީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އުސެއިދު ވިދާޅުވީ އާ އޮފީހުގެ ސަބަބުން އާސަންދައިގެ ހިދުމަތް ކުރިއަށް ވުރެ އަވަހަށް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

އާސަންދަ އިން ބުނި ގޮތުގައި ކުޅުދުއްފުށީ އާސަންދަ އޮފީހުގައި އާސަންދައިގެ ހިދުމަތަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމާއި ރިފަރަލް ޑޮކިއުމަންޓްސް ބަލައިގަތުމާއި ކޭސް ސިޓީތަކުގެ ޖަވާބު ދިނުން ފަދަ މާލޭގައި ހުންނަ އާސަންދައިގެ މައި އޮފީހުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ.