02 އޮކްޓޯބަރ 2017 - 07:24

ބާސެލޯނާ (އޮކްޓޯބަރު 2) – ސްޕެނިޝް ލީގުގައި ރޭ ސަޕޯޓަރުން ނުވައްދާ ހުސް ދަނޑެއްގައި ކުޅުނު މެޗުން ލިއޮނަލް މެސީގެ ދެ ލަނޑާ އެކު ލަސް ޕަލްމަސް އަތުން 3-0 އިން މޮޅުވެ ބާސެލޯނާ އިން ލީގުގައި ކުޅުނު ފުރަތަމަ ހަތް މެޗުން ހަތް ވަނަ މޮޅު ހޯދައިފި އެވެ.
ސަޕޯޓަރުން ނުވައްދާ މި މެޗު ކުޅެން ބާސެލޯނާ އިން ނިންމީ، އެ ކްލަބް ނިސްބަތްވާ ސަރަހައްދު ކަމަށްވާ ކެޓަލޯނިއާގައި ވަކި ދައުލަތަކަށް ގާއިމްކުރަން ފެނޭތޯ ބެލުމަށް އިއްޔެ ނެގި ވޯޓާ ގުޅިގެން މެޗު ފަސްކޮށްދޭން އެ ކްލަބުން އެދުނު އެދުމަށް ސްޕެނިޝް ލީގުން ދެކޮޅު ހެދުމުންނެވެ.
ބާސެލޯނާ އިން އެގޮތަށް ނިންމީ މެޗު ފެށެން 25 ވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ. އޭރު ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑު ބޭރުގައި ތިއްބެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މެޗު ފަސްކުރަން ބާސެލޯނާ އިން އެދުނީ ވޯޓާ ގުޅިގެން އެ ސަރަހައްދު އޮތީ އާއްމު ހާލަތުގައި ނޫން ކަމަށް އެ ކްލަބަށް ފެންނާތީ އެވެ. އެކަމަކު ސްޕެނިޝް ލީގުން ބުނީ މެޗު ކުރިއަށްގެންދަން ނިންމީ ސަޕޯޓަރުންގެ ސަލަމާތާއި ރައްކާތެރިކަން ކެޓަލޯނިއާގެ ފުލުހުން ކަށަވަރުކޮށްދޭތީ ކަމަށެވެ. އެކަމަކު އެ ނިންމުމާ ދެކޮޅު ހެދުމުގެ ގޮތުން ބާސެލޯނާ އިން ނިންމީ ސަޕޯޓަރުން ނުވައްދާ ކުޅޭށެވެ.
ބާސެލޯނާ އިން މެޗު ކުޅެން ޓަނެލުން ނުކުތީ އެ ކެޓަލޯނިއާގެ ކުލަތައް ހިމެނޭ އެ ކްލަބުގެ ޓްރެއިނިން ކިޓުގަ އެވެ. ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވަނީ އޭނާ ވޯޓުގައި ބައިވެރިވާ ފޮޓޯއެއް ވެސް އިއްޔެ ޓްވީޓްކޮށްފަ އެވެ.
ސްޕެއިނުގެ އިރު އުތުރުގައި އޮންނަ ކެޓަލޯނިއާގައި 7.5 މިލިއަން މީހުންގެ އާބާދީއެއް އޮންނައިރު އަމިއްލަ ބަހަކާއި ސަގަފާތެއް ވެސް އޮވެ އެވެ. ސްޕޭން ސަރުކާރުން ބުނެފައި ވަނީ ކެޓަލޯނިއާގެ މިނިވަން ކަމަށް ވޯޓުލުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށާއި އެހެންވެ އެ މަސައްކަތް ކުރާ ކޮންމެ ފަރާތަކާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ. މެޑްރިޑުގައި ގާއިމްކޮށްފައިވާ މައި ސަރުކާރުން ބުނީ 2،315 ސްޓޭޝަނުގެ ތެރޭން 1،300 ތަން ބަންދުކޮށްފައިވާ ކަމަށެވެ.
ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުއިގްޑެމޮންޓް ވިދާޅުވީ ކިތަންމެ މަދު ބަޔަކު ވޯޓުލީ ނަމަވެސް މިނިވަން ކަމަށް އާނ ބަސް ބުނެފި ނަމަ އަންގާރަ ދުވަހު މިނިވަންކަން އިއުލާން ކުރާނެ ކަމަށެވެ.
އިއްޔެ މެޗުގެ 49 ވަނަ މިނެޓުގައި ސާޖިއޯ ބުސްކެޓްސް ވަނީ ބާސެލޯނާ އަށް ލީޑު ނަގައިދީފަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 70 ވަނަ މިނެޓުގައި މެސީ ޖެހިއިރު އޭނާ ދެ ވަނަ ލަނޑު ކާމިޔާބުކުރީ 77 ވަނަ މިނެޓުގަ އެވެ.
ވާދަވެރި ރެއާލް މެޑްރިޑް ވަނީ ކެޓަލޯނިއާ އަށް ނިސްބަތްވާ އަނެއް ޓީމު ކަމަށްވާ އެސްޕަންޔޯލް އަތުން އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ. ދެ ލަނޑު ވެސް ޖެހީ އިސްކޯ އެވެ.
ފުރަތަމަ ހަތް މެޗަށް ފަހު 21 ޕޮއިންޓާ އެކު އެއް ވަނައިގައި ބާސެލޯނާ އޮތްއިރު ދެ ވަނައިގައި 16 ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ. ތިން ވަނައިގައި އޮތް ވެލެންސިއާ އާއި ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 15 ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ އަށް ތިން ވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ރެއާލް މެޑްރިޑް އޮތީ 14 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.