މިނިވަންކަމަށް ކެޓަލޯނިއާ މީހުން އާނ ބަސް ބުނެފި
މިނިވަންކަމަށް ކެޓަލޯނިއާ މީހުން އާނ ބަސް ބުނެފި

ބާސެލޯނާ (އޮކްޓޯބަރު 2) - ސްޕޭނުގެ މައި ސަރުކާރުން މިނިވަންވާން ކެޓަލޯނިއާގެ ރައްޔިތުން ބޭނުންތޯ ބަލަން އިއްޔެ ނެގި ވޯޓުގައި ރައްޔިތުން އާނ ބަސް ބުނެފައިވާ ކަމަށް ކެޓަލަން ލީޑަރު ކާލްސް ޕުޖްޑެމޮން ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ މިނިވަންކަން އިއުލާން ކުރުމުގެ ދޮރު މިހާރު ހުޅުވިއްޖެ ކަމަށެވެ. ކެޓަލޯނިއާގެ އޮފިޝަލުން ފަހުން ވިދާޅުވި ގޮތުގައި ވޯޓުލީ މީހުންގެ 90 ޕަސެންޓް ވަނީ މިނިވަން ކަމަށް ތާއީދުކޮށްފަ އެވެ. އަދި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 42.3 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"އުއްމީދާއި ވޭނުގެ މި ދުވަހު ކެޓަލޯނިއާގެ ރައްޔިތުންނަށް މި ވަނީ މިނިވަން ދައުލަތެއް ބޭނުންވާކަމުގެ ހައްގު ލިބިފައި،" ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ޕުޖްޑެމޮން ވިދާޅުވި އެވެ. "ކުރިއަށް އޮތް ދުވަސްތަކުގައި މި ވޯޓުގެ ނަތީޖާ ކެޓަލޯނިއާގެ ޕާލަމެންޓަށް ފޮނުވާނަން. އަދި ޚިޔާލު ހޯދުމުގެ ނަތީޖާއާ އެއްގޮތަށް ކަންކަން ނިމިގެންދާނެ."

ކެޓަލޯނިއާގައި ފެންނަ ނުފެންނަ ވޯޓުލާފައި ވަނީ ސްޕޭނުގެ މައި ސަރުކާރުގެ ވަރަށް ބޮޑު ނުރުހުމަކާ އެކު އެވެ. ސްޕޭނުގެ ދުސްތޫރީ ކޯޓުން ވަނީ އެއީ ގާނޫނާ ޚިލާފު ވޯޓެއް ކަމަށް ބުނެފަ އެވެ. އަދި ވޯޓުލުން ހުއްޓުވަން ސްޕޭން ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި އެތައް ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ވޯޓު ހުއްޓުވަން ފުލުހުން ގަދަ ބާރާ އެކު މަސައްކަތް ކުރުމުގެ ތެރޭގައި 800 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް އިމަޖެންސީ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ސްޕޭން ސަރުކާރުން ބުނެފައި ވަނީ ވޯޓަށް ހުރަސް އެޅީ އެއީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް ވޯޓަކަށް ވާތީ ކަމަށެވެ. ކެޓަލޯނިއާގެ އޮފިޝަލުން ބުނީ ވޯޓުލާން ކަނޑައެޅި 2،300 ސްޓޭޝަނުގެ ތެރޭން 319 ފޮއްޓެއް ސްޕޭން ފުލުހުން ބަންދުކޮށްފައިވާ ކަމަށެވެ.

ވޯޓުލާން ކަނޑައެޅި ވަގުތު ހަމަވުމާ އެކު ސްޕޭނުގެ ބޮޑު ވަޒީރު މާރިއާނޯ ރަޖޯއީ ވިދާޅުވީ ގާނޫނާ ޚިލާފު ވޯޓެއް ބާއްވައިގެން ކެޓަލޯނިއާ މީހުން މޮޔަ ކަމެއް ކޮށްފައިވާ ކަމަށެވެ.

ސްޕޭނުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ވޯޓު ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހުންގެ 12 އޮފިޝަލަކު ޒަޚަމްވެފައިވާ ކަމަށެވެ. އަދި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ވޯޓުލާން ފޮށި ބެހެއްޓި 92 ސްޓޭޝަނެއް ބަންދުކުރި ކަމަށް ވެސް ބުނެފައިވެ އެވެ.

ސްޕޭން ފުލުހުން ބާރުގެ ބޭނުން ކުރުން ބާސެލޯނާގެ މޭޔަރު އަޑާ ކޮލާއޫ ވަނީ ކުށްވެރި ކުރައްވައިފަ އެވެ. ކެޓަލޯނިއާ ސަރަހައްދީ ސަރުކާރުގެ ތަރުޖަމާން ޖޯޑީ ޓުރޫލް ވިދާޅުވީ ސްޕޭން ފުލުހުންގެ އަމަލުތަކުގެ ސަބަބުން މުޅި ޔޫރަޕަށް ވެސް ބަދުނާމު ލިބިއްޖެ ކަމަށެވެ.