02 އޮކްޓޯބަރ 2017 - 06:15

ތިޔަ އުޅެނީ މޭއަންދާތީ ހެއްޔެވެ؟ ކެވުނު އެއްޗެއް، ވެގެން އުޅޭ ގޮތެއް ވެސް ނޭނގެ އެވެ. އެނގެނީ މެއިން ދިލަނަގާކަމެވެ. ގޫގުލް ކުރެން އަހާށެވެ. ވެގެން އުޅޭ ގޮތް އެެނގިދާނެ އެވެ. ބުނެވޭ ގޮތުގައި، އިންސާނުންނަށް ކުޅަދާނަ ނޫން ކިތަންމެ ކަމެއް ގޫގުލް ކޮށްދެ އެވެ.
އެ އަށް ވުރެ ވެސް ފަސޭހަ ގޮތެކެވެ. ފޯނަށް މެޑިކަލް އެޕެއް އަޅާށެވެ. ޑޮކްޓަރު އަބަދު ވެސް އޮންނާނީ މުށުތެރޭގަ އެވެ. ބޭނުންޖެހޭއިރަށް ފިތާލާނީ އެވެ. އެޕަލް ސިރީ އަދި ގޫގުލް އެސިސްޓޭންޓް ކުރެން ވެސް އަހާލެވިދާނެ އެވެ.
ސްމާޓްފޯން ޖީލުގައި ކޮންމެ މީހަކީ ވެސް ޑޮކްޓަރެކެވެ. އާދައިގެ ހާލަތުގައި ދިމާނުވާ ކަމެއް ނަމަ، އިންޓަނެޓަށް ވަންނާނީ އެވެ. މި ކަމެއް ތަޖުރިބާކޮށްފައި ހުރި މީހަކު ދުނިޔޭގެ އެހެން ހިސާބެއްގައި ހުރިތޯ ބެލުމަށެވެ. މެޑިކަލް އެޕެއްގެ އެހީގައި ފަރުވާއެއް ފަހުން ހޯދިދާނެ އެވެ.
މިހާ ހިސާބުން މި މައުލޫ ބަހުސަށް ހުޅުވާލަމެވެ. ސްމާޓްފޯނަށް ޚާއްސަކޮށްފައި ހުންނަ މެޑިކަލް އެޕްތައް ބޭނުންކޮށްގެން އަމިއްލަ އަށް ބަލި ދެނެގަތުން ރައްކާތެރި ހެއްޔެވެ؟ އިޚުތިޔާރުކުރެވޭ އެޕްލިކޭޝަނެއްގެ ސަބަބުން، ލިބޭ އިރުޝާދު އަދި ފަރުވާ ވެސް ތަފާތުވެ ދެ އެވެ.
މެޑިކަލް އެޕްތަކުގައި މައުލޫމާތު ވަރަށް ގިނަ އެވެ. ބޭސްވެރިކަން ކިޔަވާ ކުދިންނަށް އެއީ ނުހަނު ބޮޑު އެހީތެރިކަމަކަށް ވެދާނެ އެވެ. ބަލިބައްޔާ ބެހޭ ގޮތުން ދަސްކުރަން ބޭނުންވާ މީހަކަށް ވެސް އެއްޗެއް އެނގިދާނެ އެވެ. އެކަމަކު އޮތް ބިރަކީ ހަމަ ކަމެއް ދިމާވާއިރަށް، އެއިން އެއްޗެއްގެ އެހީގައި ގޮތެއް ނިންމުމެވެ. ސިއްހީ އެހީތެރިއެއްގެ އިރުޝާދާ ނުލައި ބޭހެއް ކެވުމެވެ. އެކަހަލަ މިކަހަލަ ގޮތްތަކެއް ވުމަކީ އެވެނި މިވެނި ބައްޔެއްގެ އަލާމާތެއް ކަމަށް ވިސްނި، ބަލިނުވަނީސް މާ ބޮޑަށް ބަލިވުމެވެ.
މި ލިޔުމުގައި މެޑިކަލް އެޕެއްގެ ނަން ފާހަގަކޮށް ނުލިޔަމެވެ. ވަކި ގޮތެއް އިޚުތިޔާރުކުރަން ބާރަކަށް ވެދާނެތީ އެވެ. އެހެން ނަމަވެސް ސްމާޓް މެޑިކަލް އެޕްލިކޭޝަންތައް ބޭނުންކޮށްގެން އަމިއްލަ އަށް ފަރުވާހޯދުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް ބުނަމެވެ.